17 Jan 2013, 13:48
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު އަބްދުﷲ ޖާވިދު (ޖާ) ބަންދުން ދޫކޮށްލައިފި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ޖާވިދު ދޫކޮށްލާފައި ވަނީ ކްރިމިނަލް ކޯޓުން ކުރިން ޖަހައިދިން އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން އިތުރަށް އޭނާ ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް ފުލުހުން އޭނާ މިއަދު އެ ކޯޓަށް ހާޒިރުކުރުމުން ނެވެ.
އޭނާގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާ އަށް ރިއާޔަތް ކުރާ އިރު ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރެވޭ ވަރުގެ ހެކި ހުރިކަމަށް ހައިކޯޓުން މީގެ ކުރިން ކުރި ހުކުމަކުން ވަނީ އެނގިފަ އެވެ.
ހައިކޯޓުގެ ހުކުމުން އެނގުނު ގޮތުގައި ޖާއާ ދެކޮޅަށް ފުލުހުންގެ ތަހުގީގަށް ބަޔަކު ބަޔާންދީފައިވާ އިރު އެހެން މީހަކާއި ޖާއާ ދެމެދު ކޮށްފައިވާ ފޯންކޯލްގެ ރެކޯޑިންއެއް ވެސް ފުލުހުންނަށް ވަނީ ލިބިފަ އެވެ. ނަމަވެސް އެ ހެކިތަކުގެ ތަފްސީލެއް ހައިކޯޓުގެ ހުކުމުން އެނގޭކަށް ނެތެވެ.
އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރާ، ހ. ލޮބީ ހުސެއިން ހުމާމް އަހުމަދުގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ.
އަދި އޭނާއާ އެކު އަފްރާޝީމް މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންގެ އިތުރުން އަފްރާޝީމް މަރާލި ވަގުތު އެގޭ ކައިރީ ފާރައަށް ހުރި ކަމަށް ތުހުމަތު ކުރެވޭ 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ގެންދަނީ ދިރާސާ ކުރަމުންނެވެ.
ފުލުހުން ބުނެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ މާލޭގެ ގޭންގު ގްރޫޕަކަށް ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަމަށެވެ. އަދި އެކަމަށް ފައިސާ ޚަރަދުކުރި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެންމެ ފަހުން ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.