ރޭ އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގެ ރިޕްލޭގައި އާސެނަލް އާއި ސްވަންސީ ސިޓީ ކުޅުނު މެޗު އެކެއް ސުމަކުން އާސެނަލް ކާމިޔާބު ކޮށްފައިވާ އިރު ތިންވަނަ ބުރުގެ ރިޕްލޭގައި ވެސްޓްހޭމް ޔުނައިޓެޑް އަތުން އެކެއް ސުމަކުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭކުޅުނު މެޗުގައި އާސެނަލް އަށް ލަނޑުޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ސްވަންސީގެ ކީޕަރު ވަނީ އެ ހަމަލާތައް ހުށިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ.

މެޗުގައި ފެނުނު ހަމަ އެކަނި ލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދިނީ މެޗުގެ ފަހުހާފުގެ އިތުރު ވަގުތުގައި ޖެކް ވިލްޝެއާއެވެ.

ރޭގެ އެ މެޗަށްފަހު އާސެނަލްގެ ކޯޗް އާސީން ވެންގާ ވަނީ ވިލްޝެއާ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އަދި އޭނާ ބުނީ "ވިލްޝެއާ މެޗުގައި ދެއްކީ އާދަޔާ ހިލާފު ކުޅުމެއް" ކަމަށެވެ.

އޯލްޑް ޓްރަފޮޑްގައި ރޭ ކުޅުނު އެފްއޭކަޕްގެ ތިންވަނަ ބުރުގެ ރިޕްލޭ މެޗުގައި ޔުނައިޓެޑަށް ލަނޑު ކާމިޔާބުކޮށްދިނީ ހުސްވި ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު ރޭގެ މެޗަށް ނުކުތް އެޓީމުގެ ނުރައްކާތެރި ފޯވަޑް ވޭން ރޫނީ އެވެ. ރޫނީ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ ނުވަނަ މިނިޓުގައެވެ. އެހެން ނަމަވެސް އޭނާވަނީ މެޗުގެ 78 ވަނަ މިނިޓުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއެއް މިސްކޮށްލާފަ އެވެ.

ރޭގެ މެޗުން މޮޅުވުމުން އާސެނަލްއާއި ޔުނައިޓެޑަށްވެސް ވަނީ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ލިބިފަ އެވެ. އެގޮތުން މިމަހު 26 ވަނަ ދުވަހު ޔުނައިޓެޑް ވާދަކުރަން ޖެހޭނީ ފުލަމްއާ އެވެ. އަދި އާސެނަލް ކުޅެން ޖެހޭނީ ބްރައިޓަން އެންޑް ހޯވް އަލްބިޔަން އާއެވެ.