މާސޭލްގެ ފްރާންސް ފޯވާޑް ލޮއިކް ރެމީ ކުއީން ޕާކްސް ރޭންޖާސް (ކިޔުޕީއާރު) އާއި ގުޅުނުކަން އެކުލަބުން ކަށަވަރު ކޮށްދީފި އެވެ. ކިޔުޕީއާރާ ރެމީ ގުޅުނީ ހަތަރު އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ފްރާންސް ފޯވާޑް ރެމީ ކިޔުޕީއާރުގައި ފެނިގެންދާނީ 18 ނަންބަރު ޖާޒީގަ އެވެ. ޕްރެމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު ވެސްޓް ހާމްއާ ދެކޮޅަށް ކިޔުޕީއާރް ކުޅޭ މެޗުގައި ރެމީއަށް ބައިވެރިވެވޭނެ އެވެ. ރެމީ ސޮއިކުރުމުން އުފާކުރާ ކަމުގައި ކިޔުޕީއާރުގެ ކޯޗް ހެރީ ރެޑްނެޕް ބުނެފައި ވެއެވެ.

"ރެމީ ޓީމާ ގުޅުމުން އަހަރެން ވަރަށް އުފާކުރަން. ކުރިން އަހަރެން ހިއެއް ނުކުރަން ރެމީ ސޮއިކުރާނެ ކަމަކަށް. ނަމަވެސް ޓޯނީ ފެނާންޑޭޒް އެކަމާ ވަރަށް ބުރަކޮށް މަސައްކަތްކުރި. ރެމީ ސޮއިކުރުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް." ރެޑްނެޕް ބުންޏެވެ.

ރެމީ އަކީ ރެޑްނެޕް އަބަދުވެސް ބޭނުންވި ކުޅުންތެރިއެއް ކަމުގައި އޭނާ ބުނެއެވެ. "އަހަރެން އަބަދުވެސް އޭނާ ބޭނުންވި. މިދިޔަ އަހަރުތަކުގެ ތެރޭގައި އަހަރެން ރެމީގެ ކުޅުން ވަރަށް ރަނގަޅަށް ބެލިން. މިދިޔަ އަހަރު ގާތަގަނޑަކަށް ތިނެއް ނުވަތަ ހަތަރު ގަޑިއިރު އަހަރެން އޭނާއާއެކު ހޭދަކުރިން. އަދި އަހަރެން އޭނާއާ މެދު ދެކެމުންދިޔަ ގޮތް ރެމީ އަށް އެނގޭނެ." ރެޑްނެޕް ބުންޏެވެ.

ކިޔުޕީއާރް ރެލިގޭޝަން ޒޯނުން ސަލާމަތް ވުމުގައި ރެމީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ނިއުކާސަލް ޔުނައިޓެޑުން ވެސް ރެމީ ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ.