ސިފައިންގޭ ނަމްބަރަކުން ގުޅައި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ކާރު ރޯކޮށްލަން އިންޒާރު ދިންކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ފުލުހުން އެމްއެންޑީއެފަށް ހުށަހަޅައިފި އެވެ.


ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، އާޒިމްގެ ކޮއްކޮ، މުހައްމަދު ޝިޔާޒު( މޯހަން) އަށް ސިފައިންގޭ ނަމްބަރަކުން ގުޅައި އާޒިމްގެ ކާރު ރޯކޮށްލާނެ ކަމުގެ އިންޒާރު ދިން ކަމަށް ބުނެ އާޒިމް އެމްއެންޑީއެފަށާއި ފުލުހުންނަށް މައްސަލަ ހުށަހެޅުއްވެވީ ސެޕްޓެމްބަރު 27، 2010 ގައެވެ.


ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން އާޒިމާއި އޭނަގެ ކޮއްކޮގެ ފަރާތުން ހޯދަންޖެހޭ މައުލޫމާތު ހޯދުމަށް ފަހު ސިފައިންގެއިން ހޯދަން ބޭނުންވާ މައުލޫމާތު ފޯރުކޮށް ދިނުމަށް އެމްއެންޑީއެފްގައި ރިކްއެސްޓްކޮށްފައިވާނެ ކަމަށެވެ.


އެމްއެންޑީއެފްގެ މޭޖާ އަބްދުއް ރަހީމް އަބްދުއް ލަތީފު މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގެއް ކުރަމުންދާ ކަމަށެވެ. އެހެންވެ ސިފައިންގޭ އެތެރޭގައި އެކަމުގެ އިތުރު ތަހުގީގެއް ނުހިނގާނެ ކަމަށާއި މައްސަލައާ ގުޅޭ ގޮތުން އިތުރު ކޮމެންޓެއް ނެތް ކަމަށެވެ.


ނަމަވެސް މޭޖާ ވިދާޅުވީ ސިފައިންގޭގައި ބޭނުންކުރާ އިންޓާނަލް އެކްސްޗޭންޖުން ކޯޑު ބޭނުން ކޮށްގެން ގުޅޭނެ ކަމަށާއި އާޒިމުގެ ކޮއްކޮއަކަށް ގުޅި ކަމަށް ބުނާ ނަމްބަރާއި އަދި އެހެން ނަމްބަރުތަކަށް ގުޅި ނަމަވެސް ފޯނު ނަގާނީ ކޮމިއުނިކޭޝަނުން ކަމަށެވެ. އާޒިމުގެ ކާރު ރޯކޮށްލާނެ ކަމަށް ބުނެ ފޯނު ކުރި ކަމަށް ބުނާ ނަމްބަރަކީ ސިފައިންގޭ ކޮމިއުނިކޭޝަން ނަމްބަރެއް ކަމަށް ބައެއް މިޑިޔާތަކުގައި ސިފަކޮށްފައި ވެއެވެ.


އާޒިމް ވިދާޅުވެފައި ވަނީ އޭނާގެ ކޮއްކޮއަށް ގުޅީ 3310409 ނަމްބަރު ފޯނުން ކަމަށާއި އެއީ ސިފައިންގޭ ނަމްބަރެއް ކަމަށެވެ. އެ ނަމްބަރަށް ސަންއެފްއެމް އޮންލައިނުން ގުޅުމުން ވެސް ބުނަނީ އެއީ އެމްއެންޑީއެފް ކަމަށެވެ.


އަލީ އާޒިމަކީ އެފްއޭއެމްގެ ޗެއާމަނެވެ. މީގެ ދުވަސްކޮޅެއް ކުރިން އެފްއޭއެމް އިން ވަނީ އެ ފަރާތުން ރާވާ ހިންގާ މުބާރާތްތަކުގައި ސިފައިންނާއި ފުލުހުންނަށް ވާދަކުރުމުގެ ފުރުސަތު ނުދޭން ނިންމާފަ އެވެ.