ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އަދި ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ދެކޮޅަށް އެއްވެސް އެއްޗެއް ބުނެފައި ނުވާނެ ކަމަށް ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) ގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ޝާއިއުކުރަމުންދާ ލިޔުންތަކުގައި ދާދި ފަހުން މެސީ އާއި ރޮނާލްޑޯ އާއި ދެކޮޅަށް އިބްރަހިމޮވިޗް ވާހަކަ ދައްކާފައިވާ ކަމުގައި ވެއެވެ. ނަމަވެސް ސްޕެއިން ލީގަށް ކުޅެމުންދާ ދެކުޅުންތެރިންނާއި ދެކޮޅަށް އެއްވެސް އެއްޗެއް ބުނެފައި ނުވާނެކަމަށް އުމުރުން 31 އަހަރުގެ ފޯވާޑް އިބްރަހިމޮވިޗް ބުނެއެވެ.

"މެސީ އަދި ރޮނާލްޑޯ އާއި މެދު އަހަރެންނަށް އަބަދުވެސް ބުނެވޭނީ ރަނގަޅު ވާހަކަތައް. ދުވަހަކުވެސް އެދެކުޅުންތެރިންނާއި ދެކޮޅަށް އަހަރެން އެއްވެސް އިންޓަވިއުއެއްގައި އެއްޗެއް ބުނެފައެއް ނުވާނެ. މެސީ އަދި ރޮނާލްޑޯ އަކީ އަހަރެން ވަރަށް ބޮޑަށް އިހްތިރާމްކުރާ ދެކުޅުންތެރިން." އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮޗް ބުނީ، ބައެއް މީޑިއާތަކުން ފަތުރަމުންދާ ދޮގު ޚަބަރުތަކާއި ހެދި ވަރަށް ހިތްހަމަ ނުޖެހޭ ކަމަށެވެ.

"މިކަހަލަ ދޮގު ހަބަރުތައް ފަތުރަމުންދާތީ އަހަރެން ވަރަށް ހިތްހަމަނުޖެހޭ. ފުޓްބޯޅަ އަށާއި، އަހަރެންގެ ޓީމަށާއި، އިދިކޮޅު ޓީމްތަކުގެ ކުޅުންތެރިންނަށް އަހަރެން އިހްތިރާމް ކުރަން. އަދި އަބަދުވެސް އިހްތިރާމް ކުރާނަން." އިބްރަހިމޮޗް ބުންޏެވެ.

މިދިޔަ ސީޒަންގައި އޭސީ މިލާނަށް މޮޅު ކުޅުމެއް ދެއްކުމަށް ފަހު، ފްރާންސް ލީގުގައި ކުޅުމަށް ޕީއެސްޖީ އާއި ގުޅުނު އިބްރަހިމޮވިޗް އަކީ މިހާރު އެކުލަބުގެ ވެސް ބޮޑު ހިއްސާ އެކެވެ. އިބްރަހިމޮޗްގެ ފަރާތުން މިސީޒަނުގައި މޮޅު ކުޅުމަކާއި ގިނަ ގޯލްތަކެއް ފެންނަމުން ދެއެވެ.