17 Jan 2013, 11:30
ށ. ފޭދޫގެ 15 އަހަރުގެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ ކޮށްފައި ވަނީ އެހެން މީހަކާ އެކު އެ އަންހެން ކުއްޖާ ޒިނޭ ކޮށްފައިވާކަން ފުލުހުންގެ ތަހުގީގުން އެނގެން އޮތުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ފެންމަތިވީ ދޮންބައްޕަ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްގެން ލިބުނު ދަރިފުޅު މަރާލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ ކޮށްފައި ވަނީ އެކުއްޖާގެ ދޮންބައްޕަ އޭނާއާ ޖިންސީ ގުޅުން ހިންގި މައްސަލައާ ގުޅިގެން ކަމަށް ބައެއް މީޑިއާތަކުން ޚަބަރު ފެތުރިނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ބައެއް މިޑިއާތަކުގައި ޚަބަރު ފަތުރައިފައި ވަނީ އެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ ކޮށްފައި ވަނީ ދޮންބައްޕަ އެ އަންހެން ކުއްޖާއާ ޖިންސީ ގުޅުން ހިންގި މައްސަލައާ ގުޅިގެން ކަމަށް. ނަމަވެސް އެއީ ހަގީގަތެއް ނޫން. އެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ ކޮށްފައި ވަނީ އެހެން ފިރިހެނަކާ އެކު އެ އަންހެން ކުއްޖާ ޒިނޭކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރި ތަހުގީގުން އެނގެން އޮތުމުން،" އޮފިޝަލް ވިދާޅުވި އެވެ.
ޕީޖީ އޮފީހުން އެ މައްސަލަ ހުށަހަޅާފައި ވަނީ ޖުވެނައިލް ކޯޓަށެވެ. އަދި އެ ކޯޓުގައި މިހާރު ވަނީ އެ ކުއްޖާގެ ޝަރީއަތް ވެސް ފަށާފަ އެވެ.
އަންހެންކުއްޖާ ވިހެއި ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ދޮންބައްޕަ ކަމަށްވާ ށ. ފޭދޫ ބްލޫހެވަން އަބްދުލް ޣަފޫރު ގާސިމް، 44، އާއި އެކުއްޖާގެ މަންމަ ށ. ފޭދޫ ވައިމަތީގޭ އަޒީޒާ އިބްރާހީމް، 49، ގެ މައްޗަށް ދައުލަތުން ވަނީ "ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ" އުފުލާފަ އެވެ.
އެ ދައުވާގެ އިތުރުން ދޮންބައްޕަގެ މައްޗަށް ވަނީ އޮރިޔާން ކާޑް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ ގުޅުން ހިންގި ކަމުގެ ދައުވާ ވެސް އުފުލާފަ އެވެ.