އެމްޑީޕީ ދާއިރާތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިޢުލާން ކޮށްފައިވާއިރު ސަރުކާރުގެ އިސްމަގާމު ތަކުގައި ތިއްބެވި ބައެއް ބޭފުޅުން ދާއިރާތަކަށް ކުރިމަތިލައްވައިގެން ފެއިލް ވެއްޖެ އެވެ.


މި އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނސްޓަރު އަހުމަދު އާދިލާއި، އިކޮނަމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އިނާޒާއި، އަދި އެގްރިކަލްޗަރު މިނިސްޓްރީގެ ފުޑް ސެކިއުރިޓީ ކޯޑިނޭޓަރު (އޯކޭ ޒާހިރު) ހިމެނެ އެވެ.


އިންތިޚާބުގެ ވަގުތީ ނަތީޖާ ރޭ އިޢުލާންކުރިއިރު ގަވައިދުގައި ބުނެފައިވާ ގޮތުން ތިން ދުވަސްތެރޭ ދާއިމީ ނަތީޖާ އިޢުލާން ކުރަންޖެހޭނެ ކަމަށް އެމްޑީޕީން ބުންޏެވެ. 


އެމްޑީޕީން ބުނީ އިއްޔެ ބޭއްވި އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި 455 ކެންޑިޑޭޓުން 250 ފޮށްޓައް ވޯޓު ލާފައިވާ ކަމަށެވެ. އަދި ރަޖިސްޓްރީ ކޮށްގެން އެސްއެމްއެސް އިން 387 މީހުން ވޯޓު ލާފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.


އެމްޑީޕީން ބުނީ، މި އިންތިހާބަށް، ފަސް ދުވަސްތެރޭގައި 190 އަށްވުރެ ގިނަ ރަށަށް ވޯޓު ކަރުދާހާއި، ސްޓޭޝަނަރީސް ތައް ފޮނުވާފައިވާ ކަމަށެވެ.


އެސްއެމްއެސް މެދުވެރިކޮށް ވޯޓުލަމުން ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ދާއިރާތަކުގެ އިންތިހާބު ކެންސަލްކުރުމަށް ފަހު އިއްޔެ އަލުން ވޯޓުލުން ކުރިއަށް ގެންދިޔައީ، ކަރުދާހުގައި ފާހަގަ ޖަހައިގެން ނެވެ.


އިއްޔެ މެންދުރު 2:30 ން ރޭގަނޑު 7:00 ކުރިއަށް ގެންދިޔަ މި އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ތަމްސީލު ކުރާ ދާއިރާތަކުގައި އިންތިޚާބުކޮށްފައިވަނީ ނައިބު ރައީސާއި، ސެކްރެޓަރީ އާއި ސެކްރެޓަރީގެ ނައިބާއި އިންތިޒާމް ސެކްރެޓަރީ އެވެ. އެދާއިރާތަކުގެ ރައީސުންނަކީ އެ ދާއިރާތައް ތަމްސީލްކުރާ މެންބަރުންކަމަށް މީގެ ކުރިން ވަނީ ހަމަޖައްސައިފަ އެވެ.