އަލްޖަޒާއިރު (ޖަނަވަރީ 17): އަލްޖަޒާއިރުގެ ތެލުގެ ސިނާޢަތުގައި މަސައްކަތްކުރާ ހުޅަނގުގެ 41 މީހަކު އެގައުމުގެ ހަތިޔާރުއެޅި ޖަމާއަތަކުން ރަހީނުކޮށްފި އެވެ.

އަލްޖަޒާއިރުގެ ރަސްމީ ނޫސްއެޖެންސީ ޚަބަރުދޭ ގޮތުގައި ހަތިޔާރުއަޅައިގެން މޫނު ވެސް ފޮރުވައިގެންތިބި ބަޔަކު އެ ގައުމުގެ ދެކުނުގެ ޢައިން އިމްނާސް ސަރަޙައްދުގައި ހަރަކާތްތެރިވާ ގައުމީ ތެލުގެ ކުންފުނިކަމަށްވާ ސުނަތްރާކްގެ މަރުކަޒަކަށް ޙަމަލާދީ އެތާނގައި މަސައްކަތްކުރާ ހުޅަނގުގެ 41 މީހަކު ވަގަށްނަގައި ރަހީނުކޮށްފައިވާކަމުގަ އެވެ. ތިން ކާރެއްގައި ޙަރަކާތްތެރިވަމުން ދިޔަ ހަތިޔާރުއެޅި މިޖަމާއަތުގެ މީހުން ފުރަތަމަ ހަމަލާދިނީ އެމަރުކަޒުން މުވައްޒަފުން ގޮވައިގެން ނުކުތް ބަހަކަށް ކަމަށާ އެބަހަށް ދިން ޙަމަލާތަކުގައި އިނގިރޭސިވިލާތުގެ ރައްޔިތަކާއި އަލްޖަޒާއިރު ރައްޔިތަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އަލްޖަޒާއިރުގެ ނޫސްއެޖެންސީ ބުނެ އެވެ.

އަލްޖަޒާއިރުގެ ސަރުކާރު ބުނާ ގޮތުން އެގައުމުގެ ސިފައިން ވަނީ ރަހީނުކުރި މީހުން މިނިވަންކުރުމުގެ ޢަސްކަރީ އޮޕަރޭޝަނެއް ފަށައިފަ އެވެ. ނަމަވެސް އެންމެ ފަހުން ލިބުނު ޚަބަރުތައް ބުނާ ގޮތުން ހަތިޔާރުއެޅި އެ ޖަމާއަތުން ވަނީ އަލްޖަޒާއިރުގެ ސިފައިން ހިންގި ޢަސްކަރީ އޮޕަރޭޝަން ނާކާމިޔާބުކޮށްލާފަ އެވެ. އެއޮޕަރޭޝަން ނާކާމިޔާބުވީ ރަހީނުން މަރާލާނެކަމުގެ އިންޒާރު ހަނގުރާމަވެރިން ދިނުމުން ކަމަށްވެ އެވެ. ރަހީނުންނަށް ގެއްލުން ނުލިބޭ ގޮތަށް އެ މީހުން މިނިވަންކުރުމަށް އަލްޖަޒާއިރުގެ ސިފައިންގެ ޚާއްސަ ޔުނިޓަކުން ކުރިމަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
އަލްޖަޒާއިރުގައި ހިންގި، މީހުން ރަހީނުކުރި މިޙާދިސާގެ ޒިންމާ އުފުލާފައި ވަނީ އަލްގާޢިދާއާ ގުޅިފައިވާ އެގައުމުގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ "އަލްމުވައްޤިޢޫން ބިއްދިމާއި" ބްރިގޭޑުންނެވެ. މިއީ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށް އަލްޖަޒާއިރުން ސިފަކުރެ އެވެ. މިޖަމާއަތުން ވަނީ މިއީ ފަރަންސޭސިވިލާތުން އެފްރިކާގެ އިސްލާމީ ގައުމެއްކަމަށްވާ މާލީއަށް ޢަސްކަރީ ގޮތުންވަދެގަނެ ކުރަމުންގެންދާ ހަނގުރާމައާއި ލޭއޮހޮރުވުންތަކަށް ބަދަލުހިފުމުގެ ގޮތުން ހިންގި ޢަމަލެއްކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. މާލީގެ އުތުރުގައި ޙަރަކާތްތެރިވާ އިސްލާމީ ހަނގުރާމަވެރިންނާ ދެކޮޅަށް ފަރަންސޭސިވިލާތުން ކުރަމުންގެންދަނީ ސަލީބީ ހަނގުރާމައެއް ކަމަށް ވެސް މި ބަޔާނުގައި ސިފަކޮށްފައިވެ އެވެ. އަދި އަލްޤާޢިދާ އާ ގުޅިފައިވާ ކަމަށް ސިފަކުރެވޭ މާލީގެ އިސްލާމީ ހަނގުރާމަވެރިން އެގައުމުގައި ބިނާކުރަން މަސައްކަތްކުރަނީ "އިސްލާމީ" ދައުލަތެއް ކަމަށްވެސް ބުނެފައިވެ އެވެ.

އެބަޔާނުގައި ހުޅަނގުގެ މީހުން ރަހީނު ކުރުމަށް އަލްޖަޒާއިރު އިޚްތިޔާރުކުރީ އެގައުމުގެ ސަރުކާރުން ފަރަންސޭސީންގެ ސަލީބީ ހަނގުރާމައަށް ތާއީދުކޮށް އެހީތެރިކަން ފޯރުކޮށްދޭތީ ކަމަށްވެސް ބުނެފައިވެ އެވެ. އަލްޖަޒާއިރުގައި ޙަރަކާތްތެރިވާ ހަރުކަށި ބައެއް ހަނގުރާމަވެރިންނަކީ ކުށެއްނެތް މީހުން ވަގަށް ނެގުމާއި މެރުމުގައި ޙަރަކާތްތެރިވާ ބަޔެކެވެ. މީގެކުރިން ވެސް މީހުން ވަގަށް ނެގުމުގެ އެތައް ޢަމަލުތަކެއް އެފަދަ ބައެއް ހިންގާފައިވެ އެވެ. (އަލްޖަޒީރާ)