ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ގާނޫނު ތަސްދީގު ކުރެއްވުމާ އެކު އެ ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރުކޮށްފަ ކުރައްވައިފި އެވެ. އެ ގާނޫނު ރައީސް ތަސްދީގު ކުރައްވާފައިވާ އިރު އެ ގާނޫނަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރުގެ މިލްކުގައިވާ ދައުލަތުގެ ވިޔަފާރި ތަންތަނާއި އެތަންތަނުގެ މިލްކުގައިވާ އެއްޗެހީގެ އިތުރުން އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމުގެ އިތުރުން މޮނިޓާ ކުރުމާއި އިވެލުއޭޓް ކުރުމުގެ އިތުރުން ދައުލަތުގެ ވިޔަފާރި ތަންތަނުން ހިއްސާ އާންމުކޮށް ވިއްކުމާއި އެކަންކަމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ގައުމުގެ އިގްތިސޯދީ ހަރަކާތްތައް ހަރުދަނާކުރުމާއި އިގްތިސޯދީ ދުވެލި އިތުރުކުރުމުގެ އިތުރުން ވާދަވެރި ވިޔަފާރީގެ މާހައުލެއް ގާއިމުކުރުމާއި އެ މާހައުލުގެ ވާދަވެރިކަން އާލާކުރުން ކަމަށެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ އިޤްތިސޯދީ އެކިއެކި މަސައްކަތްތައް ވަކިފަރާތަކަށް މިލްކުވެފައި އޮންނަ އޮތުން ނައްތާލައި ވީހާވެސް ގިނަ ފަރާތްތަކަށް އެމަސައްކަތްތައް މިލްކުކޮށް އެ މަސައްކަތްތައް ކުރުމުގައި ހަރަކާތްތެރިވެވޭނެ ގޮތް ހަދައިދިނުމަކީ އެ ގާނޫނުގެ މަގުސަދެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދައުލަތުގެ ވިޔަފާރި ހިންގުމުގައި ވީހާ ވެސް ބޮޑަކަށް ރައްޔިތުންގެ ހިއްސާ އިތުރުކުރުމާއި އެ ހިއްސާގެ ނިސްބަތް ފުޅާކުރުމާއި ދިވެހި ސަރުކާރަށް އާމްދަނީ އިތުރުކުރުމާއި ސަރުކާރާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަގު ތަނަވަސްކޮށްދިނުމަކީ ވެސް އެ ގާނޫނުގެ މަގުސަދެއްގައި ކަމަށެވެ.

"ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް، ސަރުކާރުން މީހުން އައްޔަނު ކުރުމުގައި ހަރުދަނާ އުސޫލެއް ޤާއިމު ކުރުމާއި ބޯޑުތަކަށް ސަރުކާރުން އައްޔަންކުރާ ފަރާތްތަކަކީ، ކަމަށް އެކަށީގެންވާ ޤާބިލު ބައެއް ކަމުގައި ކަށަވަރު ކުރުމާއި ބޯޑުތަކަށް ސަރުކާރުން މީހުން އައްޔަން ކުރުމާއި ވަކިކުރުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތައް ބަޔާންކުރުން ވެސް، މި ޤާނޫނުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ." ރައީސް އޮފީހުން ބުންޏެވެ.

އަދި ބުނީ އެ ގާނޫނު ތަސްދީގު ކުރައްވައި ގެޒެޓް ކުރެއްވުމާ އެކު އެ ގާނޫނުގެ ދަށުން "ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު"ގެ ނަމުގައި ބޯޑެއް އުފައްދާފައިވާ ކަމަށެވެ. އަދި އެބޯޑު އެކުލެވިގެން ވަނީ ގާނޫނުގެ ނުވަ ވަނަ މާއްދާގައިވާ ގޮތުގެ މަތިން އައްޔަންކުރާ ބޯޑުގެ ރައީސާއި ނައިބު ރައީސްއާ އެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތް މެންބަރުންގެ މައްޗަށް ކަމަށާއި އެ ބޯޑުގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މެންބަރުން އައްޔަނު ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަންވާނެ ކަމަށް ވެސް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.