17 Jan 2013, 14:56
އެމްވީކޭ މޯލްޑިވްސް އަށް ޚިޔާނާތްތެރިވި މީހަކު އެއް އަހަރާއި ފަސް މަސް ދުވަހުގެ މުއްދަތަށް އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެމްވީކޭ މޯލްޑިވްސް އަށް ޚިޔާނާތްތެރި ވުމުގެ ކުށުގައި އަރުވާލަން ހުކުމް ކޮށްފައި ވަނީ ޏ. ފުވައްމުލައް، ދަނޑިމަގު، ފިނިވާގޭ ނަޒީހު މުހައްމަދު ސައީދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އެމްވީކޭ އޮފީހުގެ މަސައްކަތު މީހަކަށް ހުރެ އެތަނުގެ 11،340ރ. އަށް އޭނާ ޚިޔާނާތްތެރިވިކަން ނަޒީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އޭނާ އަރުވާލަން ހުކުމް ކޮށްފައި ވަނީ މިހާރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.
މީގެއިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޫކުރާ ފައިސާގެ ރަސީދާއި އަހަރީ ފީގެ ސްޓިކާ އަމިއްލަ އަށް ތައްޔާރުކޮށް އެތަކެތި ބޭނުން ކުރަން އުޅުނުކަން ޝަރީއަތަށް ސާބިތުވުމުން އޭނާ 1000ރ. އިމް ޖޫރިމަނާ ކުރުމަށް ފަހު އެފައިސާ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ކްރިމިނިނަލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރީ ދޮގުހެކި ދިނުމުގެ ކުށުގެ ދައުވާ އެވެ.