17 Jan 2013, 14:04
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓްރުގެ ބަޖެޓުގެ ތެރެއިން ގުދުރަތީ ގޮތުން ލިބޭ ގެއްލުމަށް ފައިސާ އިންދޭ އެހީގެ ގޮތުގައި 72.82 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އެ ބަޖެޓުން ހަރަދުކޮށްގެން ނުވާނެ ކަން ކަމަށް 61 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަން ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް އާންމުކޮށްފައިވާ ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ބަޖެޓުން އެ ސެންޓަރުގެ މަސްއޫލިއްޔަތުތަކާ ގުޅުމެއްނެތް ކެޕިޓަލް މަސައްކަތްތަށާއި ހިޔާނާތުގެ ގޮތުގައި ބޮޑެތި ހަރަދުތަކެއް ގަވައިދާ ހިލާފަށް ކުރައްވާފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ގުދުރަތީ ގޮތުން ލިބޭ ގެއްލުމަށް ފައިސާއިން ދޭ އެހީގެ ގޮތުގައި 72823743ރ. ހަރަދުކޮށްފައިވާއިރު ހިޔާނާތުގެ ގޮތުގައި ކަމަށް ބެލެވޭ ކަންކަމަށާއި އެމުއައްސަސާގެ މަސްއޫލިއްޔަތުތަކާ ގުޅުމެއްނެތް ކަންކަމަށް ގިނަ ހަރަދުތަކެއް މާއްލިއްޔަތު ގަވައިދާ ހިލާފަށް ކޮށްފައިވާކަން ފާހަގަކުރެވޭކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ. އެގޮތުން އެބަޖެޓުން ހަރަދުކުރައްވައިގެން ނުވާނެ ކަންކަމަށް ޖުމުލަ 61709954ރ. ހަރަދުކޮށްފައިވާކަން އެއޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އެމައްސަލައިގައި އޮޑިޓާ ޖެނަރަލް އަރުވާފައިވާ ލަފާގައި ވިދާޅުވެފައިވަނީ ޑިޒާސްޓާމެނޭޖްމަންޓް ސެންޓަރަކީ ވަކި ހާއްސަ މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާ މުއައްސަސާއަކަށްވާއިރު އެމަސްއޫލިއްޔަތުގައި ނުހިމެނޭ ކަންކަމަށް ހަރަދުނުކުރުމަށް ދަންނަވާކަމަށެވެ. އަދި އެމުއައްސަސާއިން މިހާރު ކުރަމުންދާ އެމުއައްސަސާއާ ގުޅުމެއްނެތް މަސްއޫލިއްޔަތުތައް އެކަންކަމާގުޅޭ މުއައްސަސާއަކަށް ބަދަލުކުރުމަށް ދަންނަވާކަމަށެވެ. އަދި ބަޖެޓުން ކަނޑައަޅުއްވާފައިވާ މިންވަރަށްވުރެ އިތުރަށް ހަރަދު ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.
އަދި މީގެ އިތުރުން އެރިޕޯޓްގައި ފާހަގަ ކޮށްފައިވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން 30 މެއިން 2010 ގައި ޑްރެޖިން ޔުނިޓެއް ގަތުމަށް އެސްޓީއޯއަށް އެޑްވާންސަށް 1156500ރ. ދީފައިވާއިރު އެޔުނިޓް މިހާތަނަށްވެސް ލިބިފައިނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި އެފައިސާގެ މައުލޫމާތު ހޯދުމަށް އެސްޓީއޯގައި ދެންނެވުމުން އެސްޓީއޯއިން ބުނެފައިވަނީ އެފައިސާ އެބަހުރިކަމަށާއި އެކަމުގައި އަމަކުރަންވީ ވަކިގޮތެއް ޑިޒާސްޓާމެނޭޖްމަންޓް ސެންޓަރުން އެކުންފުންޏަށް އަންގާފައިނުވާތީ އެޔުނިޓް ސަޕްލައިކޮށްދެއްވާފައިނުވާ ކަމަށެވެ. އެކަމާގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ ލަފާގައި ބުނެފައިވަނީ މުދަލަކަށް އޯޑަރުކުރައްވާފައިވާ ނަމަވެސް އެމުދަލެއްލިބުމުގެ ކުރިން އޭގެ އަގަށް އެއްފަހަރާ އެޑްވާންސަށް ފައިސާ ދެއްކުމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ހުއްދަކުރާ ކަމަކަށް ނުވުމާ އަދި އެޑްވާންސަށް ފައިސާ ދެއްވޭނެގޮތާއި ދެއްވޭނެ ޕަސަންޓޭޖް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅުއްވާފައިވުމާއެކު އެގަވައިދާ އެއްގޮތަށް އަމަލުކުރުމަށް ދަންނަވާ ކަމަށެވެ.
އެރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ރ.ދުވާފަރު މަގުހެދުމަށް ބޭނުންވާ އިކުއިޕްމެންޓް ހޯއްދަވައިފައިވަނީ ޑިޒާސްޓާ މެނޭޖްމަންޓުން އެތަކެތި ގަތުމުން އެމަސައްކަތަށް ހަރަދުކުރާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް(އައިއެފްއާރްސީ) އެފައިސާ އަނބުރާ ދައުލަތަށް ދައްކާގޮތަށް ކަމަށެވެ. ނަމަވެސް އެގޮތަށް ހަމަޖައްސާފައިވަނީ ފިނޭންސްމިނިސްޓުރީގެ ހުއްދަ ހޯދައިގެންކަމަށް އެނގެން ނެތް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން އިކުއިޕްމެންޓްގަތުމަށް ޑިޒާސްޓާ ސެންޓަރުގެ ބަޖެޓުން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު އައިއެފްސީއާރްސީ މިހާތަނަށް ދައްކާފައިވަނީ 7454681ރ. ރުފިޔާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ދައުލަތަށް ލިބެންޖެހޭ 4033823ރ. ހޯދުމުގެ މަސައްކަތް ޑިޒާސްޓާ އިން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި ތ. ވިލިފުށީ އިންޖީނުގޭ ވެހިކަލް ގަރާޖް ހެދުމަށް 590430ރ އަށް ބަޔަކާ ހަވާލުކޮށް ހަވާލުކުރި އަގަށްވުރެ 912413ރ. އިތުރަށް ޑިޒާސްޓަމެނޭޖްމަންޓް ސެންޓަރުން ހަރަދުކޮށްފައިވާ ކަންވެސް އެއޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި ހަމަ އެރަށުގެ ސުކޫލުގެ ވަށައިފާރު ރޭނުމުގެ މަސައްކަތާއި ސުކޫލުގައި ކުރަންޖެހޭ އިތުރުކަންތައްތަށް ކުރުމުގެ މަސައްކަތާއި އެރަށުގައި ގުދަނަކާއި ވެއާ ހައުސްއެއް ހެދުމުގެ މަސައްކަތުގެ އިތުރުން ދުވާފަރު މަގުހެދުމަށް ބޭނުންވާ ސާމާނުތަކެއް ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާއްލިއްޔަތު ގަވައިދާ ހިލާފަށް އިއުލާން ކުރުމެއް ނެތިކަމަށް އެއޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
" ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 8.01 އާ ހިލާފަށް މަސައްކަތް ހަވާލުކުރުއްވުގެ ޒިންމާ އުފުލުއްލަވަންވާ ފަރާތްތަކާމެދު ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 47 ވަނަ މާއްދާއާއި 48 ވަނަ މާއްދާގައި ވާފަދައިން ފިޔަވަޅު އެޅުއްވުމަށް ދަންނަވަމެވެ. އަދި މި މަސައްކަތްތައް ރާއްވަވައި ހިންގެވުމުގެ މަސްއޫލިއްޔަތާ ހަވާލުވެތިއްބެވި އިސް މުވައްޒަފުން އެމުވައްޒަފުންގެ މަގާމުގެ ވާޖިބާއި ޒިންމާ އަދާކުރެއްވުމުގައި އިހުމާލުވުމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމަށް އެފަރާތްތައް ޒިންމާދާރުކުރެއްވުމަށް ދަންނަވަމެވެ" ޑިޒާސްޓާއިން ހިންގާފައިވާ ގާނޫނާ ހިލާފް ކަންތަކަށް އޮޑިޓާ ޖެނެނެރަލް ލަފާ ދެއްވަމުން ވިދާޅުވެފައިވެއެވެ.
އަދި އެރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ މާލީ އުސޫލުތަކައި ގަވައިދުގެ ބޭރުން ހަރުމުދާ ހޯއްދެއްވުމާއި ޑިޒާސްޓާއިން ބޭނުންކުރައްވާ ދޯނީގެ އެއްވެސް ލިޔެކިޔުމެއް އެސެންޓަރަށް ލިބިފައިނުވުމާއި އިންޖީނުގޭތައް ހިންގުމަށް ޔޫޓިލިޓީސް ކުންފުނިތައް އުފައްދާފައިވަނިކޮށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ބަޖެޓުން ހަރަދުކޮށްގެން ރަށްރަށުގެ އިންޖީނުގެތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހަރަދުކޮށްފައިވުން ފާހަގަކޮށްފައިވެއެވެ.
ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި މިނިސްޓްރީއަށް ގާނޫނާއި ގަވައިދަށް އަމަލުކުރެވިފައިވާ މިންވަރާމެދު އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވަނީ އެމިނިސްޓްރީއާއި އެމިނިސްޓުރީގެ ދަށުން ހިންގާ މުއްސަސާތަކަށް 2010 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުން ހަރަދުކޮށްފައިވަނީ ދައުލަތުގެ މާއްލިއްޔަތު ގާނޫނާއި ގަވައިދާ އެއްގޮތްވާގޮތުގެ މަތިން ބަޖެޓްގެ ހަރަދުކުރުމަށް ކަނޑައަލުއްވާފައިވާ މިންވަރަށް އަދި ބަޖެޓުގައި ހަރަދުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ މަތިން ކަމަށް ނުދެކޭ ކަމަށެވެ.