17 Jan 2013, 12:08
ދިވެހި ސަރުކާރުގެ ދައުވަތަކަށް މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ މޮރިޝަސްގެ ބޮޑުވަޒީރުގެ ނައިބު އަދި ފިނޭންސް މިނިސްޓަރު ޒަވިއޭ ލިއުކް ޑިވާލްގެ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ބިންގާ ފުޅާކުރުމަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައި ވާކަމަށް ރާއްޖޭގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގައި ބުދަ ދުވަހު ހަވީރު ބޭއްވި ބައްދަލުވުމެއްގައި ޖިހާދު ވިދާޅުވީ ޒަވިއޭ ލިއުކް ޑިވާލްގެ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގައި އޯފްޝޯ ފައިނޭންޝަލް ސާވިސްގެ ހިދުމަތް ތައާރަފް ކުރުމަށް ކުރަމުންގެންދާ މަސައްކަތަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މޮރިޝަޝްއަކީ އޯފްޝޯ ފައިނޭންސްގެ ދާއިރާއިން ވަރަށް ކުރިއަރާފައިވާ ގައުމެއް ކަމަށެވެ. އަދި އެގައުމުގެ ޖީޑީޕީގެ 10 އިންސައްތަ ހިއްސާކުރަނީ އެހިދުމަތުން ކަމަށެވެ.
"އަޅުގަނޑުމެން މި ބޭފުޅުންނަށް ދައުވަތުދީގެން މިގެނައީ ރާއްޖޭގައި އިގްތިސާދީ ބިންގާ ފުޅާކުރުމުގެ ގޮތުން. ކެބިނެޓުން މިހާރު ނިންމާފައި އޮތީ ރާއްޖޭގައި އޯފްޝޯ ފައިނޭންސްގެ ހިދުމަތް ތައާރަފް ކުރަން. މޮރިޝަސްއަކީ އޯފްޝޯ ފައިނޭންސް ދިނުމުގެ ދާއިރާގައި ވަރަށް ކުރިއަރާފައިވާ ގައުމެއް. އެގައުމުގެ ޖީޑީޕީގެ 10 އިންސައްތަ ހިއްސާކުރަނީ މި ހިދުމަތުން،" ޖިހާދު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖެއަކީ ވެސް މޮރިޝަސް ފަދަ ޖަޒީރާ ގައުމަކަށް ވުމުން ރާއްޖޭގައި ވެސް ހަމައެކަނި ޓޫރިޒަމާއި މަސްވެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި އެފަދަ ހިދުމަތްތައް ތައާރަފު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގަ އެވެ.
"ރާއްޖޭގެ އިގްތިސާދީ ބިންގާ ފުޅާކުރުމަށްޓަކައި ކުރެވިދާނެ އެއް ކަމަކީ އޯފްޝޯ ފައިނޭންސްގެ ހިދުމަތް ދިނުން... އަޅުގަނޑުމެން އެބޭފުޅުންނަށް ދައުވަތުދީގެން މިގެނައީ މިކަމުގައި އެބޭފުޅުންގެ ތަޖުރިބާއާއި އެކިއެކި މައުލޫމާތު އޮޅުން ފިލުވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ޖިހާދުގެ ވާހަކަފުޅުގައި މޮރިޝަސްއެކޭ އެއްފަދައިން ރާއްޖެއަކީވެސް އޯފްޝޯ ފައިނޭންސްގައި ކުރިއެރިދާނެ ގައުމެއްކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަން ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަމަށް ބޭނުންވާނޭ ގާނޫނީ އޮނިގަނޑެއް އޮންނަން ޖެހޭނެ. އަދި އިދާރީ އޮނިގަނޑެއްވެސް އޮންނަން ޖެހޭނެ. އަދި މިކަމުގެ ފަންނީ މީހުން ތައްޔާރު ކުރަން ޖެހޭނެ. މީގެތެރޭގައި އެކައުންޓެންޓުންނާއި ލޯޔަރުންނާއި އަދި މިކަމަށް ބޭނުންވާ އެކިއެކި ހުނަރުވެރިން ތައްޔާރު ކުރަން ޖޭހޭނެ،" ޖިހާދު ވިދާޅުވި އެވެ.
އޯފްޝޯ ފައިނޭންޝަލް ސާވިސްފަދަ ހިދުމަތެއް ދޭންފަށާއިރު ދޭދޭ ގައުމުތަކުގެ ދެމެދުގައި އެއްބަސްވުންތަކެއް ގާއިމްކުރަން ޖެހޭކަން ފާހަގަކުރަށްވަމުން ޖިހާދު ވިދާޅުވީ ރާއްޖޭގައި އެހިދުމަތް ތައާރަފްކުރާނަމަ ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރީމެންޓްސް (ޖީޓީއޭ) އޮންނަން ޖެހޭކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް މޮރިޝަސްގެ ވަފުދުން ވާހަކަފުޅު ދެއްކެވި ފައިނޭސްސް މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ވަރުގަދަ ފައިނޭންޝަލް ސެންޓަރަކަށް ހެދިދާނެ ގައުމެއް ކަމަށާއި އެކަމަށް ބޭނުންވާ ހުރިހާ އެހީތަކެއް އެގައުމުން އޮތީ ވެދިނުމަށް ތައްޔާރަށް ކަމަށެވެ.
އަދި އެމަނިކުފާނު ވިދާޅުވީ މޮރިޝަސްއާއި ރާއްޖެއަކީ އެއްގޮތް ކަންތައްތަކެއް ހުރި ދެގައުމުކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި މޮރިޝަސްއަށްވުރެ ވަސީލަތްތައް އިތުރުކަމަށެވެ.
މިނިސްޓަރު ޒަވިއޭ ވިދާޅުވީ ރާއްޖޭގެ އެކިއެކި މިނިސްޓަރުންނާއި ބައްދަލު ކުރަށްވައި ރާއްޖޭގައި އިންވެސްޓު ކުރެވިދާނޭ ތަފާތު ދާއިރާތައް އެބޭފުޅުން ބެއްލެވި ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ސިއްހީ ދާއިރާގެ ހުނަރުވެރިންނާއި ތައުލީމީ ދާއިރާގެ ހުނަރުވެރިން. އަޅުގަނޑުމެން ބޭނުންވޭ އެބައިމީހުންގެ ހުނަރުތައް ރާއްޖެއަށް ފޯރުކޮށްދޭން،" ޒަވިއޭ ވިދާޅުވި އެވެ.
މޮރިޝަސްގެ ވަފުދުން ވަނީ ރާއްޖެއާއި އެގައުމާއި ދެމެދު ވައިގެ ސީދާ ދަތުރުތައް ފެށުމަކީވެސް ވަރަށް މުހިއްމު ކަމެއްކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖޭގެ ކަމާބެހޭ ދާއިރާތަކާއެކު މަޝަވަރާ ކުރެވިފައި ވާކަމަށާއި އަދި ވައިގެ ހިދުމަތް ދިނުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާފައި ވާކަމަށެވެ.
"ދެގައުމުގެ ދެމެދުގައި ދުޅުން ބަދަހިކުރުމަށް ވައިގެ ސީދާ ދަތުރުތައް ފެށުމަކީ ވަރަށް މުހިއްމު ކަމެއް. ހަތަރު ގަޑިއިރުން އާދެވޭ ތަނަކަށް އަޅުގަނޑުމެން އަންނަން މިޖެހެނީ ސިންގަޕޫރު ނުވަތަ ދުބާއީ މެދުވެރިކޮށް. އަޅުގަނޑުމެން ވާނީ މިކަމާ ބެހޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރާއި މަޝްވަރާ ކޮށްފައި،" މޮރިޝަސްގެ ފައިނޭންޝަލް މިނިސްޓރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މޮރިޝަސް އާއި ދިވެހިރާއްޖެއާއި ދެމެދު ވައިގެ ސީދާ ދަތުރުތައް ކުރިޔަށް އޮތް ޖުލައި މަހު ފެށޭވަރުވާނޭ ކަމަށް އުންމީދު ކުރަައްވާ ކަމަށެވެ.