17 Jan 2013, 13:31
ޕާކިސްތާނުން އިންޑިޔާއަށް އަންނަން ބޭނުންވާ ޕާކިސްތާނުގެ އުމުރުން 65 އަހަރުން މަތީގެ ރައްޔިތުންނަށް އިންޑިޔާއަށް ދަތުރު ކުރަން ހޯދަންޖެހޭ ވިސާ ފަސޭހަކަމާއެކު ލިބޭގޮތަށް އިންޑިޔާ ސަރުކާރުން ނިންމި ނިންމުން ވަކި މުއްދަތެއް ނެތް ގޮތަށް މަޑުޖައްސާލައިފި އެވެ.
އަންގާރަދުވަހު ފެށުމަށް ހަމަޖެހިފައި އޮތް ވިސާގެ މަސައްކަތް ވަކި މުއްދަތެއް ނެތް ގޮތަށް އިންޑިޔާއިން މަޑުޖައްސާލާފައި މިވަނީ އެދެގައުމުގެ ދެމެދުގައި އަލުން ފެށުނު ނުތަނަވަސްވުންތަކާ ގުޅިގެންނެވެ.
އިންޑިޔާގެ ހޯމް ސެކްރެޓަރީ އާރުކޭ ސިންގް އާއި ހަވާލާދީ ބީބީސީގައި ބުނެފައިވަނީ އަންގާރަ ދުވަހު އަމަލުކުރަން ނިންމާފައިވާ އެ ސިޔާސަތު ތަންފީޒުނުކޮށް މަޑުޖައްސާލަން ޖެހުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ވިސާގެ އެމަސައްކަތް އަލުން ފަށާނެ ތާރީހަކާ ގުޅޭގޮތުން މިވަގުތު އެއްވެސް އިޝާރާތެއް ކޮށްފައެއް ނުވެއެވެ.
އަވަށްޓެރި މި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމުގެ ގޮތުން ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު ވެވުނު އެއްބަސްވުމެއްގެ ދަށުން އިންޑިޔާއިން ވަނީ އަންގާރަ ދުވަހުން ފެށިގެން އެގައުމަށް އެތެރެވާ ޕާކިސްތާނުގެ އިސް ރައްޔިތުންނަށް އެބައި މީހުންގެ އާއިލާއާއި ރައްޓެހިންނަށް ޒިޔާރާތް ކުރުމަށް 45 ފަސްދުވަހުގެ ސިންގަލް އެންޓްރީ އޮން އެރައިވަލް ވިސާ ދޫކުރަން ނިންމާފަ އެވެ.
ވާގާ ލޭންޑް ބޯޑަރު ހުރަސްކޮށް ހަމަ އެކަނި ފައިމަގުގައި އެތެރެވެވޭ ގޮތަށް ދޫކުރާ އެ ވިސާ ލިބޭނީ ކޮންމެ މީހަކަށްވެސް އަހަރަކު ގިނަވެގެން ދެފަހަރު އެވެ. އަދި އެގޮތަށް އިންޑިޔާއަށް އެތެރެވާ މީހުން މީގެކުރިން އިންޑިޔާގެ ފުލުހުންނަށް ރިޕޯޓު ކުރަން އޮންނަ ގޮތަށް ރިޕޯޓު ކުރަން ނުޖެހޭގޮތަށްވެސް ނިންމާނެ ކަމަށްވެ އެވެ.
ވާގާބޯޑަރު ހުރަސްކޮށް އިންޑިޔާއަށް އެތެރެވާ ޕާކިސްތާނުގެ ރައްޔިތުންނަށް "އިންޑިޔާގެ ކަޝްމީރުގެ ސަރަހައްދާއި ޕަންޖާބު އަދި ކެރެލާ އާއި އަދިވެސް މަނާކުރެވިފައިވާ ބައެއް ސަރަހައްދުތަކަށް ފިޔަވައި ގިނަވެގެން ފަސް ތަނަކަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދެވޭނެ" ކަމަށް އިންޑިޔާއިން ކުރިން އެކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ވެއެވެ.
މުމްބާއީއަށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން 2008 ވަނަ އަހަރުން ފެށިގެން އިންޑިޔާއިންވަނީ އެ ދެގައުމުގެ ދެމެދުގައި ދެކެވެމުންއައި ސުލްހައިގެ ވާހަކަތައް ހުއްޓާލާފަ އެވެ. އަދި މިހާރުވެސް ކަޝްމީރުގެ މައްސަލައިގައި ދެގައުމުން ދޭތެރެ ދޭތެރެއިން ހަމަލާތައް ދަނީ ބަދަލު ކުރަމުން ނެވެ.
ޕާކިސްތާނާއި އިންޑިޔާއިން ކަޝްމީރު ދެބައިކުރި ސަރަހައްދު "ލައިން އޮފް ކޮންޓްރޯލް"ގައި މިދިޔަ ހަފުތާގައި ހިންގި ކުރިމަތިލުންތަކެއްގައި އިންޑިޔާ ސިފައިންގެ ދެމީހުންނާއި ޕާކިސްތާނުގެ ސިފައިންގެ ދެމީހުންވަނީ މަރާލެވިފައެވެ. އަދި އެސަރަހައްދުގެ މަސްރަހުވަނީ އިތުރަށް ގޯސްވެފަ އެވެ.