ހއ. އިހަވަންދޫ ކުނިގޮޑުގައި ރޯވެ ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އަދި އެ އަލިފާންގަނޑު މިހާރުވަނީ ނިއްވާލަފައި ކަމަށް ވެސް ސަންއަށް މައުލޫމާތު ލިބެއެވެ.

މިރޭ 9:45ގައި އިހަވަންދޫ ކުނިގޮނޑުގައި ހިފި އަލިފާންގަނޑު ރަށުގެ ރައްޔިތުންނަށް ކޮންޓްރޯލް ނުކުރެވި އަނދަމުންގޮސް ކައިރީގައި ހުރި އޮޑިދޯނިފަހަރަށް ގެއްލުން ވެދާނޭކަމަށް ބެލެވޭތީ އެރަށުގެ ރައްޔިތުން އެހިސާބު ކައިރީގައި އޮންނަ ބީޗްހައުސް އެޓް އިރުވެލި މޯލްޑިވްސް (މަނަފަރު) ގައި އަލިފާންގަނޑު ނިއްވާލުމަށް އެހީތެރިވެ ދިނުމަށް އެދުމުން އެ އަލިފާންގަނޑު ނިއްވާލާފައިވަނީ އެ ރިސޯޓުގެ އަލިފާން ނިއްވާ ޓީމުން އެހީތެރިވެ ދީގެންނެވެ.

ސަން އޮންލައިންއަށް މައުލޫމާތު ދެއްވަމުން ބީޗްހައުސް އިރުވެލި މޯލްޑިވްސްގެ ފުޑްއެންޑް ބިވަރޭޖް މެނޭޖަރު ތޯހާ ވިދާޅުވީ އެބޭފުޅުންގެ އަލިފާނުގެ އެ ހާދިސާގެ ހަބަރު ލިބުމުން އެރިސޯޓުގެ އަލިފާން ނިއްވާ ޓީމުން 30 ހަކަށް މުވައްޒަފުން ޕަމްޕު ހިފައިގެންގޮސް ޕްރެޝަރުގައި ފެންޖަހައި ގާތްގަނޑަކަށް ވިއްސަކަށް މިނިޓުގެ ތެރޭގައި އަލިފާންގަނޑު ނިއްވާލާފައި ވާކަމަށެވެ.

އަލިފާނުގެ އެހާދިސާގައި އެއްވެސް ތަނަކަށް އަދި މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް ތޯހާ ވިދާޅުވި އެވެ.

ބީބްހައުސް އެޓް އިރުވެލި މޯލްޑިވްސް އަކީ ހއ. މަނަފަރުގައި ސަން ސިޔާމް ހޮޓެލްސްއިން ހިންގާ ރިސޯޓެކެވެ.