އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ހދ. ހަނިމާދޫ އާއި އިންޑިއާގެ ޓްރިވެންޑްރަމާ ދެމެދު ވައިގެ ދަތުރުތައް ފަށާގޮތަށް ހަމަޖައްސައިފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަލް އެއާޕޯޓެއްގެ ގޮތަށް ބަދަލުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަފްތާއަކު ދެ ފްލައިޓް ހަނިމާދޫން ޓްރިވެންޑްރަމަށް ދަތުރުކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަފްތާ އަކު ދެ ފްލައިޓް ހަނިމާދޫ އިން ޓްރިވެންޓްރަމަށް ދަތުރުކުރާގޮތަށް ވަނީ ހަމަޖައްސާފައި،" ނަޝާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓިކެޓްގެ އަގުތަކާ ފްލައިޓް ޝެޑިއުލްތައް އަދި ކަނޑައެޅިފައި ނުވާކަމަށާއި އެކަން ކަނޑައެޅުމަށް ފަހު އާދީއްތަ ދުވަހު އާންމު ކުރާނެ ކަމަށެވެ.

ހަނިމާދޫން އިންޑިޔާއަށް ދަތުރު ފަށާއިރު ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ ފަތުރުވެރިން ގޮތުގައި ނޫން ގޮތްގޮތަށް އިންޑިއާ އަށް ދާ ދިވެހީން ވިސާ ނަގަން ޖެހޭއިރު ދިވެހީންނަށް ވިސާ ދޫކުރަނީ މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ކަމެވެ. ހަނިމާދޫ އިން އިންޑިއާ އަށް ދަތުރު ކުރިނަމަވެސް ވިސާ ނަގަންޖެހޭ ފަރާތްތަކުން ވިސާ ނަގަންޖެހޭނެ ކަމަށާއި ވިސާ ނެގުމަށް ހުށަހަޅަން ޖެހޭ ލިޔުންތަކުގެ އޮރިޖިނަލް ކޮޕީ ހައިކޮމިޝަނަށް ހުށަހެޅުމުން ނޫނީ ވިސާ ދޫނުކުރެވޭނެ ކަމަށް އިންޑިއަން ހައިކޮމިޝަނުން ސަން އޮންލައިނަށް މައުލޫމާތު ދިނެވެ.

"ފުރާ މީހާ ހައިކޮމިޝަނަށް ނަޔަސް، ވިސާ ލިބިދާނެ. އެހެން ނަމަވެސް އެހެން މީހަކު މެދުވެރިކޮށްގެން ނަމަވެސް ވިސާ ލިބޭނީ އެމީހާގެ ޑޮކިއުމަންޓްތަކުގެ އޮރިޖިނަލް ހައިކޮމިޝަނަށް ހުށަހަޅައިގެން،" ހައިކޮމިޝަނުގެ އޮފިޝަލް ވިދާޅުވިއެވެ.