17 Jan 2013, 16:10
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއިން ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ދިރާސާ ކުރުމަށްފަހު އެކޮމެޓީއަށް މައުލޫމާތު ދެއްވި ފަރާތްތަކުގެ މައުލޫމާތްތަށް ލީކް ކޮށްލި މައްސަލަ ގައުމީ ޕާޓީގެ ފަރާތުން އިންޓަ ޕާލިމެންޓަރީ ޔޫނިއަން(އައިޕީޔޫ) އަށް ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގައުމީ ޕާޓީގެ ނައިބް ރައީސް އަދި ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ އެމައްސަލަ އައިޕީޔޫއަށް ހުށައެޅީ އެކޮމެޓީއިން ބަލަމުންދިޔަ މައްސަލައަކީ ސިއްރު މައުލޫމާތުކަމަށް އެކޮމެޓީއަށް ހާޒިރުކުރި ބޭފުޅުންނާއި މީޑިއާގައިވެސް ބުނެ ކުއްލިއަކަށް ސިޔާސީ މަގުސަދަކަށް އެކޮމެޓީގައި ވާހަފުޅު ދެއްކެވި ބޭފުޅުންގެ އޯޑިއޯތައް ލީކްކޮށްލުމުން ކަމަށެވެ.
"އެމައުލޫމާތުތައް ރޭގައި އެމްޑިޕީއިން ބެއްވި ޖަލްސާއެއްގައި ލީކުކޮށްލި މައްސަލަ އަޅުގަނޑުމެން ވަރަށްބޮޑަށް ކުއްވެރިކުރަން، މިކަން ހަމައެކަނި ކުއްވެރިކުރަންޖެހޭނީ ހަމައެކަނި ރައްޔިތުންމަޖިލީހުގެ ގަވައިދުން މަނާކޮށްފައޮތީތީކީ ނޫން، މިއީ އިންޓަނޭޝަނަލް ބެސްޓް ޕުރެކްޓިސްއާ ވެސް ހިލާފް ކަމެއް" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ އެމައްސަލަ އައިޕީޔޫއަށް ހުށައެޅީ ކަމެއް ސިއްރުކުރާނަމޭ ބުނެ ބަޔަކުގެ ކިބައިން މައުލޫމާތު ހޯދުމަށްފަހު އެބަޔަކު ފަލީހަތް ވާ ގޮތަށް އެމައުލޫމާތު އާންމު ކޮށްފައިވުމުން އެއީ ދުނިޔޭގެ ބެސްޓް ޕުރެކްޓިސްއާ ހިލާފަށް ކޮށްފައިވާ ކަމަކަށް ވާތީ ހުށައެޅި މައްސަލައެއް ކަމަށާއި އެފަދަގޮތަކަށް ދުނިޔޭގެ އެހެން ޕާލަމެންޓްތަކުގައި އަމަލުނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ މަސްއޫލިއްޔަތު ކޮމެޓީއިން މިހާތަނަށް ވެސް މަަސައްކަތްކުރައްވާފައިވަނީ އެކޮމެޓީއަށް ލިބިފައިވާ މެންޑޭޓްތަކާ ހިލާފަށް ކަމަށެވެ. އަދި އެކޮމެޓީއިން ކޮށްފައިވާ މެންޑޭޓުން ބޭރުގެ ކަންތައްތަކަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ގެ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަމަށް ވިދާޅުވެ ރިޔާޒް ވަނީ ޝާހިދުއަށް ފާޑުވިދާޅުވެފައެވެ.
މަސްއޫލިއްޔަތު ކޮމެޓީގެ މައްސަލައެއް ގައުމީޕާޓީން އައިޕީޔޫއަށް ހުށައަޅާފައިވާއިރު އެކޮމެޓީއިން ކޯނީ ރިޕޯޓް ދިރާސާކުރުމަށް ބޭއްވި މަސައްކަތްތަކުގެ ތެރޭގައި އެކޮމެޓީއަށް މައުލޫމާތު ހިއްސާ ކުރެއްވި ފަރާތްތަކުގެ މައުލޫމާތުތައް އެކޮމެޓީއިން ރޭގައި ވަނީ ލީކްކޮށްލާފައެވެ. އޭގެ ތެރޭގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު އާއި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ގެ އިތުރުން އޭރު ދިފާއީ ބާރުގައި މަސައްކަތްކުރި އިސްވެރިން ދެއްކި ވާހަކަތަކުގެ އޯޑިޔޯ ރެކޯޑިން ހިމެނެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެފައި ވަނީ ކޯނީގެ ރިޕޯޓް ދިރާސާކުރުމަށް އެކޮމެޓީ އިން ކުރި މަސައްކަތަކީ އެ ކޮމެޓީގެ މެންޑޭޓުން ބޭރުންކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ކޯނީގެ ރިޕޯޓާ ބެހޭ ގޮތުން މަސްއޫލިއްޔަތު މިންވަރު ބަލާ ކޮމިޓީން ހިންގި ތަހުގީގުގެ ރިޕޯޓް އާންމުކުރިޔަސް އެފަދަ ކަމެއް ކުރެވޭނީ މަޖިލިހުގެ ތަޅުމުން ގޮތެއް ނިންމައިގެން ކަމަށެވެ.
"އޯޑިއޯ އާންމުކުރި ގޮތާ ބެހޭ ގޮތުން އަޅުގަނޑު އެއްޗެއް ދަންނަވާކަން ނެތިން. މި ދެންނެވީ މަޖިލީހުގެ ގަވާއިދުގައި އޮތް ގޮތް ތަހުގީގު ބަޔާންތަކާ މެދު އަމަލުކުރުމަށް. އެ ބަޔާންތަކާ އެއްޗެހި އާންމުކުރީ އެ ބޭފުޅުން ކޮމިޓީގައި ވޯޓެއް ނަގައިގެން. އެކަމު ގަވާއިދުގައި އޮތީ މި ދެންނެވި ގޮތަށް،" ފިލްޒާ ވިދާޅުވި ކަމަށް ހަވީރުގައިވެ އެވެ.