17 Jan 2013, 16:17
ޕީޕީއެމްގެ ކައުންސިލްގައި މިހާރު ތިއްބަވާ 31 މެންބަރުންގެ ތެރެއަށް ހަތަރު މެންބަރަކު އިތުރުކޮށް، އެ ޕާޓީގެ ކައުންސިލް އެކުލެވިގެން ވަނީ 35 މެންބަރުންގެ މައްޗަށް ކަމަށް ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް އިން ފާސްކޮށްފި އެވެ.
ޕީޕީއެމްގެ އުފެއްދިތާ އެއް އަހަރު ފަހުން ބޭއްވި، އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ހުށަހެޅި 44 އިސްލާހުގެ ތެރެއިން ކޮންގްރެސްގެ މިއަދު މެންދުރު ފަހު ދަންފަޅީގައި ވަނީ 15 ވަރަށް އިސްލާހު އަސާސީ ގަވާއިދަށް ގެނެސްފައިވެ އެވެ.
ޕީޕީއެމްގެ ކައުންސިލްގެ މެންބަރުންގެ އަދަދު ބަޔާންކުރާ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ)އަށް ގެނައި އިސްލާހުގައި ބުނަނީ ކައުންސިލްގެ 35 މެންބަރުންގެ ތެރެއިން ގައުމީ ޖަލްސާ އިން ފާސްކޮށްގެން ކައުންސިލަށް ހޮވާނީ 13 މެންބަރުން ކަމަށެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނަނީ ގައުމީ ޖަލްސާ އިން އިންތިހާބު ކުރަންޖެހޭނީ 11 މެމްބަރުން ކަމަށެވެ.
ގައުމީ ޖަލްސާ އިން ކައުންސިލަށް އިންތިހާބު ކުރާ މެމްބަރުންނަކީ އަންހެން ހަތަރު ބޭފުޅަކާއި ނުވަ ފުރިހެން ބޭފުޅުންނެވެ. އިސްލާހު ކުރި އަސާސީ ގަވާއިދުގައި ބުނާ ގޮތުން ކައުންސިލްގައި ދެން ތިއްބަވާނީ ޕާޓީގެ ރައީސް އާއި ނައިބު ރައީސް އާއި ޕާޓީގެ މުސްތަޝާރު ނުވަތަ ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ވާދަކޮށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ ބޭފުޅެކެވެ. އަދި ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންގެ ތެރެއިން 10 މެންބަރުނާއި ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި ޒުވާނުންގެ އަންހެނުންގެ ހަރަކާތުގެ ރައީސާއި ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އާއި ކައުންސިލަރަކާއި ޕާޓީގެ ރައީސް އައްޔަން ކުރައްވާ ތިން މެންބަރަކު ވެސް ކައުންސިލްގައި ތިއްބަވާނެ ކަމަށް އަސާސީ ގަވާއިދަށް ގެނައި އިސްލާހުގައިވެ އެވެ.
އެ އިސްލާހު ފާސްވީ އެ ވަގުތު ޖަލްސާއަށް ހާޒިރުވެ ތިއްބެވި ކޮންގްރެސްގެ 424 މަންދޫބުންގެ ތެރެއިން ތެރެއިން 316 ވޯޓާ އެކުގަ އެވެ.
ޕީޕީއެމްގެ ކޮންގްރެސްގެ ރިޔާސަތު ބަލެހެއްޓެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިދު (ސީނާ ޒާހިރު) ވިދާޅުވީ އެ އިސްލާހު އެ ގޮތަށް ފާސްވި ނަމަވެސް، އެއަށް އަމަލު ކުރަން ފަށާނީ ދެން އޮންނަ ކޮންގްރެސްއަކަށް ފަހު ކަމަށެވެ.
މިއަދު ހަވީރު 4:30 ގައި ފަށަށް ކޮންގްރެސް ވަނީ މެދުކަނޑާލާފަ އެވެ. މެދުކަނޑާލި އިރު 30 އަށް ވުރެ ގިނަ އިސްލާހަށް އަދި ވޯޓަކަށް ނާހަ އެވެ.
އެ އިސްލާހުގެ ތެރޭގައި ހިމެނެނީ ޕާޓީގެ މުސްތަޝާރުގެ ނަމުގައި އާ މަގާމެއް އުފެއްދުމަށް ހުށަހަޅާފައިވާ އިސްލާހެވެ. މުސްތަޝާރަކީ ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ކުރިމަތިލައި އިންތިހާބު ކާމިޔާބު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅާ އެވެ.
ޕާޓީގެ ނަމުގައި ރިޔާސީ އިންތިހާބަށް ނުކުންނަވާ ބޭފުޅެއްގެ ރަނިންމޭޓް ހޮވަންޖެހޭނީ ޕާޓީގެ ކައުންސިލްގެ ރުހުން ލިބިގެން ކަމަށް ބުނާ އިސްލާހެއް ވެސް އަސާސީ ގަވާއިދަށް ހުށަހަޅަފައިވެ އެވެ. އަދި ޕާޓީގެ ނައިބު ރައީސް މަގާމުން ވަކިވެވޭނެ އުސޫލު ބަޔާން ކުރާ އިސްލާހެއް ވެސް ހުށަހަޅާފައިވެ އެވެ. އެ އިސްލާހުގައި ބުނަނީ ނައިބު ރައީސެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ފާސްވެއްޖެނަމަ އޭނާ މަގާމުން ދުރުކުރެވުނީ އެވެ. އަދި ޖިނާއީ ކުށެއްގެ ހުކުމެއް އިއްވައި، އެ ހުކުމާ އެއްގޮތަށް ޝަރުއީ މަރުހަލާ ނިންމައި ހުކުމް ތަންޒީފު ކުރަންޖެހިއްޖެ ނަމަ އޭނާ މަގާމުން ވަކިވާނެ އެވެ.