17 Jan 2013, 11:09
ރައީސް ނަޝީދުގެ ސަރުކާރުގައި ގާނޫނު އަސާސީއާ ހިލާފަށް ކުރައްވައިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންތައްތައް ބެލުމަށް އުފައްދާފައިވާ ވަގުތީ ކޮމެޓީއަށް، ގާނޫނީ ދާއިރާއިން ފަންނީ މައުލޫމާތު ދެއްވާނެ ބޭފުޅަކު ހޮވުމަށް އެ ކޮމެޓީން ނިންމައިފި އެވެ.
ކޯނީގެ ރިޕޯޓް ދިރާސާ ކުރާ ކޮމެޓީއަށް ބޭރުގެ ގާނޫނީ ތަޖުރިބާކާރަކު ހޯދުމަށް އިއުލާންކޮށްފައި ވަނިކޮށް، ނަޝީދުގެ މައްސަލަ ބަލާ ކޮމެޓީއަށް ވެސް ގާނޫނީ މާހިރަކު ހޯދުމަށް ނިންމައިފައި ވަނީ ރޭ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައެވެ. ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަގުލަބިއްޔަތު އޮންނަ، ހަތް މެންބަރުންގެ ކޮމެޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ރޭ ވިދާޅުވީ ގާނޫނީ ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅަކު ހޯދާން ކޮމެޓީން ބޭނުންވަނީ ނަޝީދުގެ ސަރުކާރުގައި ހިންގަވައިފައިވާ ގިނަ ކަންތައްތަކަކީ ގާނޫނީ އިމުން ބޭރުން ކުރައްވާފައިވާ ކަންތައްތަކެއް ކަމަށް ވާތީ އެކަމުގެ ތަހުގީގު ހިންގުމުގައި ގާނޫނީ ގޮތުން އެހީތެރިކަން ކޮމެޓީއަށް ބޭނުންވާތީ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނީ ތަޖުރިބާކާރަކު ލިބޭތޯ ބަލާނީ މަޖިލީހުގެ ލީގަލް ޓީމުގެ ތެރެއިން ކަމަށާއި އެ ބޭފުޅުންގެ ތެރޭގައި އެންމެ އެކަށޭނަ ބޭފުޅަކު ނެތް ނަމަ އިއުލާންކޮށްގެން ވެސް އެފަދަ ބޭފުޅަކު ކޮމެޓީއަށް ހޯއްދަވާނެ ކަމަށެވެ.
ރޭ ބޭއްވި ކޮމެޓީގައި ނިންމައިފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުފައްދަވަން އުޅުއްވި "ޖުޑީޝަލް ރިފޯމް ކޮމިޝަން"ގައި ހިމެނޭ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ހައި ކޯޓްގެ ފަނޑިޔާރު އަހުމަދު ޝަރީފު ކޮމެޓީ އަށް ހާޒިރު ކުރުން ފަސް ކުރުމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ގާނޫނު އަސާސީއާ ހިލާފަށް ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންތައްތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ވަގުތީ ކޮމެޓީގެ ރޭގެ ބައްދަލުވުމުގައި ނިންމަވައިފައި ވަނީ ދަށު ކޯޓުތައް އުވާލުމަށް ނަޝީދު އުފައްދަވަން އުޅުއްވި ކަމަށް ބުނާ ޖުޑީޝަލް ރިފޯމް ކޮމިޝަންގައި ހިމެނޭ ފަނޑިޔާރުން "މި ދަނޑިވަޅުގައި" ކޮމެޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ފަނޑިޔާރުން މަޖިލީހަށް ހާޒިރު ކުރާނަމަ، ކަނޑައަޅާފައިވާ ވަކި އުސޫލަކުން ފަނޑިޔާރުން ހާޒިރު ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގައިފައި ވާތީ އެކަމާ މެންބަރުން މަޝްވަރާ ކުރެއްވި އެވެ.
ނަޝީދާ ދެކޮޅަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގެ ދަށުން އުފެއްދި ކޮމެޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ރޭ ވިދާޅުވީ ފަނޑިޔާރުން ހާޒިރު ކުރާނެ އުސޫލެއް ކަނޑައަޅައިފައި ނުވާ ކަމަށެވެ. އެހެންކަމުން އެފަދަ އުސޫލެއް ކަނޑައެޅެންދެން ފަނޑިޔާރުން ހާޒިރު ކުރުން މަޑުޖައްސާލުމަށް ފެންނަ ކަމަށް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ފަނޑިޔާރު މުއުތަސިމާއި ފަނޑިޔާރު ޝަރީފު މަޖިލީހަށް ހާޒިރު ކުރުމަށް ސްޕްރީމް ކޯޓުން ދެކޮޅު ހެދިޔަސް، އެ ދެބޭފުޅުން ތިއްބެވީ މަޖިލީހަށް ވަޑައިގަންނަވާން ތައްޔާރަށް ކަމަށެވެ. އަދި އެ ދެ ބޭފުޅުން ކޮމެޓީއަށް ވަޑައިގަންނަވާނީ އަމިއްލަ ހައިސިއްޔަތުން ކަމަށް އެ ދެ ފަނޑިޔާރުން ވެސް އޭނާއަށް ގުޅުއްވައި ވިދާޅުވި ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ފަނޑިޔާރުން ހާޒިރު ކުރުން ފަސް ކުރުމަށް ކޮމެޓީގެ މެންބަރުން ވިދާޅުވި ނަމަވެސް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެކަމާ ދެކޮޅު ހެއްދެވި އެވެ. ރިޒާ ވިދާޅުވީ ގާނޫނާ ހިލާފަށް ނަޝީދު ކުރައްވާފައިވާ ކަންތައްތައް ބެލުމަށް ކޮމެޓީން މަސައްކަތް ކުރާއިރު، ކަމުގެ މައުލޫމާތު ހުރި އެކަކު ވެސް ކޮމެޓީއަށް ހާޒިރު ކުރުމަށް ފަސް ޖެހިގެން ނުވާނެ ކަމަށެވެ. އަދި ކޮމެޓީގެ މެންބަރުން ސްޕްރީމް ކޯޓަށް ވަޑައިގެން ނަމަވެސް ފަނޑިޔާރުންނާ ބައްދަލުކޮށް އެ މައުލޫމާތު ހޯދަންޖެހޭ ކަމަށް ރިޒާ ވިދާޅުވި އެވެ.
ކޮމެޓީގެ މެންބަރުންނާ ހިޔާލު ތަފާތުވެވަޑައިގެން ރިޒާ ވާހަކަފުޅު ދެއްކެވި ނަމަވެސް ފަހުން އޭނާ ވަނީ ކޮމެޓީގެ މުގައްރިރު ދެއްކެވި ވާހަކަފުޅަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.