މިހާރު ކުރިއަށް ދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި އެމެރިކާގެ ރަޔަން ހެރިސަން އާއި ވާދަކޮށް އެންމެ ފަހުގެ ޗެމްޕިއަން ސާބިއާގެ ނޯވަކް ޖޯކޮވިޗް ފަސޭހަކަމާއެކު މެޗް ކާމިޔާބު ކޮށްފިއެވެ.

ހެރިސަންއާ ވާދަކޮށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖޯކޮވިޗް ސެޓްތައް ކާމިޔާބުކުރީ 6-1، 6-2 އަދި 6-3 އިންނެވެ. މެޗުގެ ފުރަތަމަ ސެޓު ޖޯކޮވިޗް ކާމިޔާބުކުރީ އެންމެ 20 މިނެޓް ތެރޭގަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޖޯކޮވިޗް ބުނީ މެޗު ކުޅުނީ ފެށުނީއްސުރެ ފޯކަސް ކޮށްގެން ކަމަށެވެ.
"އަހަރެން މެޗު ފެށުނީއްސުރެ މަސައްކަތްކުރީ ފޯކަސް ކުރަން. އަހަރެންނަށް އެނގުނު ހެރިސް އަށް އިތުރު އެއްވެސް އެޗެއް ގެއްލެން ނެތްކަން. އަދި އޭނާ ބޮޑެތި ސާވިސްތަކަށް އަންނާނެކަން ވެސް އަހަރެންނަށް އެނގުނު. މިމެޗުގައި ހެރިސްގެ ފަރާތުން ފެނިގެން ދިޔައީ އެންމެ ރަނގަޅު ކުޅުން ކަމަށް އަހަރެން ގަބޫލެއް ނުކުރަން." ޖޯކޮވިޗް ބުންޏެވެ.

އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، އެމެރިކާގެ ޓީމް ސްމިޗޭޒް އަތުން ދުނިޔޭގެ ހަތަރުވަނަ ޓެނިސް ކުޅުންތެރިޔާ ޑޭވިޑް ފެރާ މޮޅުވީ 6-0، 7-5، 4-6 އަދި 6-3 އިންނެވެ. ފްރާންސްގެ ގުއިލޯމް ރުފިން އަތުން ދުނިޔޭގެ ފަސްވަނަ ޓެނިސް ކުޅުންތެރިޔާ ތޯމަސް ބާޑީޗް މޮޅުވީ 6-2، 6-2 އަދި 6-4 އިންނެވެ.

ލޫކަސް ލަކޯ އަތުން ދުނިޔޭގެ އަށްވަނަ ޓެނިސް ކުޅުންތެރިޔާ ޖެންކޯ ޓިޕްސަރެވިޗް މޮޅުވީ 6-3، 6-4، 3-6، 4-6 އަދި 7-5 އިންނެވެ. މިމެޗު ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ދެމިގެންދިޔަ އެވެ. ދުނިޔޭގެ 10 ޓެނިސް ކުޅުންތެރިޔާ ނިކޮލަސް އަލްމަގްރޯގެ މެޗު ކާމިޔާބުކުރި އިރު، ސޯޅަ ވަނަ ޓެނިސް ކުޅުންތެރިޔާ ކެއި ނިޝިކޯރީ ވެސް ވަނީ މެޗު ކާމިޔާބު ކޮށްފައެވެ.