ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ހަރަކާތުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސިފައިންގެ މީހެއްކަމަށްވާ އަޒްލިފް ރައޫފް ވެސް ޝަރުތުތަކަކާ އެކު މިއަދު ދޫކޮށްލައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އަޒުލިފް އިތުރަށް ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް ފުލުހުން މިއަދު މެންދުރު ކްރިމިނަލް ކޯޓަށް އޭނާ ގެންދިއުމުން އެ ކޯޓުން ވަނީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލާފަ އެވެ.

އޭނާ ދޫކޮށްލުމަށް ކުރި ޝަރުތުތަކުގެ ތެރޭގައި ފުލުހުން އަންގާ ކޮންމެ ގަޑިއަކަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

އެންމެ ފަހުން ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލުމަށް ފައިސާ ޚަރަދުކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގު ނިމުމުން އެ މީހުންގެ މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް ކޮމިޝަނާ ވަނީ ވިދާޅުވެފަ އެވެ.