ރާއްޖޭގެ ޓޫރިޒަމް ބޭރުގައި އިޝްތިހާރު ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އަށް ދައުލަތުން މި އަހަރު ދީފައިވާ 15.5 މިލިއަން ރުފިޔާގެ ބަޖެޓަކީ "ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް ޒަމާނާ އެކު އަންނަ ބަދަލުތަކާ އެއްފެންވަރެއްގައި ހިފެހެއްޓުމަށް" އެކަށީގެންވާ ބަޖެޓެއް ނޫން ކަމަށާއި އެ ބަޖެޓް އަލުން މުރާޖާ ކުރުމަށް، ޓޫރިޒަމް ޖަމިއްޔާ، މަޓީ އިން ސަރުކާރަށް ގޮވާލައިފި އެވެ.

މަޓީގެ ޗެއާމަން ކޮލި މުހައްމަދު އުމަރު މަނިކު މިއަދު ސޮއި ކުރައްވައި ނެރުއްވާފައިވާ ދެ ސަފްހާގެ ބަޔާނެއްގައި ވިދާޅުވެފައި ވަނީ މި އަހަރަކީ ރާއްޖެ އަށް އިގްތިސާދީ ގޮތުން ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހިދާނެ އަހަރެއް ކަމަށާއި ރާއްޖެއަކީ މަގުބޫލު މަންޒިލެއް ކަމަށް ހާމަކުރުމަށް ޓަކައި ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ހަރަކާތްތަކެއް ހިންގަން ޖެހޭނެ އަހަރެއް ކަމަށެވެ. ނަމަވެސް މި އަހަރަށް ކަނޑައެޅި 15.5 މިލިއަން ރުފިޔާގެ ބަޖެޓަކީ މިދިޔަ އަހަރަށް ކަނޑައެޅި 63 މިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ ހަތަރު ގުނަ ކުޑަ ބަޖެޓެއް ކަމަށެވެ. އަދި އެއީ ވޭތުވެ ދިޔަ އަށް އަހަރާ އަޅާ ކިޔިޔަސް ކުޑަ ބަޖެޓެއް ކަމަށް މަޓީން ބުންޏެވެ.

"މިފަދަ ކުޑަ ބަޖެޓެއް ރާއްޖެ އިޝްތިހާރު ކުރުމަށް ޓަކައި ކަނޑައެޅުމަކީ ރާއްޖޭގެ އިގްތިސާދުގައި މި އިންޑަސްޓްރީ އިން އަދާކުރާ ދައުރުގެ މުހިންމުކަން ކަމާ ބެހޭ ފަރާތްތަކަށް ދޭހަވެފައިވާ މިންވަރާ މެދު ސުވާލު އުފެދޭ ނިންމުމެކެވެ،" މަޓީގެ ބަޔާނުގައިވެ އެވެ.

މަޓީން ބުނީ ޓޫރިޒަމްގެ ގޮތުން ރާއްޖެއާ އެއްފަންތިއެއްގައިވާ މޮރިޝަސްއާ އަޅާ ބަލާ އިރު ވެސް އެ ގައުމުގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް މި އަހަރު 10 މިލިއަން ޔޫރޯ (207 މިލިއަން ރުފިޔާ) ކަނޑައަޅާފައިވާ ކަމަށެވެ. މަޓީން ބުނީ މޮރިޝަސްގައި ޓޫރިޒަމް ހިއްސާ ކުރަނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހަތް ޕަސެންޓް ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެ އަދަދު އުޅެނީ 29 ޕަސެންޓްގައި ކަމަށެވެ.

"(ޓޫރިޒަމް އިޝްތިހާރު ކުރުމަށް) މިހާ ކުޑަ އަދަދެއް ކަނޑައެޅުމުން މިކަން ވެގެން ދަނީ މި ދާއިރާގައި ޝާމިލުވާ ފަރާތްތަކުގެ އިތުރަށް މުޅި ގައުމަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށް،" އެ ބަޔާނުގައިވެ އެވެ.

އިންޑިއާ އާއި ސްރީލަންކާ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށާއި އަދި ދުނިޔޭގެ އިގްތިސާދު ދަށަށް ގޮސްފައިވާ ވުމާ އެކު، ރާއްޖެ އަށް ޓޫރިސްޓުން އަންނަ މައިގަނޑު ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރު ކުރުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް މަޓީން ބުންޏެވެ.

"ސަބަބަކީ އަޅުގަނޑުމެންގެ އަވައްޓެރި ގައުމުތަކާ ހިލާފަށް ރާއްޖޭގެ އިގްތިސާދު މުޅިންހެން ބިނާވެފައި މި ވަނީ ފަތުރުވެރިކަމުގެ މައްޗަށް." މަޓީގެ ބަޔާނުގައިވެ އެވެ.