ޕީޕީއެމްގެ ދެން ބާއްވާ ކޮންގްރެސްގައި އިންތިހާބު ކުރާ ތިން ނައިބު ރައީސުންގެ ތެރެއިން އެކަކަކީ އަންހެނަކަށް ވާންވާންޖެހޭ ގޮތައް ލާޒިމްކޮށް، އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކޮށްފި އެވެ.

ޕީޕީއެމްގެ މިހާރު އަމަލު ކުރަމުންދާ އަސާސީ ގަވާއިދުގެ 26 ވަނަ މާއްދާގެ (4) ވަނަ ނަންބަރުގައި ބުނަނީ އެ ޕާޓީގައި ތިބޭނީ ދެ ނައިބު ރައީސުން ކަމަށެވެ. ނަމަވެސް އެ ބޭފުޅުންގެ ތެރެއިން އެކަކަކީ އަންހެން ބޭފުޅަކަށް ވާންޖެހޭނެ ކަމަށް ލާޒިމްކޮށްފައެއް ނުވެ އެވެ.
~
ނަމަވެސް ޕީޕީއެމުން އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން ކުރިން ހުޅުވާލި ފުރުސަތުގައި ތިން ނައިބު ލީޑަރުންގެ ތެރެއިން އެކަކީ އަންހެން ބޭފުޅެއްގެ ގޮތުގައި އިންތިހާބު ކުރަން ލާޒިމް ކުރާ އިސްލާހު ފާސްވީ މިއަދުގެ ޖަލްސާއަށް ހާޒިރުވި 422 މެންބަރުންގެ ތެރެއިން 305 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ޕީޕީއެމްގެ އަންހެނުންގެ ގޮފީގެ ރައީސާ ދުންޔާ މައުމޫނު ސަން އަށް ވިދާޅުވީ އަސާސީ ގަވާއިދުގެ 26 ވަނަ މާއްދާ އެގޮތަށް އިސްލާހު ކުރި ނަމަވެސް އިސްލާހު ކުރި ގައިވާއިދަށް އަމަލުކުރަން ފެށޭނީ ދެން އަންނަ އިންތިހާބަކުން ފެށިގެން ކަމަށެވެ. ދުންޔާ ވިދާޅުވީ އެގޮތަށް ހަމަޖެއްސީ މިފަހަރުގެ ކެނޑިޑޭޓުން އިއުލާންކޮށް އެ ބޭފުޅުން ކެމްޕެއިން ވެސް ކުރަމުން ގެންދާތީ އެކަމަށް އެކަށީގެންވާ ވަގުތު ވެސް ނެތުމުން ކަމަށެވެ. ދެން ޕީޕީއެމްގެ ކޮންގްރެސް އޮންނާނީ 2015 އަހަރުގެ މެދު ތެރޭގަ އެވެ.

"ގަވާއިދުގެ 26 ވަނަ މާއްދާއަށް އާންމު މެމްބަރުން ހުށަހެޅި އިސްލާހު ވަރަށް ފުރިހަމަ އަގްލަބިއްޔަތަކުން ފާސްކޮށްދެއްވީ އަޅުގަނޑު އެކަމަށް މަރުހަބާ ކިޔަން. މިހާރު މި އޮތްގޮތުން ޕާޓީގައި ތިއްބަވާނީ ތިން ނައިބު ރައީސުން. އޭގެ ތެރެއިން އެއް މަގާމަކީ އަންހެން ބޭފުޅަކަށް ޙާއްސަ ކުރެވޭ މަގާމެއް. ނަމަވެސް މިފަހަރުގެ ކޮންގްރެސްގައި އަމަލުކުރާނީ ކުރިން އޮތްގޮތަށް ދެ ނައިބު ރައީސުން އިންތިޚާބުކުރާ ގޮތަށް. ދެން އަންނަ ދައުރަކުން ފެށިގެން އެގޮތަށް އަމަލުކުރާނި. މިފަހަރު ވަގުތު ވެސް ނެތީ. އަނެއްކަ މިހާރު ވަނީ ކެނޑިޑޭޓުން ވެސް އިއުލާން ކޮށްފައި،" ދުންޔާ ވިދާޅުވި އެވެ.

ޕީޕިއެމް އުފެދުނުތާ އެއް އަހަރު ފަހުން ބޭއްވި އެ ޕާޓީގެ ފުރަތަ ކޮންގްރެސްގައި ވަނީ އަސާސީ ގަވާއިދަށް 44 އިސްލާހު ހުށަހަޅާފަ އެވެ. އޭގެ ތެރެއިން ގިނަ އިސްލާހު ވަނީ ކޮންގްރެސްގެ ބޮޑު އަގުލަބިއްޔަތަކުން ފާސްވެފަ އެވެ.

ކޮންގްރެސްއިން އަސާސީ ގަވާއިދަށް ގެނައި އިސްލާހުގެ ތެރޭގައި ހިމެނެނީ ޕާޓީގެ މުސްތަޝާރުގެ ނަމުގައި އާ މަގާމެއް އުފެއްދުމަށެވެ. މުސްތަޝާރަކީ ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައި އިންތިހާބު ކާމިޔާބު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅާ އެވެ.

ޕާޓީގެ ނަމުގައި ރިޔާސީ އިންތިހާބަށް ނުކުންނަވާ ބޭފުޅެއްގެ ރަނިންމޭޓް ހޮވަންޖެހޭނީ ޕާޓީގެ ކައުންސިލްގެ ރުހުން ލިބިގެން ކަމަށް ބުނާ އިސްލާހެއް ވެސް ވަނީ ފާސްކޮށްފަ އެވެ. އަދި ޕާޓީގެ ނައިބު ރައީސް މަގާމުން ވަކިވެވޭނެ އުސޫލު ބަޔާން ކުރާ އިސްލާހެއް ވެސް ވަނީ ފާސްކޮށްފަ އެވެ.