17 Jan 2013, 20:08
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ކޮންމެ މަހަކު އެއްފަހަރު އިއުލާނުކުރާ "ކޮކާކޯލާ ވޯލްޑް ރޭންކިން" ލިސްޓުން ސަރަހައްދުގެ އެއް ވަނަ މަގާމް މިފަހަރުވެސް ލިބިފައިވަނީ ރާއްޖެ އަށެވެ.
އެއްދަރަޖައިގެ ކުރިއެރުމަކާ އެކު ސަރަހައްދުގެ އެއް ވަނަ މަގާމް ރާއްޖެއަށް ލިބުނުއިރު ދުނިޔޭގެ ރޭކިންގައި ރާއްޖެ މިފަހަރު އޮތީ 159 ވަނައިގަ އެވެ. އެހެންކަމުން ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައިވެސް ރާއްޖެ އޮތީ މެދު ކެޑުމެއް ނެތި ސަރަހައްދުގެ އެއް ވަނަ ގައުމުގެ ގޮތުގަ އެވެ.
އަށްގައުމު ހިމެނޭ ސާކު ސަރަހައްދުގެ ދެވަނަ މަގާމު މިފަހަރުވެސް ލިބުނީ އިންޑިޔާ އަށެވެ. އެގައުމު އޮތީ ކުރިންވެސް އޮތް 166 ވަނަ މަގާމުގަ އެވެ. އަދި ސަރަހައްދުގެ ތިންވަނަ މަގާމުގައި އޮތް ބަންގުލަދޭޝް ވެސް އޮތީ ހަމަ ކުރިންވެސް އޮތް 168 ވަނަ މަގާމުގަ އެވެ.
އެއްދަރަޖައިގެ ކުރިއެރުމަކާއެކު ސަރަހައްދުގެ ހަތަރުވަނަ ނޭޕާލަށް ލިބުނު އިރު އެގައުމު މިފަހަރު އޮތީ 170 ވަނައިގަ އެވެ. އަދި ސަރަހައްދުގެ ފަސްވަނަ މަގާމް އަފްގާނިސްތާނަށް ލިބުނުއިރު އެގައުމު އޮތީ ދުނިޔޭގެ ރޭންކިންގައި ކުރިންވެސް އޮތް 186 ވަނައިގައެވެ.
ސާކު ސަރަހައްދުގެ ހަވަނަ މަގާމް ލިބުނު ޕާކިސްތާނުވެސް އޮތީ ދުނިޔޭގެ ރޭންކިންގައި ކުރިންވެސް އެގައުމު އޮތް 189 ވަނައިގަ އެވެ. އަދި ހަތްވަނަ މަގާމުގައި އޮތް ޝްރީލަންކާވެސް އޮތީ އިތުރު ކުރިއެރުމެއް ނުލިބި ދުނިޔޭގެ ފުޓްބޯޅަ ރޭކިންގެ 190 ވަނައިގަ އެވެ. ސާކު ސަރަހައްދުގެ އެންމެ ފުލުގައި މިފަހަރުވެސް އޮތީ ބޫޓާނެވެ. އެގައުމުވެސް ދުނިޔޭގެ ރޭންކިންގައި އިތުރު ކުރިއެރުމެއް ނުލިބި އޮތީހަމަ ކުރިންވެސް އޮތް 207 ވަނަ މަގާމުގަ އެވެ.
ފީފާ ކޮކާ ކޯލާ ވޯލްޑް ރޭންކިންގެ ދުނިޔޭގެ އެއްވަނަ މަގާމު މިފަހަރުވެސް ހޯދީ ދުނިޔޭގެ ފުޓްބޯޅައިގެ ޗެމްޕިއަން ސްޕެއިން އެވެ. އަދި ޖަރުމަނު ވިލާތައް ދެވަނަ ލިބުނުއިރު ތިންވަނައިގައި އޮތީ އާޖެންޓީނާ އެވެ. އިޓަލީއަށް ހަތަރުވަނަ ލިބުނު އިރު އިންގުލެންޑަށް ލިބުނީ މިފަހަރުވެސް ދުނިޔޭގެ ރޭންކިންގެ ހަވަނަ އެވެ.
މިއަދު ފީފާއިން އިއުލާނުކުރި ކޮކާ ކޯލާ ވޯލްޑް ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ 12 ދަރަޖައިގެ ކުރިއެރުމަކާ އެކު ކިއުބާ އެވެ. އެގައުމު އޮތީ ދުނިޔޭގެ ރޭންކިންގެ 88ވަނައިގަ އެވެ. އަދި އެންމެ ބޮޑަށް ދަށަށް ދިޔައީ 18 ދަރަޖައިގެ ވެއްޓުމަކާއެކު ބެނިން އެވެ. އެގައުމަށް މިފަހަރު ލިބުނީ ދުނިޔޭގެ ރޭންކިންގެ 93 ވަނަ އެވެ.