ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަކީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ 18 އަހަރުން ދަށުގެ ކުދިން ބަލަހައްޓަމުން އަންނަ މަރުކަޒެވެ. އެހެން ނަމަވެސް އެތަނުގައި އުޅޭ ކުދިން ހިޔާއިން ފިލުމާއި ހިޔާއަށް ވަންނަން ބޭނުންނުވާ ކަމަށް ބުނާ ވާހަކަތަކަކީ ދޭތެރެ އަކުން އިވޭ ވާހަކަ ތަކަކެވެ.

އެންމެ ފަހުން އިވިގެން ދިޔައީ ކުޑަކުދިންގެ ހިޔާގައި ތިބި 18 އަހަރުން ދަށުގެ ދެ އަންހެން ކުއްޖަކު ވީނުވީއެއް ނޭނގި ކުއްލިއަކަށް މާފުށީ ޖަލުގައި ތިބި ވާހަކަ އެވެ. ނިޒާމުގެ ތެރެއިން އެ ކުދިންނަށް ލިބެން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ނުލިބި އެ ހިސާބަށް ދިޔަ ސަބަބު ހޯދުމަށް ޖެންޑާ މިނިސްޓްރީއާ ކުޑަކުދިންގެ ހިޔާގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

އުމުރުން 18 އަހަރުނުވާ ދެ އަންހެން ކުދިން ޖަލުގައި ހައްޔަރުވެފައި ތިބި ވާހަކަ ފެންމަތި ކުރީ އެޗްއާރުސީއެމުންނެވެ. އެ ކޮމިޝަނުން ބުނީ ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީން ތިބޭ މާފުށީ ޖަލަށް އެ ކުދިން ބަދަލުވުމުގެ ކުރިން އެ ދެ އަންހެން ކުދިން ބައިތިއްބާފައި ތިބީ ތަހުގީގީ ޖަލު ހިންގާ ދޫނިދޫގައި ކަމަށެވެ. އަދި އެތަނުގައި ހަފްތާއަކަށް ވުރެ ގިނަ ދުވަހު ބަންދުގައި ބޭތިއްބުމަށް ފަހު މިދިޔަ އަންގާރަ ދުވަހު އެ ދެ ކުދިން ބަދަލު ކޮށްފައި ވަނީ މާފުށީ ޖަލަށް ކަމަށެވެ.

ކުޑަ ދެ އަންހެން ކުދިން އެކަހެރި ކުރުމަށް ފަހު ހުކުމް ތަންފީޒު ކުރަމުންދާ ބައެއްގެ ތެރޭ ބައިތިއްބާފައިވާ އިރު، މާފުށީ ޖަލަކީ 18 އަހަރު ދަށުގެ ކުދިން ހައްޔަރުކޮށްފައި ބޭތިއްބުމަށް އެކަށޭނަ މާހައުލެއް ނޫނެވެ. ކުޑަކުދިން ބައިތިއްބާފައި ތިބެނީ ފޭދޫ ފިނޮޅުގަ އެވެ.

ނަމަވެސް އެ ކުދިން ބަލަހައްޓަމުން ގެންދިޔަ ކުޑަކުދިންގެ ހިޔަލުން ދޫނިދޫ ޖަލުން މާފުށީ ޖަލާ ހަމައަށް ދިޔައީ ކީއްވެގެން ކިހިނެއް ކަމެއް ސާފެއް ނުވެ އެވެ. އެޗްއާރުސީއެމުން ބުނީ އެ މައްސަލަ ވަރަށް ސީރިއަސްކޮށް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.

އެ ކުދިން ކުށަކަށް އަރައިގަތް ކަމެއް ނޭނގި މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި ދެ ކުދިން، ދައުލަތުން ބަލަހައްޓާ ރައްކާތެރި މާހައުލަކަށް ވީހާ ވެސް އަވަހަށް ގެންދިއުމަށް އެޗްއާރުސީއެމުން އެންގި ނަމަވެސް އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަކަން އެނގިފައެއް ނުވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ތޮލާލް ވިދާޅުވީ "މުޅި ޕްރޮސެސް ހިނގާދިޔައިރު، ކުޑަކުދިންނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން އެއް ގޮތަކަށް ވެސް ފޯރުކޮށް ނުދެވި އެ ކުދިން މި ހާހިސާބަށް [މާފުށީ ޖަލާ ހަމައަށް] ދިޔައީ،" އެވެ.

ދައުލަތުން ރައްޔިތުންނަށް އިންސާނީ ހައްގުތައް ފޯރުކޮށްދޭތޯ ކަށަވަރު ކޮށްދޭތޯ ބެލުމަށް، ގާނޫނީ އަސާސީން ލާޒިމް ކޮށްގެން އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަނުން ކުރި މަސައްކަތަށް އެ މައްސަލައިގައި ދައުލަތުގެ އިދާރާތަކުން އެއްބާރުލުން ދީފައިވާނުވާ އިރު، ކޮމިޝަންގެ މަސައްކަތަށް ހުރަސްއަޅާފައިވާ ކަމަށް އެކޮމިޝަނުން ބުނެ އެވެ. އަދި އެ ދެ އަންހެން ކުދިންނާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފަށް މައުލޫމާތު ދީފައިވާ ކަން އެޗްއާރުސީއެމުން ފާހަގަ ކުރެ އެވެ. އަދި އެކަމުގެ ސަބަބުން އެ ކުދިންނަށް ލިބެންޖެހޭ ގާނޫނޫ ހިމާޔަތާއި ރައްކާތެރިކަން ނުލިބި ނުވަތަ ނިޒާމުގެ ތެރެއިން ކުދިންނަށް ލިބެންޖެހޭ ހިމާޔަތް ނުލިބިވާ ކަމަށް ތޮލާލް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މާފުށީ ޖަލުގައި ވެސް އަދި ދޫނިދޫ ޖަލުގައި ވެސް އެ ކުދިން ތިބީ ބޮޑެތި މީހުންތަކެއްގެ ތެރޭ ކަމަށެވެ. އަދި ކުޑަކުދިންނާ ގުޅޭ "އިހުމާލު"ގެ ތަފާތު ބޮޑެތި މައްސަލަތައް ފެންމަތިވާ އިރު، ނިއުގަޅައި ގަނެފައި ވަނީ އެ ކުދިންގެ ވަރަށް މުހިންމު އަސާސީ ހައްގުތަކެއް ކަމަށެވެ.

"ކުޑަކުދިންނަށް އިހުމާލުވާ ވާހަކާއި ރޭޕް ކުރުމުގެ ވާހަކައާއި ޖިންސީ ގޯނާ ކުރުމުގެ ވާހަކަ ދައްކާއިރު ދައުލަތުގެ ހިމާޔަތް ލިބެންޖެހޭ މިފަދަ ކުދިން ތިބިއިރުގައި ދައުލަތުން އެކުދިންނަށް ލިބެންޖެހޭ ހިމާޔަތް ނުލިބި ރައްކާތެރިކަން ނުލިބި ދިޔައިމަ އެކުދިންގެ އުއްމީދުތައް ވެސް ފުނޑުފުނޑުވެގެންދަނީ. ހަމައެއާއެކު ވަރަށް މުހިންމު އަސާސީ ހައްގުތަކެއް ނިގުޅައިގަނެވެނީ،" ތޮލާލް ވިދާޅުވި އެވެ.

އެޗްއާރުސީއެމުން ބުނާ ގޮތުގައި އެ މައްސަލައިގައި ދައުލަތުން ވަނީ މިގައުމުން ސޮއިކޮށްފައިވާ މުއާހަދާތަކާއި އިންސާނީ ހައްގުތަކުގެ އެންމެ ބޭސިކް ރައިޓްސްތަކާ ވެސް ޚިލާފުވެފަ އެވެ.

އަދި މިފަދަ ކަންތައްތައް ތަކުރާރުވުމަކީ ދައުލަތުގެ ފަރާތުން ރައްޔިތުންގެ މައްޗަށް ލާޒިމް ކުރާ އިންސާނީ ހައްގުތަކަށް އިހުމާލު ވުން ކަމަށް އެޗްއާރުސީއެމުން ފާހަގަ ކުރެ އެވެ.