އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނުމެޗުގައި އެޓީމު ދެލަނޑުގެ ލީޑެއް ހޯދާފައި ވަނިކޮށް ފަހަތުން އަރައި ދެލަނޑު ކާމިޔާބު ކޮށްގެން ސައުތުހެމްޓަން ޗެލްސީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޗެލްސީއަށް ކާމިޔާބުކޮށް ދިނީ މެޗުގެ 25 ވަނަ މިނިޓުގައި އެޓީމަށްކުޅޭ ނިއުކާސަލްގެ ކުރީގެ ފޯވަޑް ޑެމްބާ ބާ އެވެ. އަދި މެޗުގެ 45 ވަނަ މިނިޓުގައި ޗެލްސީގެ ހުނަރުވެރި މިޑްފީލްޑަރު އެޑިން ހެޒާޑް ވަނީ އެޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީ އަށް ދޭއް ސުމެއްގެ ލީޑެއް ހޯދައި ދީފައެވެ.

ސައުތުހޭމްޓަންގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 57 ވަނަ މިނިޓުގައި އެޓީމުގެ ރިކީ ލެމްބާޓް އެވެ. އަދި އެޓީމުން ފަހަތުން އަރައި ޗެލްސީއާއި އެއްވަރު ކުރީ 75 ވަނަ މިނިޓުގައި ޖޭސަން ޕަންޗިއޮން އެވެ.

ރޭގެ މެޗު އެއްވަރު ވުމުން ޗެލްސީއަށް އެޓީމުގެ ވަގުތީ ކޯޗު ސްޕެއިންގެ ރަފައެލް ބެނިޓޭޒް ޓީމާހަވާލުވި ފަހުން، ސްޓެމްފޮޑް ބްރިޖްގައި ކުޅުނު ޑޮމެސްޓިކް ހަމެޗުގެ ތެރެއިން ކާމިޔާބު ކުރެވިފައި ވަނީ އެންމެ މެޗެކެވެ. ތިންމެޗު އެއްވަރު ވަފައިވާ އިރު އެޓީމުވަނީ އަމިއްލަ ދަނޑުގައި ދެމެޗުން ބަލިވެފަ އެވެ.

މެޗަށްފަހު ޗެލްސީގެ ބެނިޓޭޒް ބުނީ މޮޅުވާންޖެހޭ މެޗަކުން މޮޅު ނުވެވުމުން ނަތީޖާއާއި ދޭތެރޭ ހިތްހަމަ ނުޖެހޭކަމަށެވެ. އަދި މެޗުން މޮޅުނުވެވުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ފުރިހަމަގޮތުގައި ނުހިފުމުން ކަމަށް ވެސް ޗެލްސީގެ ކޯޗް ބެނިޓޭޒް ބުންޏެވެ.

"މީ އަހަރެމެން މޮޅުވާންޖެހޭ މެޗެއް. އަހަރުމެންނަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނު. އަހަރުމެން ލަނޑުޖަހަން ޖެހޭ އެތައް ފުރުސަތުތަކެއް ގެއްލިގެން ދިޔަ. އަދި އަހަރުމެންނަށް ލަނޑު ނުޖެހުމުން އެމީހުންނަށް ހިތްވަރު ލިބި ރައްދު ހަމަލާގައި އައިސް ލަނޑު ޖެހީ،" ޗެލްސީގެ ކޯޗު ބުންޏެވެ.

ސައުތުހެމްޓަންގެ ކޯޗު ނިޖެލް އެޑްކިންސް ބުނީ އޭނާގެ ޓީމު ރޭގެ މެޗަށް އައީ އިދިކޮޅު ޓީމު މާޔޫސްކޮށްލެވޭފަދަ ކޮމްޕެކްޓް ގޭމްޕްލޭނެއް ތައްޔާރުކޮށްގެން ކަމަށެވެ. އަދި އިދިކޮޅު ޓީމްގެ ފަހަތުން ބޯޅަ ހޯދަން ދުވިނަމަ ބައިކޮޅަށް ނުރައްކާވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެމެން ބޯޅަ ހޯދަން އެމީހުން ފަހަތުން މާބޮޑަށް ދުވެގެން ކުޅުނު ނަމަ އެމީހުން އަރައިގެން އަންނަ ކޮންމެ ފަހަރަކު ލަނޑު ޖެހުމުގެ ފުރުސަތު ލިބޭނެ. އޭރުން އަހަރުމެންނަށްވެސް ޖެހޭނީ ބައިކޮޅަށް އަށް ލަނޑު ވަދެ އެސްޓަންވިލާ އަށް މިތަނުގައި ޖެހުނު ހާލު ޖެހެން،" އެޑްކިންސް ބުންޏެވެ.