17 Jan 2013, 23:00
ސައުތު އޭޝިޔާ ބާސްކެޓް ބޯލް އެސޯސިއޭޝަން (ސާބާ) އިން އިންތިޒާމް ކޮށްގެން ބަންގްލާދޭޝްގެ ވެރިރަށް ޑާކާގައި މިއަދު ފެށި ސާބާ ޗެމްޕިއަންޝިޕް 2013ގައި ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލުގެ ގައުމީޓީމު އަތުން 57-82 ޕޮއިންޓުން ރާއްޖެ ބަލިވެއްޖެ އެވެ.
މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމަށް އެންމެ ގިނަ ޕޮއިންޓި ހޯދައިދިނީ މުހައްމަދު ޒިލާލު އެވެ. ރެޑްލައިން ކުލަބަށް ކުޅޭ ޒިލާލް ވަނީ މެޗުގައި ރާއްޖެއަށް 13 ޕޮއިންޓު ހޯދައިދީފަ އެވެ. އަދި ދެވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ ޓީރެކްސްއަށް ކުޅޭ އަހްމަދު ޒަބީރު އެވެ. މިއަދުގެ މެޗުގައި އޭނާވަނީ 10 ޕޮއިންޓު ހޯދައިދީފަ އެވެ.
އެމެޗުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު ރާއްޖެއަށް ލިބިފައި ވަނީ 21 ޕޮއިންޓެވެ. އަދި އެ ކުއާޓާގައި ނޭޕާލުވަނީ 24 ޕޮއިންޓު ހޯދާފަ އެވެ. ދެވަނަ ކުއާޓާގައި ރާއްޖެއިން 35 ޕޮއިންޓު ހަމަކުރި އިރު ނޭޕާލުން ވަނީ 41 ޕޮއިންޓު ހަމަކޮށްފަ އެވެ. ތިންވަނަ ކުއާޓާގައި 49 ޕޮއިންޓު ރާއްޖެއަށް ހަމަކުރެވުނު އިރު ނޭޕާލުން ވަނީ 65 ޕޮއިންޓު ހަމަ ކޮށްފަ އެވެ. އަދި ފަހު ކުއާޓާގައި ރާއްޖެއަށް އެންމެ 8 ޕޮއިންޓު ހޯދުނު އިރު 17 ޕޮއިންޓު އެކުއާޓާގައި ހޯދައިގެން ޖުމުލަ 82 ޕޮއިންޓުން މެޗު ކާމިޔާބު ކުރީ ނޭޕާލުގެ ޓީމެވެ.
މުބާރާތް ހުޅުވި މެޗުގައި ބަންގްލަދޭޝް ޓީމާއި ބޫޓާން ބައްދަލުކޮށް 89-44 ޕޮއިންޓުން އެމެޗު ކާމިޔާބު ކުރީ މުބާރާތް ބާއްވާ ބަންގްލަދޭޝްގެ ޓީމެވެ.
މިއަދުގެ މެޗަކީ ރާއްޖެއާއި ނޭޕާލު މިހާތަނަށް ބާސްކެޓުބޯޅައިގައި ބައްދަލުކުރި 4 ވަނަފަހަރެވެ. އޭގެތެރެއިން ދެފަހަރު ރާއްޖެ ނޭޕާލުގެ މައްޗަށް ކުރި ހޯދިއިރު ނޭޕާލު ވެސް މިވަނީ ރާއްޖޭގެ ޓީމުގެ މައްޗަށް ދެފަހަރު ކުރި ހޯދާފަ އެވެ.
މުބާރާތުގައި ރާއްޖެ ވާދަކުރަންޖެހޭ ދެވަނަ މެޗުގައި ހުކުރުދުވަހު ބައްދަލުކުރާނީ ޕާކިސްތާނާ އެވެ. އަދި ތިންވަނަ މެޗުގައި ޖެނުއަރީ 19 ވަނަ ދުވަހު ބޫޓާން އާއި ވާދަކުރަން ގުރުން ދިމާވެފައިވާ އިރު ރާއްޖޭގެ ޓީމު ކުޅޭ ފަހުމެޗުގައި މިމަހު 21 ވަނަ ދުވަހު ވާދަކުރާނީ މުބާރާތް ބާއްވާ ބަންގްލަދޭޝްގެ ޓީމާއެވެ.
ލީގު އުސޫލުން ކުޅެން ހަމަޖެހިފައިވާ މުބާރާތުގެ ޗެމްޕިއަންޓީމަކަށް ހޮވޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެއްބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެކެވެ.