އިތުރު ތިން އަހަރު ދުވަހު ބެންފީކާއަށް ކުޅުމަށް ޕެރަގުއޭގެ ފޯވާޑް އޮސްކާ ކާޑޯޒޯ ސޮއިކުރިކަން އެކުލަބުން އިއުލާން ކޮށްފިއެވެ. މިއެއްބަސްވުމާ ގުޅިގެން 2016 ވަނަ އަހަރާ ހަމަޔަށް ކާޑޯޒޯ އެކުލަބުގައި ހުންނާނެ އެވެ.

ކާޑޯޒޯ ބެންފީކާއާ އެކު ކުރިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އަންނަ ސީޒަން ނިމުމާއެކު އޭނާގެ ކޮންޓްރެކްޓް ހަމަވާނެ އެވެ. މިހާރު އާ ކުރި އެއްބަސްވުމާއެކު ކާޑޯޒޯ ހޯދުމަށް ކްލަބުތަކުން ބެންފީކާއަށް ބޮޑު އަގެއް ހުށަހަޅަން ޖެހޭނެއެވެ.

ބެންފީކާއާ އެކު ހަދާފައިވާ އެއްބަސްވުން އާކުރެވުމުން އުފާކުރާ ކަމުގައި އުމުރުން 29 އަހަރުގެ ފޯވާޑް ކާޑޯޒޯ ބުނެފައި ވެއެވެ.

"އެއްބަސްވުން އާ ކުރުމަކީ އަހަރެންނަށް ވަރަށް މުހިންމު ކަމެއް. ކްލަބުގެ ގިނަ ބަޔަކު އަހަރެންނަށް އިތުބާރުކުރޭ. ހާއްސަކޮށް ބެންފީކާގެ ރައީސް ލުއިސް ފިލިޕޭ ވިއޭރާ. މިއީ އަހަރެންނަށް ވަރަށް މުހިންމު ކަމެއް. އަހަރެން ބޭނުން ބެންފީކާއާ އެކު މަސައްކަތްކޮށް ކްލަބަށް ކާމިޔާބު ހޯދައިދޭން." ކާޑޯޒޯ ބުންޏެވެ.

ބެންފީކާއާ ކާޑޯޒޯ ގުޅުނީ 2007 ވަނަ އަހަރު ނިއުވެލްސް އޯލްޑް ބޯއިސް އިންނެވެ. ބެންފީކާއާ ގުޅުމަށް ފަހު ކާޑޯޒޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައި ވެއެވެ. ލީގުގެ ބާރަ މެޗުގައި ކާޑޯޒޯ ވަނީ ބެންފީކާއަށް ތޭރަ ގޯލް ކާމިޔާބު ކޮށްދީފަ އެވެ.