ޖަލުތަކާ ޕެރޯލްގެ ބިލް ތަސްދީގު ނުކުރައްވައި އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވާލައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ބިލާ ގުޅޭގޮތުން ރައީސް ވަހީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީގައި އެ ބިލަށް ބަންޑާރަ ނާއިބުގެ ގާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، ބިލާ ގުޅޭގޮތުން ބަންޑާރަ ނާއިބު ފާހަގަކުރެއްވި މައްސަލަތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައިވާ ކަމަށެވެ. އަދި ބަންޑާރަ ނާއިބު ފާހަގަކުރައްވާފައިވާ މައްސަލަތަކަށް ރިއާޔަތް ކުރައްވައި، އެބިލަށް އިސްލާހު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް އެ ސިޓީގައި ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބިލުގެ ތިން ވަނަ މާއްދާގެ (ބ) އާއި (ޅ)ގެ ދަށުން ކުޑަކުދިންނާއި އަންހެނުން ބަންދުކުރުމަށް ޚާއްސަ ކުރެވޭ މަރްކަޒުތަކެއް ގާއިމުކުރުން ލާޒިމުކޮށްފައި އޮތުމާއެކު، ބިލުގެ ހަތަރު ވަނަ މާއްދާގެ (ށ) ގައި، ކުޑަކުދިން ބަންދުކުރުމަށް ޚާއްސަ ކުރެވިފައިވާ މަރުކަޒު ގިންތި ކުރުމުގެ ވާހަކަ ބަޔާންކޮށްފައިވީނަމަވެސް، އަންހެނުން ބަންދުކުރުމަށް ޚާއްސަ ކުރެވިފައިވާ މަރުކަޒުގެ ވާހަކަ ހަތަރު ވަނަ މާއްދާގައި ބަޔާންކޮށްފައި ނުވާކަން ބަންޑާރަ ނާއިބު ވަނީ ފާހަގަކޮށްފަ އެވެ.

ރައީސްގެ ސިޓީގައި އެ ބިލުގެ 16 ވަނަ މާއްދާގައި "މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް" ގެ ނަމުގައި މުއައްސަސާއެއް އުފައްދަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެ މުއައްސަސާ އުފައްދާނީ، ކޮންފަރާތަކުންކަން ބިލުގައި ބަޔާންކޮށްފައިނުވާ ކަމަށް ފާހަގަކޮށްފައި ވެއެވެ. އަދި ޑީޕީއާރްއެސްއާ އެތަނުގެ މުވައްޒަފުން، އަލަށް އުފައްދާ "މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް" އަށް ބަދަލުވެގެންދާނެގޮތް ބަޔާންކުރާ އިންތިގާލީ އުސޫލުތަކެއް، ބިލުގައި ހިމެނުން މުހިންމު ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުން ކުރާ ޑިސިޕްނަރީ ކުށްތަކަށް އަދަބު ކަނޑައެޅުމަށް، ބިލުގައި ކަނޑައަޅާފައިވާ ނިޒާމަކީ، ސިވިލް ސަރވިސްގެ ގާނޫނާ ތައާރުޒުވާ ނިޒާމެއް ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.