17 Jan 2013, 14:58
ވޮޝިންޓަން (ޖަނަވަރީ 17): އެމެރިކާގައި ރަޖިސްޓްރީކޮށްފައިވާ ބޮއިންގް 787 ޑްރީމްލައިނާ މަރުކާގެ ހުރިހާ މަތިންދާބޯޓުތަކެއް ބިންމަތިކުރުމަށް އެމެރިކާގެ ފެޑްރަލް ސިވިލްއޭވިއޭޝަން އޮތޯރިޓީން އަމުރުކޮށްފި އެވެ.
އެ އިދާރާ އިން ބުނީ ބޮއިންގް 787 ޑްރީމްލައިނާ ބޯޓުތަކުގައި މައްސަލަތަކެއް ހުރި ކަމަށް ބެލެވޭ ކަމަށާއި އެހެންކަމުން އެކަން ބަލައި ޗެކްކޮށް ސަލާމަތީ ގެރެންޓީ އަލުން ލިބުމުން ނޫނީ އެމަރުކާގެ މަތިންދާ ބޯޓުތައް އުދުހުމުގެ ހުއްދަ ނުދެވޭނެ ކަމުގަ އެވެ. އެމެރިކާގައި ބޮއިންގް 787 ޑްރީމްލައިނާ ބޯޓުތައް ބޭނުންކުރަނީ އެންމެ އެއަރލައިނަކުންނެވެ. އެއީ ޔުނައިޓެޑް އެއާލައިންސް އިންނެވެ. އެ ކުންފުނީގެ އުދުހުންތަކުގައި މިމަރުކާގެ ހަ ބޯޓު ބޭނުންކުރާ ކަމަށްވެ އެވެ. ނަމަވެސް އެމެރިކާގެ ފެޑްރަލް ސިވިލްއޭވިއޭޝަން އޮތޯރިޓީންނެރުނު މި އަމުރާ ގުޅިގެން އެހެން ގައުމެއްގެ ކުންފުންޏަކުން ބޭނުންކުރާ ބޮއިންގް 787 ޑްރީމްލައިނާގެ ބޯޓަކަށް ވެސް އެމެރިކާގައި މިވަގުތު އުދުހުމުގެ ފުރްސަތެއް ނޯންނާނެ އެވެ.
ބޮއިންގް 787 ޑްރީމްލައިނާގެ ބޯޓުތަކުގައި މައްސަލައެއް އުޅޭކަން ކަށަވަރުކޮށްދިނީ ޖަޕާނުންނެވެ. ޖަޕާނުން ބުނެފައި ވަނީ އެ ގައުމުގެ ތަކަމަޓްސޫ އެއާޕޯޓަށް ބޮއިންގް 787 ޑްރީމްލައިނާގެ ބޯޓެއް އިމަޖެންސީކޮށް ޖައްސަން ޖެހުނު ކަމަށާއި އެހެން ދިމާވީ އެ ބޯޓުގެ ބެޓެރިއަކަށް ދިމާވި މައްސަލައަކާ ގުޅިގެންބޯޓުގެ ސިސްޓަމްގެ ތެރެއިން ލިބުނު މެސެޖަކާ ގުޅިގެން ކަމުގަ އެވެ. ބޮއިންގް ކުންފުނިން އެމަރުކާގެ މަތިންދާބޯޓުތަކުގައި އެއްވެސް މައްސަލައެއް އުޅޭކަމަށް އަދި އެއްބަހެއް ނުވެ އެވެ. ނަމަވެސް ޖަޕާނުގެ ޝަކުވާއާގުޅިގެން އެކަން ރަނގަނޅަށް ބަލާނެކަން އެކުންފުނިން ހާމަކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ޖަޕާނުން ވެސް ވަނީ އެ ގައުމުގެ ވައިގެ އުދުހުންތަކުގައި ބޭނުންކުރާ ބޮއިންގް 787 ޑްރީމްލައިނާގެ ބޯޓުތައް ބިންމަތިކުރުމަށް އަމުރުކޮށްފަ އެވެ. މިބާވަތުގެ ބޯޓުތައް އެންމެ ގިނައިން ބޭނުންކުރަނީ ޖަޕާނުގެ އެއާލައިންތަކުންނެވެ. (ބީބީސީ)