ދެހާސް އެގަރާ ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޯދަ ދޫކޮށްލި މީހަކު 150ރ. އިން ޖޫރިމަނާކޮށްފި އެވެ.

ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމުގެ ކުށުގައި ޖޫރިމަނާ ކޮށްފައި ވަނީ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2523 މުހައްމަދު މާއިފް އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އޯގަސްޓް 20، 2011 ވަނަ ދުވަހުގެ މެންދުރު 1:50 އެހާކަންހާއިރު ކާނިވާކޮށި ސްޓޭޖް ކައިރީގައި ހުރި ޓެކްސީއެއްގެ ތެރޭގައި އިނދެ ތާޒާ ބްރޭންޑުގެ ބައި ލީޓަރު ފެންފުޅިއެއް ބޮއި މަގުބޫލު އުޒުރެއް ނެތި އޭނާ ރަމަޟާން މަހުގެ ރޯދަ ދޫކޮށްލައިފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.

"... ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން މ.މ.ޚ.ދަފްތަރު 2523 މުހައްމަދު މާއިފް 150ރ. އިން ޖޫރިމަނާ ކޮށް އެފައިސާ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް މުހައްމަދު މާއިފަށް އަންގައި މިގޮތުގެ މަތިން ހުކުމް ކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.