17 Jan 2013, 15:08
މިއަހަރުގެ ޅެންވެރިންގެ ދުވަހާ ގުޅުވައިގެން ލިޔުންތެރީންގެ ގުޅުމާއި ހުޅުމާލޭ ޣާޒީ ސްކޫލް ގުޅިގެން އެސްކޫލްގައި ހާއްސަ ޖަލްސާއެއް ބާއްވައިފި އެވެ.
ރޭގެ އެޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ކުރީގެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމް އެވެ.
ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައި ދިވެހި އަދަބީ ފަންނުގައި ޅެންވެރިކަމަށް ދެވިފައިވާ ގަދަރުގެ މައްޗަށް ބައްލަވައިލެއްވި އެވެ. އަދި އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި ދިވެހި އަދަބީ ފަންނުގައި އެންމެ އިސްކަމެއް ދެވިފައިވަނީ ޅެންވެރިކަމަށެވެ.
ދިވެހި އަދަބީ ޖަމިއްޔާއެއް ކަމަށްވާ ލިޔުންތެރީންގެ ގުޅުމުގެ ނައިބު ރައީސް އަލްފާޟިލް އަހްމަދު ޝާކިރު (ކަށިމާ) ވެސްވަނީ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާގެ ވާހަކަފުޅުގައި ދިވެހި ޅެންވެރިކަމަށް ވަރަށްބޮޑަށް ބައްލަވާލައްވާފައި ވެއެވެ.
ރޭގެ ޖަލްސާގައި ދިވެހި ޅެންވެރިކަމަށް އަންނަ ބަދަލު ތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދެއްކެވީ ޅެންވެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމް ހާސިލު ކުރައްވާފައިވާ އުތީމު އަލްފާޟިލް އާދަމް އަބްދުއްރަހްމާން އެވެ.
ލިޔުންތެރީންގެ ގުޅުމުން ދިވެހި ޅެންވެރިކަމުގެ ދުވަހާ ގުޅުވައިގެން އަހަރަކު އެއްފަހަރު ނެރޭގޮތަށް މިދިޔަ އަހަރު ނެރެންފެށި "ޅެންވެރިޔާ" ފޮތުގެ ދެވަނަ އަދަދު ނެރެދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާނު ޢައްބާސް އިބްރާހީމް އެވެ.
އަދި ރޭގެ ޖަލްސާގައި ލިޔުންތެރީންގެ ގުޅުމުގެ ފަރާތުން ޣާޒީ ސްކޫލަށް ފޮތް ހަދިޔާކުރުމާއި ރޭގެ ހަރަކާތްތަކުގައި އެސްކޫލްގެ ފަރާތުން ބައިވެރިވި އެންމެހައި ދަރިވަރުންނަށް ހަދިޔާ ދިނުން އޮތެވެ. ދަރިވަރުންނަށް ހަދިޔާތައް ބައްސަވައިދެއްވީ ލިޔުންތެރީންގެ ގުޅުމުގެ ރައީސް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން އެވެ.
ދިވެހި ޅެންވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ފާހަގަ ކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 15 ދުވަހެވެ. ޅެންވެރީންގެ ދުވަސް ފާހަގަ ކުރެވެނީ ދިވެހި ޅެންވެރިކަމުގެ ގުލްފާމުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބު ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވި ދުވަހާ ގުޅިގެންނެވެ.