17 Jan 2013, 21:01
ކޮމިޝަން އޮފް އެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ދިރާސާ ކުރި ޔައުމިއްޔާތައް އާއްމުކުރަން ޖެހުނީ އިތުރު "އެ ނޫން އެއްވެސް ގޮތެއް ނެތިގެން" ކަމަށާއި އެ ޔައުމިއްޔާތައް އާންމުކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތައް ކަމަށް އެމްޑީޕީ ޕާލިމެންޓުރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޯނީގެ ރިޕޯޓް ދިރާސާ ކުރި ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވަމުން ގެންްދަވާ އަލީ ވަހީދު ވިދާޅުވީ ކޮމެޓީއަށް ހާޒިރު ކުރި ފަރާތް ތަކުން ދީފައިވާ ބަޔާންތަކާއެކު، "ބުޅާ ގޯނިން ނެގީމަ" ވެރިކަން ބަދަލު ކުރުމުގައި ޝާމިލުވާ ފަރާތްތަކުން މިހާރު ކަންބޮޑުވަމުންދާ ކަމަށެވެ. އަދި އެފަދަ ބޭފުޅުން އެކި ގޮތްގޮތަށް މީޑިއާގައި ވާހަކަ ފަތުރަމުން ދިޔަ ނަމަވެސް، ހަގީގަތް ދެން އޮޅުވާ ނުލެވޭނެ ކަމަށެވެ.
"މިކަން ކަން ހާމަވެގެން ދިއުމަށްފަހު އަޅުގަނޑުމެން އިއްޔެ މި ނިންމި ނިންމުން ނިންމަން ޖެހުނީ އަޅުގަނޑުމެންނައް އިތުރު އެހެންގޮތެއް ނެތުނީމަ. ރާއްޖޭގައި [ މިދިޔަ އަހަރުގެ ފެބްރުއަރީ] 6، 7، 8 ދިއުމަށް ފަހު އެއް އަހަރާ ގާތް ކުރާ ވަރަށް ދިޔައިރު، އެ ދުވަހު އެންމެ ގާތުން އެންމެ ޒިންމާދާރު މަގާމުތަކުގައި ތިބި ބޭފުޅުންގެ ބަޔާންތަކާއި އެ ބޭފުޅުންގެ ސީދާ ބަސް މިއަދާ ހަމައަށް އާއިރު ވަނީ ނުލިބި. ކޯނީ އަކީ އަމިއްލަ މީހެއްގެ އަމިއްލަ އެއްޗެއް. އަޅުގަނޑުމެންނަށް އެނގިގެން ދިޔަ އެ ބޭފުޅުން ކޯނީއަށް ދިން ބަޔާންތައް ބަދަލުކޮށްފައި ހުރިކަން. އެބޭފުޅުން ނުދައްކާ ހުރި ވާހަކަ ހިމަނާފައި ހުރިކަން. އެ ބޭފުޅުން ދެއްކި އެންމެ މުހިންމު ވާހަކަތައް އުނި ކޮށްފައިވާކަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ކޯނީގެ ދިރާސާއަށް ކޮމެޓީން ކުރި މަސައްކަތައް ހުރަސް އަޅަން މަސައްކަތް ކުރައްވަމުންދާތީ އެކަން ހައްލު ކުރުމަށް އެމްޑީޕީން މަޖިލީހަށް ސިޓީއެއް ފޮނުއްވި ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތައް އަވަސް ކޮށްދިނުމަށް އެ ސިޓީގައި ބުނެފައި ވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"މަޖިލީހުގެ ތެރޭގައި އެ ބަޔާންތަކަށް ނުފޫޒު ފޯރުވޭ ފަދަ ބައެއް ބޭފުޅުން އެ ކަމަށް ހުރަސްއަޅަން މަސައްކަތް ކުރި. ސިފައިންގެ ތެރޭގައި އެއްވެސް ކަމެއް އިސްލާހު ކުރަން ޖެހުނު ނަމަ ބަގާވާތެއް ނޫން ކަމަށް ނިންމޭކަށް ނޯންނާނެ. އެހެން ކަމުން ބަގާވާތެއް ނޫން ކަމަށް ނިންމޭނެ ހަމައެކަނި ގޮތަކަށްވީ ސެލްވަމް ބޭނުން ކޮށްގެން ސިފައިންގެއަށް އިސްލާހު ކުރަންޖެހޭ އެއްވެސް ކަމެއް ނުވަތަ ސިފައިން ކުރި އެއްވެސް ކުށެއް ނުލުން،" މިއަދުގެ ނިއުސްކޮންފަރެސްގައި ބަލަކް ވިދާޅުވިއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީން ކޯނީގެ ދިރާސާ ކުރިއަށް ގެންދިވިއިރު، އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިވަޑައިގެންނެވި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮމެޓީއަށް ހާޒިރު ކުރި ސަރުކާރުގެ މިނިސްޓަރުންގެ ފަރާތުން ކޮމެޓީއަށް އެއްވެސް ވަރަކަށް އެއްބާރުލުމެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
ކޮމިޓީން މަސައްކަތް ކުރަމުން ދަނީ ގަވާއިދުން ބޭރުން ކަމަށާއި ބަޔާންތައް އާންމުކޮށްފައި ވަނީ ވެސް މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާ ވިދާޅުވެފައި ވާތީ އަލީ ވަހީދު ވަނީ އޭނާއަށް ވެސް ރައްދު ދެއްވާފަ އެވެ.