17 Jan 2013, 10:50
މިއަދު ފެށުމަށް ހަމަޖެހިފައިވާ ސާބާ ޗެމްޕިއަންޝިޕް 2013ގައި ރާއްޖެ ކުޅެންޖެހޭ ފުރަތަމަ މެޗުގައި ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމު ވާދަކުރާނީ މިއަދު ހަވީރު 18:30ގައި ނޭޕާލުގެ ގައުމީ ބާސްކެޓްބޯޅަ ޓީމާއެވެ.
ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި މިއަދު ފަށާ އެމުބާރާތް ހުޅުވާމެޗުގައި ބައްދަލުކުރާނީ ބަންގުލަދޭޝްގެ ގައުމީ ޓީމާއި ބޫޓާންގެ ގައުމީ ޓީމެވެ. މެޗުފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30ގަ އެވެ.
މި ސަރަހައްދުގައި ކުރިޔަށް ގެންދާ ބާސްކެޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސާބާ ޗެމްޕިއަންޝިޕްގައި މިފަހަރު ވާދަކުރަނީ ޖުމުލަ ފަސްޓީމެވެ. އެއީ ބަންގުލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ދިވެހިރާއްޖެ އެވެ.
މުބާރާތުގައި ރާއްޖެ ވާދަކުރަންޖެހޭ ދެވަނަ މެޗުގައި ހުކުރުދުވަހު ބައްދަލުކުރާނީ ޕާކިސްތާނާ އެވެ. އަދި ތިންވަނަ މެޗުގައި ޖެނުއަރީ 19 ވަނަ ދުވަހު ބޫޓާން އާއި ވާދަކުރަން ގުރުން ދިމާވެފައިވާ އިރު ރާއްޖޭގެ ޓީމު ކުޅޭ ފަހުމެޗުގައި މިމަހު 21 ވަނަ ދުވަހު ވާދަކުރާނީ މުބާރާތް ބާއްވާ ބަންގުލަދޭޝްގެ ޓީމާއެވެ.
ލީގު އުސޫލުން ކުޅެން ހަމަޖެހިފައިވާ މުބާރާތުގެ ޗެމްޕިއަންޓީމަކަށް ހޮވޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެއްބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެކެވެ.