17 Jan 2013, 12:50
ގައުމީ ވޮލީލީގުގެ ދެ ވަނަ ޑިވިޒަންގެ އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް ޔޫތު ސްޕޯޓްސް އާއި ޅ. ނައިފަރު ޖުވެނިއަލްގެ ފެށުން ރަނގަޅު ކޮށްފި އެވެ.
ޖުމްލަ ފަސްޓީމް ވާދަކުރާ އެ މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކުޅުނު މެޗު ޔޫތު ސްޕޯޓްސް އިން ކާމިޔާބު ކުރީ ބީޖީ ސްޕޯޓްސް ކުލަބާ ވާދަކޮށް ތިން ސެޓް ދެ ސެޓުންނެވެ.
ޒުވާނުންގެ މަރުކަރުގެ އެތެރޭ ކޯޓުގައި ކުޅުނު އެ މެޗުގެ ސެޓްތައް ދެ ޓީމުން ގެންގޮސްފައިވާ ގޮތަށް ބަލާ އިރު، މެޗުގެ ފުރަތަމަ ސެޓް 25 ޕޮއިންޓް 21 ޕޮއިންޓުން ބީޖީއިންނެވެ. ދެ ވަނަ ސެޓާއި ތިން ވަނަ ސެޓް ކާމިޔާބު ކުރީ ޔޫތު ސްޕޯޓްސްއިންނެވެ. އެއީ 25-20 އަދި 25-23 އިންނެވެ. އަދި މެޗުގެ ހަތަރު ވަނަ ސެޓް 25 ޕޮއިންޓު 23 ޕޮއިންޓުން ބީޖީން ކާމިޔާބު ކުރި އިރު، ފަހު ސެޓް ޔޫތު ސްޕޯޓްސް އިން ކާމިޔާބު ކުރީ 15 ޕޮއިންޓު 11 ޕޮއިންޓުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫތު ޓީމުގެ މުހައްމަދު ނިހާދެވެ.
މުބާރާތުގައި ރޭ ކުޅުނު ދެ ވަނަ މެޗު ނައިފަރު ޖުވެނިއަލްގެ ޓީމުން ކާމިޔާބު ކުރީ ކުލަބް ވެލެންސިޔާއާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓްތައް ޖުވެނިއަލް އިން ކާމިޔާބު ކުރީ 35-33، 25-22 އަދި 25-23 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޒުވެނިއަލްގެ އިބްރާހިމް ފަލާހެވެ.
މުބާރާތުގައި މިއަދުވެސް ދެމެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، ހަވީރު 4:30 ގައި ބައްދަލު ކުރާނީ ބީޖީ އާއި ޖުވެނިއަލް އެވެ. އަދި މިރޭ 8:30 ބައްދަލުކުރާނީ ވެލެންސިޔާ އާއި ޕޮލިސް ފެމެލީ އެސޯސިއޭޝަންގެ ޓީމެވެ.
މިމުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީ ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.