ލ. ކައްދޫ އެއާޕޯޓާއި ގދ. ކާޑެއްދޫ އެއާޕޯޓްގެ ގެސްޓްހައުސްތައް ކުއްޔަށް ހިފި ފަރާތްތަކުން އެތަނުގެ ކުއްޔާއި ޖޫރިމަނާއާއި ކަރަންޓް ބިލްތަކަށް ދައްކަންޖެހޭ 48.89 މިލިޔަން ރުފިޔާ ދައްކައިފައި ނުވާތީ ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުމަށް އޮޑިޓާ ޖެނެރަލް ލަފާ ދެއްވައިފި އެވެ.

އިއްޔެ ނެރުއްވައިފައިވާ ޓްރާންސްޕޯޓް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެފައި ވަނީ ކައްދޫ އެއާޕޯޓުގެ ގެސްޓްހައުސްތައް ކުއްޔަށް ހިފައިފައިވާ ފަރާތްތަކުން އެތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ 48،664،744.52ރ. އާއި ގެސްޓްހައުސްތަކުގެ ކަރަންޓް ބިލްތަކަށް އަރައިފައިވާ 37،863ރ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވެސް ލިބިފައި ނުވާ ކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ކާޑެއްދޫ އެއާޕޯޓަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ކޮޓަރި ކުލީގެ ގޮތުގައި ލިބެންޖެހޭ 154،583ރ. (އެއް ލައްކަ ފަންސާސް ހަތަރު ހާސް ފަސް ސަތޭކަ އަށްޑިހަ ތިން ރުފިޔާ) އާއި ކަރަންޓް ބިލްތަކަށް ލިބެންޖެހޭ 30،658ރ. (ތިރީސް ހާސް ހަ ސަތޭކަ ފަންސާސް އަށް ރުފިޔާ) މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ވެސް ލިބިފަައި ނުވާކަމަށެވެ. އަދި އެ ފައިސާތަކުގެ ތެރޭގައި ފައިސާ ނުދައްކާތާ އެއް އަހަރު ވާން ކައިރިވެފައިވާ ބިލްތަކަށް ލިބެންޖެހޭ ފައިސާ ހިމެނޭ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.