އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ)ގެ އެންމެ ފަހުގެ ނިންމުންތައް ނިންމާ ގުނަވަންކަމުގައިވާ އެ އެޖެންސީގެ އެސެމްބްލީގެ ނައިބު ރައީސްކަން ދިވެހިރާއްޖެ އަށް ލިބިއްޖެ އެވެ.

އެ މަގާމަށް ވާދަކުރި ޤައުމުތަކުގެ ތެރޭގައި އިންޑިޔާ އާއި މެލޭޝިޔާ ވެސް ހިމެނެ އެވެ. އައިރީނާގެ ރައީސް ކަމަށް ހޮވުނީ މެކްސިކޯއެވެ.

އައިރީނާއަކީ ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވެގެން އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކޮށް، ކުރިއަރުވައި، އެ ދާއިރާ އިން މެންބަރު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަގްޞަދުގައި 2009 އަހަރު ގާއިމްކޮށްފައިވާ ބައިނަލްއަގްވާމީ ޖަމްޢިއްޔާ އެކެވެ. އައިރީނާގައި 105 މެންބަރު ގައުމު ހިމެނޭ އިރު އެ އެޖެންސީގެ މެންބަރު ކަމަށް އެދި އިތުރު 55 ޤައުމަކުން މިހާރުވެސް ވަނީ ހުށަހަޅައިފަ އެވެ. ދިވެހި ރާއްޖެއަކީ އައިރީނާގެ މެންބަރެއްގެ ގޮތުގައި އެންމެފުރަތަމަ ހިމެނިގެންދިޔަ ގައުމުތަކުގެ ތެރެއިން ޤައުމެކެވެ.

އައިރީނާ އުފެދިގެން މިއަދާ ހަމަޔަށް އައިއިރު އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ އިން އެ އެޖެންސީ ވަނީ ތަފާތު ގިނަގުނަ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެ ގޮތުން އައިރީނާއަކީ މިދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އެންމެ މުހިންމު އެއްފަރާތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދިވެހި ރާއްޖެ އިން އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކަކީ ދުނިޔޭގެ ފެންވަރުގައި އަބަދުވެސް ވަރަށް ބޮޑަށް ފާހަގަކުރާ މަސައްކަތްތަކެކެވެ. މިދާއިރާ އިން ދިވެހި ރާއްޖެ ކުރާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ދިވެހިރާއްޖެއަކީ އައިރީނާގެ އެންމެ ފަހުގެ ނިންމުންތައް ނިންމާ ގުނަވަންކަމުގައިވާ އެސެމްބްލީގެ ނައިބު ރައީސްގެ އިތުރުން އައިރީނާގެ ފައިނޭންސް ކޮމެޓީގެ ވައިސް ޗެއަރވެސް މެ އެވެ.

މި ވޭތުވެދިޔަ 11 މަސް ދުވަހުގެ ތެރޭގައި ރާއްޖެ ވަނީ އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ވެސް ހޮވިފަ އެވެ.