ރައްޔިތުންގެ މަޖިލީހުގައި މިހާރު އެމްޑީޕީގެ މެންބަރުން ތަމްސީލް ކުރައްވާ ދާއިރާތަކުގެ ގޮނޑި އެ މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ދިނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވަކާލާތު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

"އެމްޑީޕީ ކާމިޔާބުގެ 2013 " ގެ ނަމުގައި ރޭ ކާނިވަލް ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިހާރުން ފެށިގެން އެކަމަށް މަސައްކަތް ފެއްޓެވުމަށް ގޮވާލައްވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެމްޑީޕީގެ މެމްބަރުން ތިބި ގޮޑިތައް ޕްރައިމަރީއަކާ ނުލައި އެންޑޯސް ކޮށްދެއްވުމަށް ޤައުމީ މަޖިލީހުގައި ވަކާލާތުކުރައްވާނޭ ކަމަށެވެ.

" އެބޭފުޅުން ވަނީ އެމްޑީޕީއަށްޓަކައި އެތައް ޤުރުބާނީއެއް ވެފައި. ސިޔާސީ މައިދާނުގައި މި ޕާޓީއަށް މިހާ ހިސާބަށް މި އާދެވުނީ، ޕާލިމެންޓްރީ ގްރޫޕް ނުރޫޅި ޕާޓީއަށްޓަކައި އޮތުމުން. އެހެން ކަމުން އަޅުގަނޑު އެބޭފުޅުންނަށް ޕްރައިމަރީއަކާ ނުލައި ގޮނޑި އެންޑޯސްކޮށްދެއްވުމަށް އަޅުގަނޑުމެންގެ ޤައުމީ މަޖިލީހުގައި އެދޭނަން.” މޫސަ ވިދާޅުވިއެވެެ.

މޫސަ ވަނީ ރައްޔިތުންގެ މަޖިލީހުގައި އެހެން ސިޔަސީ ޕާޓީތައް ތަމްސީލް ކުރައްވާ މެންބަރުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ގޮވައިލައްވާފަ އެވެ. އަދި ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވާ ދާއިރާތަކުގެ ގިނަ ގޮނޑި ތަކަކީ އެމްޑީޕީ އަށް ލިބޭނެ ކަން ކަށަވަރު ވެފައިވާ ގޮނޑި ތަކެއް ކަމަށެވެ. އެހެންކަމުން އެހެން ދާއިރާ ތަކުގެ ގޮނޑިތައް ކާމިޔާބު ކުރަން ބޭނުންވަންޏާ ވެސް އެމްޑީޕީއާ ގުޅިވަޑައި ގަތުމަށް މޫސަ ގޮވައި ލެއްވި އެވެ.

އެމްޑީޕީ ރޭ ބޭއްވި އެ ޕާޓީގެ ހާއްސަ ޖަލްސާގައި ވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމަށް ރިޔާސީ ކެނޑިޑޭޓާ އެކު އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެއްޓުން އިޢުލާން ކޮށްފައެވެ. މޫސަ ވިދާޅުވީ، ކެމްޕެއިން ފަށައިގަތުމަށް ރިޔާސީ ކެނޑިޑޭޓް ހުންނެވީ ތައްޔާރަށް ކަމަށާއި، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓާ ނުލައި ބާއްވާ އިންތިޚާބެއްގެ ވޯޓު ފޮށި ނަގަން ޖެހޭނީ މޫދުން ކަމަށެވެ.