މުޅި ދުނިޔޭގައި ވެސް ޑިމޮކްރަސީގެ އުސޫލުތައް ވަރަށް ދަށަށް ގޮސްފައިވާ ކަމަށް އެމެރިކާގެ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމާއަތަކުން ކުރި ދިރާސާ އަކުން ދައްކައިފި އެވެ.

ޑިމޮކްރަސީ ކުރިއެރުވުމަށް މަސައްކްތް ކުރާ ކަމަށް ބުނާ އެމެރިކާގެ ފްރީޑަމް ހައުސްއިން "ފްރީޑަމް އިން ދި ވޯލްޑް 2013"ގެ ނަމުގައި ނެރުނު ރިޕޯޓްގައިވާ ގޮތުން ފުރިހަމަ މިނިވަންކަން އޮންނަ ގައުމުތައް 2011 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ވަނީ އިތުރު ވެފަ އެވެ. އެގޮތުން އެ އަދަދު ވަނީ 87 އިން 90 އަށް އިތުރު ވެފަ އެވެ. ނަމަވެސް 27 ގައުމެއްގައި ވަނީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމާއި މީޑިއާގެ މިނިވަން ކަމަށް އާ ދަތިކުރުންތައް ގާއިމް ކޮށްފަ އެވެ.
ރިޕޯޓްގައިވާ ގޮތުން ސިޔާސީ އަދި މަދަނީ ހައްގުތައް ފުރިހަމައަށް ލިބެނީ ދުނިޔޭގެ އާބާދީގެ 43 ޕަސެންޓް މީހުންނަށެވެ. އަދި 1.6 ބިލިއަން މީހުން ދިރިއުޅެނީ ކޮންމެވެސް ވަރެއްގެ މިނިވަން ކަމެއް އޮތް، ވަކި މިންވަރަކަށް ނޫނީ މިނިވަން ކަމަށް އިހުތިރާމް ނުކުރާ ގައުމުތަކުގަ އެވެ.

"އެހެން ނަމަވެސް ދުނިޔޭގެ އާބާދީގެ 34 ޕަސެންޓް ނުވަތަ 2.3 ބިލިއަން މީހުން ދިރިއުޅެނީ މިނިވަންކަމެއް ނެތް ގައުމުތަކުގަ އެވެ." ރިޕޯޓުގައިވެ އެވެ.

ބައެއް ގައުމުތަކުގެ ނަން ފާހަގަކޮށްފައިވާ އެ ރިޕޯޓުގައި، ފާހަގަކޮށްފައިވާ ކަންތަށް ތަކުގެތެރޭގައި ރަޝިޔާ އާއި އީރާނުގައި ނޫސްވެރިންނަށާއި ބްލޮގާއިންނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ވަރުގަދަ އަށް ކޮންޓްރޯލް ކޮށްފައިވާ އިންތިހާބީ މާހައުލުގައި ވެނެޒުއެލާގެ ރައީސް ކަމަށް ހޫގޯ ޗަވެޒް އަލުން އިންތިހާބު ކުރުން ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓްގައި ނަން ފާހަގަކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

"އޭސިއާ ޕެސިފިކް ސަރަހައްދުން މިނިވަން ކަން އެންމެ ދަށަށް ގޮސްފައި ވަނީ ޑިމޮކްރަޓިކްކޮށް އިންތިހާބުކޮށްފައިވާ ރައީސް، ބާރުގެ ބޭނުންކޮށްގެން މަގާމުން ދުރުކޮށްފައިވާ ދިވެހިރާއްޖޭގަ އެވެ."ރިޕޯޓުގައިވެ އެވެ.