17 Jan 2013, 23:07
ދައުލަތަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް މައުލޫމާތު ހޯދުމަށް ރާއްޖެ އިން ބޭރުގެ ދެ ކުންފުންޏަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2010 ވަނަ އަހަރު 21.9 މިލިއަން ރުފިޔާ ހަރަދުކޮށް، އޭގެ އެއްވެސް ތަފުސީލެއް އެނގެން ނެތް ކަމަށް އޯޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް މިއަދު އާންމުކޮށްފައިވާ 2010 ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ރިޔާސީ ކޮމިޝަންގެ ލިޔެކިޔުންތައް ހޯދުމަށް އެކި ފަހަރު މަތިން އެ އޮފީހުން ކުރި މަސައްކަތްތަކަށް ރައީސް އޮފީހުން އިޖާބަ ދީފައި ނުވާ އިރު އެ ލިޔެކިޔުންތައް ބެލުމުގެ ފުރުސަތު އޮޑިޓް އޮފީހަށް ލިބިފައި ވަނީ ސަރުކާރު ބަދަލުވުމަށް ފަހު މިދިޔަ މާޗު މަހު ކަމަށެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި 2010 ވަނަ އަހަރު ރައީސް އޮފީހަށް ކަނޑައަޅުއްވާފައިވާ 101.1 މިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ އިތުރަށް 7.4 މިލިއަން ރުފިޔާ ވެސް ވަނީ ހަރަދުކޮށްފަ އެވެ. އަދި އެ ފައިސާ ހަރަދުކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން ދޫކޮށްގެން ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެ އެވެ.
"ފާސްކުރެވުނު ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރައްވާފައި ވަނީ މައިގަނޑު ގޮތެއްގައި ރާއްޖެ އާއި ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރުތަކަށް، 2،772،943ރ. އާއި އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ހަރަދަށް 4،758،804ރ." އޮޑިޓާ ޖެނެރަލްގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ރާއްޖެ އިން ބޭރަށް ރައީސް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި ހާސިލްވެފައި ވަނީ ކޮން ކަންތައްތަކެއްކަން އެގެން ނެތުމާއި އެ ދަތުރުތަކުގެ ރިޕޯޓް ހުށައަޅުއްވާފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން 2010 ވަނަ އަހަރު ބޭރަށް ކުރައްވާފައިވާ ދަތުރުތަކުގެ ޖުމުލަ 9.8 މިލިއަން ރުފިޔާ އަރާ ކަމަށް ރިޕޯޓްގައިވެ އެވެ.
ދެހާސް ދިހަ ވަނަ ވަނަ އަހަރު ބޫޓާނުގައި ބޭއްވި ސާކް ސަމިޓަށާއި ސަމިޓަށް ފަހު ޗައިނާ އަށް އޭރުގެ ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގަޔާއި ހަމަ އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ރައްޔިތަކު ބައިވެރިކޮށް އެ މީހާގެ ޓިކެޓްގެ އިތުރުން ހުރުމާއި ކެއުމުގެ ހަރަދުތައް ކުރައްވާފައިވާ އިރު އެއީ ކޮން ހައިސިއްޔަތަކުން ބައިވެރި ކުރެއްވި މީހެއްކަން ލިޔެކިޔުމުން އެނގެން ނެތް ކަމަށެވެ.