17 Jan 2013, 09:43
ހައުސިން އެންޑް އެންވަޔަރަމެންޓް މިނިސްޓަރު މަގާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ ފޯން ބިލަށް 312928ރ. ހަރަދުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އިއްޔެ އާންމުކޮށްފައިވާ 2010 ވަނަ އަހަރުގެ ހައުސިން އެންޑް އެންވަޔަރަމެންޓްގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ 2009 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އަސްލަމްގެ މޯބައިލް ފޯން ބިލަށް 312928ރ. އެ މިނިސްޓްރީގެ ބަޖެޓުން ދައްކާފައިވާ ކަމަށެވެ.
އަސްލަމް ފޯން ބިލް މިނިސްޓްރީގެ ބަޖެޓުން ދައްކާފައިވާ މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާދެއްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަލުއްވާ ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމުގައި ގާނޫނު އަސާސީގެ 102 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު ގާނޫނާ ހިލާފަށް މިނިސްޓްރީގެ ބަޖެޓުން ދައްކާފައިވާ ފައިސާ އަނބުރާ ހޯއްދަވައި ދައުލަތުގެ ކޮންސޮލިޑޭޓްޑް ރެވެނިއު ފަންޑަށް ޖަމާކުރަން ޖެހޭނެ ކަމަށެވެ.
އެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އެހެން ކަމަކަށް ބަލާ އިރު ބަޖެޓުން ހަރަދުކޮށްގެން 2010 ވަނަ އަހަރު އެ މިނިސްޓްރީގެ މުވައްޒިފުނަށް ރޯދަވީއްލުން ބޭއްވުމަށް ޓަކައި 25200ރ. ހަރަދުކުރައްވާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ހަރަދުކޮށްފައިވާ ފައިސާއަކީ މިނިސްޓްރީގެ ޖަލްސާ އާއި ސެމިނާ ފަދަ ކަންތައްތަކަށް ހަރަދުކުރެއްވުމަށް ބަޖެޓްކޮށްފައިވާ ފައިސާގެ ތެރެއިން ހަރަދުކޮށްފައިވާ ފައިސާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެ މައްސަލާގައި އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައި ވަނީ ދައުލަތުގެ މާއްލިއްޔަތު ގަވައިދުގެ 4.06ގެ "ނ"ގައި ވާގޮތަށް މުވައްޒުފުނަށް ކެއުމާއި ސައި ދިނުން ފަދަ ސީދާ މުވައްޒިފުނަށް އެއްޗެއްލިބޭ ފަދަ ހަރަދެއް ކުރަން ވާނީ މިނިސްޓްރީ އޮފް ފިނޭންސަށް ލިޔެ ހުއްދަ ލިބިގެން ކަމަށެވެ.
"ދައުލަތުގެ މާއްލިއްޔަތު ގަވައިދުގެ މެނުވީ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރެއްވުމަށް ދަންނަވަމެވެ. އަދި މުވައްޒިފުނަށް ސީދާ އެއްޗެއްލިބޭ ފަދަ ހަރަދެއް ކުރެއެވުމުގެ ކުރިން ދައުލަތުގެ މާއްލިއްޔަތުގެ ގަވާއިދުގެ 4.06ގެ ނ. އާ އެއްގޮތަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ހުއްދަ ލިޔުމުން ހޯއްދެއްވުމަށް ދައްނަވަމެވެ." އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައިވެ އެވެ.
އަދި އެހެންމެ އެއޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އެ މިނިސްޓްރީން ވަނީ ބަޖެޓްކުރެވިފައިނުވާ ގިނަ މަޝްރޫތަކަކަށް މާއްލިއްޔަތު ގާނޫނާ ހިލާފަށް ބޮޑެތި ހަރަދުތަކެއް ކޮށްފަ އެވެ. އެގޮތުން މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްގައި ނުހިމެނޭ މަޝްރޫއުތަކަށް ލޯނު ނަންގަވަިއގެންނާއި ކުރިން ބަޖެޓްކޮށްފައިވާ މަޝްރޫއުތަކަށް ފައިސާ ބަދަލުކުރައްވައިގެން 501 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ މަޝްރޫއުތަކަށް ސީދާ ދައުލަތުގެ ބަޖެޓުން 231 މިލިއަން ރުފިޔާ އާއި މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްގައި ނުހިމެނޭ 481 މިލިއަން ޗައިނީސް ޔުއާންގެ ކޮމާޝަލް ލޯނެއް ނަގައިގެން އޭގެ ތެރެއިން 270 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
އެމައްސަލާގައި އޮޑިޓާޖެނެރަލް ވިދާޅުވެފަިއވަނީ ގާނޫނު އަސާސީއާއި ދައުލަތުގެ މާއްލިއްޔަތު ގާނޫނާއި ދައުލަތުގެ މާއްލިއްޔަތު ގަވައިދާ ހިލާފަށް މަޖިލީހުން ފާސްކޮށްދެއްވި ބަޖެޓުގައި ނުހިމެނޭ ކަންކަމަށް ހަރަދުކުރައްވާފަިއވާތީ އެކަމަށް ޒިންމާވާންޖެހޭ ފަރާތްތަކާމެދު ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 47 އަދި 48 ވަނަ މާއްދާގެ ދަށުން ގާނޫނީ ފިޔަވަޅު އެޅުއްވުމަށް ދައްނަވާ ކަމަށެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ 2010 ވަނަ އަހަރުގެ ހައުސިލް މިނިސްޓުރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ މާއްލިއްޔަތު ގަވައިދާ ހިލާފަށް އެޑްވާންސް ފައިސާގޮތުގައި ހދ. ކުމުންދޫ ބަނދަރު މަސައްކަތް ހަވާލުކޮށްފައިވާ ކުންފުއްޏަށް ފަސް މިލިއަން ރުފިޔާ ދީފައިވުމާއި ދައުލަތުގެ މާއްލިއްޔަތު ގަވައިދާ އެއްގޮތަށް ހަރުމުދާ ބަހައްޓާފައި ނުވުމާއި ދައުލަތަށް ލިބެންޖެހޭ އާންމުދަނީ އިން ދައުލަތުގެ މާއްލިއްޔަތު ގަވައިދާހިލާފަށް 16542ރ. މާފްކޮށްފަިއވާކަން ފާހަގަކޮށްފައެވެ. އަދި އެ މިނިސްޓުރީން 2010 ވަނަ އަހަރު ނީލަމުގައި ތަކެތި ވިއްކަިއގެން އާމްދަނީގެ ގޮތުގައި ލިބުނު 42310ރ. އެ މިނިސްޓުރީގެ ހިސާބުތަކަށް ވައްދަވައި ދައުލަތުގެ އާމްދަނީގެ ގޮތުގައި ޖަމާކުރެއްވުމުގެ ބަދަލުގައި އެމްޓީސީސީއަށް ފައިސާ ދައްކަންޖެހޭ ބިލުތަކުން އުނިކުރައްާފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ސާފު އަދި ރައްކާތެރި ބޯފެން ރަށްރަށަށް ފޯރުކޮށްދެއްވުމަށް ހިންގެވި މަޝްރޫއިން ލިބުނު ގެއްލުން ފާހަގަކޮށްފައެވެ.
ހައުސިން މިނިސްޓުރީގެ 2010 ވަނަ އަހަރުގެ އޮޑިޓްރިޕޯޓްގައި މިނިސްޓުރީއަށް ގާނޫނާއި ގަވައިދަށް އަމަލުކުރެވިފައިވާ މިންވަރާމެދު އޮޑިޓާޖެނެރަލް ފަހަގަކުރައްވާފައިވަނީ އެމިނިސްޓުރީއާއި އެމިނިސްޓުރީގެ ދަށުން ހިންގާ މުއްސަސާތަކަށް 2010 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުން ހަރަދުކޮށްފަިއވަނީ ދައުލަތުގެ މާއްލިއްޔަތު ގާނޫނާއި ގަވައިދާ އެއްގޮތްވާގޮތުގެ މަތިން ބަޖެޓްގެ ހަރަދުކުރުމަށް ކަނޑައަލުއްވާފަިއވާ މިންވަރަށް އަދި ބަޖެޓުގައި ހަރަދުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ މަތިން ކަމަށް ނުދެކޭ ކަމަށެވެ.