ވިކްޓަރީއަށް ހަތަރު އަހަރު ކުޅުމަށްފަހު މިދިޔަ ސީޒަންގައި 400،000ރ. އަށްވުރެ ބޮޑު އަގަކަށް ނިއުރޭޑިއަންޓަށް ބަދަލުވި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް ފަޒީލް(އޮއްޕޮ) ނިއު ދޫކޮށް، ބީޖީ ސްޕޯޓްސް ކުލަބާ ގުޅިއްޖެ އެވެ.

ނަން ނުޖެއްސުމަށް ޝަރުތުކޮށް، ބީޖީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ބީޖީއަށް ކުޅުމަށް އޮއްޕޮ ސޮއި ކުރީ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާ ސޮއި ކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމަކަށް ކަމަށެވެ. ނަމަވެސް އޮއްޕޮ ބީޖާއާ ގުޅުނީ ކިހާވަރެއްގެ އަގަކަށް ކަމެއް އެ އޮފިޝަލް ވިދާޅެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން އޮއްޕޮގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

އޮއްޕޮ މިސީޒަނުގައި ބީޖިއަށް ކުޅުމަށް ސޮއި ކުރިއިރު، އޭނަ ހޯދުމަށް މިއަހަރުގެ ފުޓްބޯޅަ ސީޒަނާ ކުރިމަތިލާ ވާދަވެރި ދެޓީމަކުން ވަނީ މަސައްކަތް ކޮށްފައެވެ. އެއީ މާޒިޔާ އާއި ވެލެންސިޔާއެވެ.

ތިން ފަހަރެއްގެ މަތިން ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އޮއްޕޮ ހޯދުމަށް ބައެއް ކުލަބު ތަކުން މަސައްކަތް ކުރިއިރު، ހުސްވި ސީޒަންގައި އޭނާ އަށް ވަނީ ގިނަ އަނިޔާތަކާ ކުރިމަތިލާން ޖެހިފައެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ބީޖީއަށް ކުޅުމަށް އޮއްޕޮ ސޮއި ކޮށްފައި ވާއިރު، މީގެ ކުރިން އެޓީމަށް ކުޅެން އެއްބަސްވެ ސޮއި ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމް އަދި ވީބީގެ ކެޕްޓަން އައްސަދު (އަޑުބަރޭ) އާއި އަހުމަދު އަޝްފާނާއި އާދަމް ފަޒީހް (ފަޒިއްކޮ) އާއި ފަރުހާދު އިސްމާއީލް އަދި ނިއުގެ މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި އީގަލްސްގެ ކީޕަރު މުހައްމަދު ޔަމާނާއި ވިކްޓަރީއަށް ކުޅުނު މުހައްމަދު ޝައްފާޒު (ސައްޕޭ) އާއި އީގަލްސްގެ އަހުމަދު ރިލްވާނާއި ވިޔަންސާގެ މަޒުހަރު އަބުދުﷲ އާއި ހުސްވި ސީޒަނުގައި ވެލެންސިއާގެ ގޯލު ބެލެހެއްޓި އިބްރާހީމް އިފްރާހު އަރީފާއި ވިކްޓަރީއަށް ކުޅުނު ޑިފެންޑަރު އިބްރާހީމް ޝިނާޒް އަދި ވިޔަންސާގެ ކެޕްޓަން އަހުމަދު ޒާދު ހިމެނެ އެވެ.

މިއަހަރުގެ ސީޒަނުގައި ބީޖީގެ ހެޑް ކޯޗަކަށް މިދިޔަ އަހަރު ވެސް އެ މަގާމުގައި ހުރި މުހައްމަދު ޝާޒްލީ ހަމަޖެއްސިއިރު، އޭނަގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައި ވަނީ އެފްއޭއެމްއިން އެންމެ ފަހުން ބޭއްވި އަންހެން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ސަން ޓީމަށް ކޯޗް ކޮށްދިން ވިކްޓަރީގެ ކުރީގެ ޑިފެންޑަރު އިސްމާއިލް އަނިލެވެ.