17 Jan 2013, 10:33
ދެހާސް އެގާރަ ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މިދިޔަ މަހުގެ މާޗް މަހާ ހަމައަށް ލ. ކައްދޫ އެއާޕޯޓުގެ އިންޖީނުތަކަށް ތެޔޮގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ފާހަގަކުރެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން މެދުވެރިކޮށް އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ލަފާ ދެއްވައިފި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް އިއްޔެ ނެރުއްވާފައިވާ ޓްރާންސްޕޯޓް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ކައްދޫ އެއާޕޯޓުގެ އިންޖީނުތައް ހިންގަން ބޭނުންވާ ތެޔޮ ގަތުމަށް ލ. ފޮނަދޫ މީހަކާ އެކު ވެފައިވާ ދެ އަހަރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭޕްރީލް 19، 2011ގައި ރީޖިނަލް އެއާޕޯޓުން އެކަމަށް އިތުރު އިއުލާނެއް ކޮށްފައިވާ ކަމަށެވެ. އަދި އެ އިއުލާނާ ގުޅިގެން ހަތަރު ފަރާތަކުން އަގު ހުށަހަޅާފައިވާ އިރު ކުރިން ތެޔޮ ސަޕްލައި ކޮށްދެމުން ގެންދިޔަ ލ. ފޮނަދޫ ސަޕްލަޔަރު އެ އިއުލާނާ ގުޅިގެން އެސްޓިމޭޓް ހުށަހަޅާފައި ނުވާ ކަމަށް ވެސް އޮޓިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ އިއުލާނާ ގުޅިގެން އެސްޓިމޭޓް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކާ މަސައްކަތް ހަވާލުކޮށްފައި ނުވާ އިރު އެ ފަރާތްތަކުގެ އެެސްޓިމޭޓްތައް ބާތިލްކޮށްފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެ އިއުލާނާ ގުޅިގެން އެންމެ ކުޑަކޮށް އަގު ހުށަހަޅާފައިވާ ފަރާތުގެ އަގަށް ވުރެ ލީޓަރަކުން 40 ލާރި ބޮޑުކޮށް، ކުރިން ތެޔޮ ސަޕްލައި ކުރަމުންއައި ލ. ފޮނަދޫ މީހާގެ އަތުން ތެޔޮގަނެފައިވާ ކަމަށާއި އެކަމުގެ ސަބަބުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް 36،620ރ. ގެ ގެއްލުމެއް ވެފައިވާ ކަމަށް ވެސް އެ އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
"ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތް ކުރާއިރު ލ. ކައްދޫ އެއާޕޯޓަށް ތެޔޮ ހޯއްދެވުމަށް ކުރި އިއުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަގުތަކަށް ބެއްލެވުމެއް ނެތި، އޭގެފަހުން ވެސް ކުރިން ސަޕްލައިކޮށްދިން ފަތާރުން އެއާޕޯޓަށް ތެޔޮ ހޯދުމާ، އަދި ހަމައެކަނި އެފަރާތަށް ނޯޓް ފޮނުވައިގެން ތެޔޮ ގަނެފައިވާތީ، ދައުލަތަށް ޚަރަދު ކުޑަވާނޭގޮތަކަށް ތެޔޮލިބެން އޮތް ނަމަވެސް އެގޮތަށް ކަންތައް ކުރައްވާފައި ނުވާތީ އެންޓިކޮރަޕްޝަން ކޮމިޝަން މެދުވެރި ކުރައްވައި އިތުރަށް ބައްލަވައި އެކަމުގައި އިހުމާލުވާ ފަރާތްތަކެއްވާ ނަމަ، އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ދަންނަވަމަވެ،" އޮޓިޑް ރިޕޯޓްގައިވެ އެވެ.