ދައުލަތުގެ ރައްކާތެރި ކަމުގައި ބައިތިއްބަންޖެހޭ ދެ ކުޑަކުއްޖަކު މާފުށީ ޖަލަށް ގެންދިޔައީ އުޅުން ގޯސްވެފައިވާތީ އެ ކުދިންނަށް ދޭންޖެހޭ ރިހިބިލިޓޭޝަން ޕްރޮގްރާމްް ދިނުމަށް ކަަމަށް ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީން ބުނެފި އެވެ.

ކުޑަކުދިންގެ ހިޔާގައި ބައިތިއްބާފައި ވަނިކޮށް މާފުށީ ޖަލަށް ގެންދިޔަ ދެ ކުދިންނާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ދައްކާފާއިވާ ވާހަކަތައް ކުށްވެރިކޮށް ޖެންޑާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އުމުރުން 16 އަހަރާއި 17 އަހަރުގެ ދެ އަންހެން ކުދިންނަކީ ދަންވަރުގެ ވަގުތެއްގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެހިޔާއިން ނުކުމެގެން ގޮސްފައިވާ ދެ ކުދިން ކަމަށެވެ. އަދި ހިޔާއިން ނުކުމެގެން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އެ ދެ ކުދިން ގެންގޮސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޖުވެނައިލް ކޯޓަށް ފުލުހެޅި ކަމަށެވެ. އަދި އެ ކުދިންގެ ބަންދުގެ މުއްދަތުގެ ގޮތުގައި ހަތް ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށް ޖެންޑާއިން ބުންޏެވެ.

ހަތް ދުވަސް ހަމަވުމުން ކޯޓަށް މުއްދަތު ޖަހަން ގެންދިއުމުން ދެ ކުދިން ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނުމުން، ޖެންޑާ މިނިސްޓްރީން އެ ކުދިންނާ ހަވާލުވުމުގެ ކުރިން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޖުވެނައިލް ޖަސްޓިސް ޔުނިޓުން ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރި ކުރުމަށް އެ ޔުނިޓާ ހަވާލު ކުރުމަށް ނިންމި ކަމަށެވެ.

ޖެންޑާގެ ބަޔާނުގައި އަދި ބުނީ އެ ކުދިންނަށް ރިހެބިލިޓޭޝަން ނުދީ މުޖުތަމައަށް ދޫކޮށްލުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ނުވާތީ، އިސްލާހީ ޕްރޮގްރާމެއް ހިންގުމަށް އެ ދެ ކުދިން އެބަސްވެފައިވާ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމުން ފުލުހުންނާ ހޯމް މިނިސްޓްރީ ގުޅިގެން އެ ދެ ކުދިންނަށް އެފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެ އެވެ.

އެޗްއާރުސީއެމުން ދައްކަމުންގެންދާ ވާހަކަތަކަކީ ހަގީގަތް އޮޅޭގޮތަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނެ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔާ ޖެންޑާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނީ އެ ކުދިން ތިބި ހާލަތު ދެނެގަތުމަށް މިއަދު ވެސް މާފުށްޓަށް ޒިޔާރަތް ކޮށްފައިވާނެ ކަމަށެވެ. އަދި އެ ކުދިން ބައިތިއްބާފައިވާ ތަނަކީ ވަކިން ވަދެ ނުކުމެ ހެދޭ ގޮތަށް ހުރި ތަނެއް ކަމަށާއި އެ ކުދިން ދިރިއުޅޭ ކޮޓަރީގައި އެ އުމުރުފުރާގެ އެއް ބާވަތެއްގެ ކުށުގެ މާހައުލަކުން ގެންގޮސްފައި ތިބި ކުދިން ތިބޭނެ ކަމަށް ޖެންޑާއިން ބުންޏެވެ.

ޖެންޑާއިން ބުނީ ޖަލު މީހުންނަށް އެއްވެސް ވަރަކަށް އެކުދިން ފެނިދެނިވެފައިވާ ނުވާނެ ކަމަށާއި އެކުދިންގެ ކަންކަން ބެލެހެއްޓުމަށް އަންހެން ސެކިއުރިޓީ ގާޑުންނާއި އަންހެން ސްޓާފުން ބައިތިއްބާފައިވާ ކަމަށެވެ.

އެކުދިން ތިބި އިމާރާތަކީ ޖަލު ހެދުމަށް ދޫކޮށްފައިވާ ބިމުގެ ސަރަހައްދުގެ ތެރޭ ހުރި ތަނެއް ނަމަވެސް އެ ކުދިން ތިބޭ އިމާރާތަކީ ޖަލު މީހުން ބައިތިއްބަން ހަމަޖައްސާފައިވާ ތަނެއް ނޫން ކަމަށް ޖެންޑާއިން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ ނުވަ އަހަރުން ދަށުގެ ކުދިން ގެންގުޅުމަށް ހަދާފައިވާ ކުޑަކުދިންގެ ހިޔާގައި އެ އުމުރަށްވުރެ ދޮށީ ކުދިން ގެންގުޅެނީ އެ ކުދިން ގެންގުޅޭނެ އިތުރު މަރުކަޒެއް ނެތުމުން ކަމަށެވެ. އެ ކުޑަކުދިންނަކީ ކުށުގެ ވެށިން ހައްޔަރުކޮށް ކޯޓު މަރުހަލާ ނިނުމަށްފަހު، އަލުން އަނބުރާ ހިޔާއަށް ގެންދިއުމަކީ އެތަނުގައި ތިބި 50 ކުދިންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމެއް ކަމަށް ޖެންޑާއިން ބުންޏެވެ. އަދި މާފުށްޓަށް އެ ކުދިން ގެންދިޔައީ މާފުށީގައި މިހާރު ވެސް ދެ އަންހެން ކުއްޖަކަށް އިސްލާހީ ޕްރޮގްރާމް ހިންގަމުން ގެންދާތީ އެންމެ ހަރަދުކުޑަ ފަސޭހަ ގޮތަކީ އެއީ ކަމަށް ވާތީ ކަމަށް ވެސް ޖެންޑާއިން ބުނެ އެވެ.

ޖެންޑާގެ ބެލުމުގެ ދަށުގައި ތިބި ކުޑަދެކުދިންނާ ގުޅޭ ގޮތުން އެޗްއާރުސީއެމުން މީޑިއާ އަށް ހާމަކޮށްފައިވާ މައުލޫމާތު ތަކާ ގުޅޭގޮތުން ޖެންޑާއިން ބުނީ ދައުލަތުގެ އިދާރާތަކުގެ އެއްބާރުލުން ލިބިފައިނުވާ ކަމަށް އެކޮމިޝަނުން ބުނާއިރު، ކޮމިޝަނުން އަމަލުކޮށްފައި ވަނީ އިއްޔެގެ ރަސްމީ ގަޑި ނިމިގެން އޮފީސް ބަންދުކޮށްފައިވަނިކޮށް، 6:45 ގައި ޖެންޑާ މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރުނީ ކަމަށެވެ. އަދި އެ އަމުރު ނެރުމާ ހަމައަށް ވެސް އެ ކުދިންގެ މައުލޫމާތު ހޯދުމަށް އެޗްއާރުސީއެމުން މަސައްކަތްކޮށްފައިނުވާ ކަމަށެވެ.

"...މިމިނިސްޓްރީގެ އެކިބޭފުޅުންނާ ފޯނުން ގުޅުއްވި ކޮންމެ ފަހަރަކުވެސް އެކުދިން ޖަލަށްލީ ކީއްވެތޯ ސުވާލު ދެންނެވުމުން މި މިނިސްޓްރީން ބުނެފައިވާނީ އެކުދިން ޖަލަށް ނުލައި ކަމަށެވެ. ވީމާ މިކަމުގައި މި މިނިސްޓްރީން އެއްވެސް ވަރަކަށް ދޮގު ހަދާ އޮޅުވާލާފައިނުވާނެ އެވެ،"

އެ މައްސަލަ ފެންމަތި ކުރި އެޗްއާރުސީއެމުން ބުނެފައިވަނީ އެ ކޮމިޝަނަށް ދައުލަތުގެ އިދާރާތަކުގެ އެއްބާރުލުން ނުލިބުމުގެ އިތުރުން، ކޮމިޝަނުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ހަގީގަތާ ޚިލާފު މަޢުލޫމާތު ދީފައިވާ ކަމަށެވެ.