ދިވެހިރާއްޖެއިން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަށް އަލަށް ހަމަޖެއްސި ސަފީރު އަލްފާޟިލް އަހްމަދު ސަރީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް އަރުވައިފި އެވެ. އަންގާރަދުވަހު ބޭއްވުނު ފަތްކޮޅު އެރުވުމުގެ އެ ރަސްމިއްޔާތު އޮތީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގަ އެވެ.

ސަފީރު ކަމުގެ ފަތްކޮޅާ ހަވާލު ވެވަޑައިގެންނެވުމަށް ފަހު ރައީސް އޮބާމާ ރާއްޖޭގެ އާ ސަފީރަށް މަރުހަބާ ދެންނެވި އެވެ. އަދި އޮބާމާގެ ވާހަކަފުޅުގައި ރާއްޖެއާއި އެމެރިކާއާ ދެމެދު މިހާރުވެސް އުފެދިފައި އޮތް ގާތްގުޅުމުގެ މައްޗަށް އިތުރަށް ބައްލަވައި ލެއްވިއެވެ.

ރައީސް އޮބާމާގެ ވާހަކަފުޅުގައި 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބުގެ މައްޗަށް ބައްލަވާލައްވައި ތައުރީފު ކުރައްވާފައި ވެއެވެ. އަދި ރާއްޖޭގެ ސަރުކާރުން އަބަދުވެސް ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަން ރައްކާތެރި ކުރުމަށާއި އަދި ގާނޫނުތައް ފުރިހަމައަށް ތަންފީޒު ކުރާނޭކަމުގެ ޔަގީންކަން ލިބިދިނުމަށް ގޮވާލެއްވި އެވެ.

އޮބާމާ އިތުރަށް ވިދާޅުވީ އިންޑިޔާ ކަނޑުގެ މެރިޓައިމް ސެކިއުރިޓީ ކުރިއެރުވުމަށާއި ހަރުދަނާ ކުރުމަށް ރާއްޖެއިން ކުޅޭ ދައުރު ފާހަގަ ކުރައްވާ ކަމަށެވެ. އަދި އަޅާނުލެވިއްޖެނަމަ މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ކުރިމަތިވެދާނޭ ނުރައްކާތައް ދުނިޔޭގެ ސަމާލުކަމަށް ގެންނެވި އެވެ. އަދި ދެގައުމުގެ ދެމެދުގައި ގާއިމްވެފައިވާ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގައި އަބަދުވެސް އެހީތެރި ވެވަޑައިގަންނަވާނޭ ކަމަށާއި ދެގައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ކަންތައްތަކުގައި ވެސް އެއްބާރުލުން ދެއްވާނޭ ކަމަށް އޮބާމާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އާ ސަފީރު އަހްމަދު ސަރީރު ވަނީ އޮބާމާ ދެވަނަ ދައުރަކަށް އެމެރިކާގެ ރައީސް ކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން އޮބާމާއަށް މަރުހަބާ ކިޔުއްވާފަ އެވެ. އަދި މިހާރެކޭ އެއްފަދައިން ކުރިއަށް އޮތްތަނުގައިވެސް އެމެރިކާއާ އެކު ގާތުން މަސައްކަތް ކުރައްވާނޭ ކަމަށާއި މިހާރު ހުރި ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނޭ ކަމަށް ސަފީރު ސަރީރު ވިދާޅުވި އެވެ.

ސަރީރުގެ ވާހަކަފުޅުގައި އެމެރިކާއިން ރާއްޖެއަށް ވަމުން ގެންދާ އެކިއެކި އެހީތަކަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ދެގައުމުގެ ދެމެދުގައި ތައުލީމާއި، ސަގާފަތާއި، ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމާއި އަދި ޑިމޮކްރަސީ ކުރިއެރުވުމާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހޭލުންތެރި ވުމަށް އެއްބާރުލުން ދިނުމުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން ފާހަގަ ކުރެއްވި އެވެ.