ފެރީގެ ޚިދުމަތް ހުއްޓިއްޖެ! ފެރީގެ ޚިދުމަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސް ވެއްޖެ! އުޅަނދު ހަލާކު ވުމުގެ ސަބަބުން ފެރީގެ ޚިދުމަތް މެދުކެނޑިއްޖެ! މިއީ މިހާރަކަށް އައިސް ވަރަށް ގަދަޔަށް އިވެމުން އަންނަ އަޑެކެވެ. ނުވަތަ ދެކެވެމުން އަންނަ ވާހަކައެކެވެ. ފެރީގެ ޚިދުމަތް ހުއްޓުމުގެ ސަބަބުން ބައެއް ރަށްރަށުގައި އެކަމާ ދެކޮޅަށް އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ފެނާއި ކަރަންޓްގެ ޚިދުމަތެކޭ ވެސް އެއްގޮތަށް، ފެރީގެ ޚިދުމަތް ވެސް މިހާރު މިވަނީ އެއާ ނުލައި ނޫޅެވޭ ފަދަ އަސާސީ ޚިދުމަތަކަށް ވެފައެވެ. ފެރީގެ ޚިދުމަތް ނުލިބޭތީ ރަށްރަށުގައި މުޒާހަރާ ކުރަނީ އެހެންވެގެންނެވެ.

އެމްޓީސީސީން ކުރީން ދެމުން ގެންދިޔަ ފެރީގެ ނިޒާމް ހުއްޓުމަކަށް ގެނައުމަށް ފަހު ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމުގެ ވައުދުގެ ތެރެއިން ފެރީގެ ނިޒާމެއް ގާއިމް ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ. ރާއްޖެ ހަތް ޕްރޮވިންސަކަށް ބައްސަވައި ކޮންމެ ޕްރޮވިންސަކަށް ފެރީގެ ޚިދުމަތް ދިނުމަށް ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ އެބައި މީހުންނަށް 15 ހެކްޓަރުގެ ފަޅުރަށެއް ދިނުމަށް ފަހުގަ އެވެ. އެއީ ރިސޯޓް ހެދުމަށާއި، އެހެނިހެން ކަންކަމަށް އިންވެސްޓް ކުރުމަށް ދޫކޮށްފައިވާ ފަޅުރަށްތަކެކެވެ. ބަރާބަރަށް ފެރީގެ ޚިދުމަތް ދެމުން ގެންދިއުމަށްފަހު، މިހާރު މިވަނީ ފެރީގެ ނިޒާމް ހުއްޓުމަކަށް އައިސްފައެވެ. ފެރީގެ ނިޒާމު ހުއްޓުމަކަށް އައީ ކީއްވެ ހެއްޔެވެ؟ ދަތުރުކުރާނެ މީހުން ނެތީހެއްޔެވެ؟ ކުރާ ދަތުރުތަކަށް ލިބޭ އެއްޗަކުން ދެކޮޅު ނުޖެހެނީ ހެއްޔެވެ؟ ނުވަތަ ގަސްދުގައި ބަޔަކަށް ދަތިކުރުމުގެ ގޮތުން ދަތުރުތައް ހުއްޓާލީ ބާވައެވެ؟ ރައްޔިތުންގެ ޝަކުވާއަކީ މިއިން އެއްވެސް ސުވާލަކަށް ޖަވާބުދާރީވާނޭ ފަރާތެއް ނޭނގުމުގެ ޝަކުވާއެވެ.

ރާއްޖޭގެ ހަތަރު އަތޮޅަކަށް ފެރީގެ ޚިދުމަތް ދެމުންގެން ގެންދާ ކުންފުންޏެއްގެ އިސް އޮފިޝަލަކު ނަންނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ރިސޯޓެއް ތަރައްގީ ކުރުމަށް ކުންފުނިތަކަށް ފަޅުރަށެއް ހަވާލުކުރިނަމަވެސް ބައެއް ކުންފުނިތަކަކީ އެ ފަޅުރަށުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ ގާބިލްކަން ހުރި ފަރާތްތަކެއް ނޫން ކަމަށެވެ. އަދި އެ ކުންފުނިތަކުން ވެސް ރިސޯޓެއް ތަރައްގީ ކުރަން ޖެހެނީ އިތުރު ބަޔަކާ ހަވާލުކޮށްގެން ކަމަށްވާތީ އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ފެރީގެ ޚިދުމަތް ދެމުންގެންދާ އުޅަނދު ހަލާކުވުމުން އެ އުޅަނދު މަރާމާތު ކުރުމަކީ އެހާ ފަސޭހަކަމެއް ނޫންނެވެ. ސަބަބަކީ އެ ކުންފުނިތަކަކީ މާލީގޮތުން އެހާ ފުދުންތެރި ބައެއްކަމަށް ނުވާތީ އެވެ. ކުންފުންޏަށް މާލީގޮތުން ފައިދާއެއް ލިބެން އޮންނަނީ ވެސް ސަރުކާރުން ދޫކޮށްފައިވާ ފަޅުރަށުގައި ރަނގަޅު އިންވެސްޓެއް ކޮށްގެންނެވެ.

ގއ. އަތޮޅު ކައުންސިލް މެންބަރު އަބްދުއްސަލާމް މުހައްމަދު ވިދާޅުވިގޮތުގައި ހުވަދުއަތޮޅަށް ފެރީގެ ޚިދުމަތް ނުލިބޭތާ ހަތަރު މަސް ދުވަސް ވެފައިވާއިރު، ފެށުނީއްސުރެ ވެސް އެ އަތޮޅަށް ފެރީގެ ޚިދުމަތް ލިބެމުން އަންނަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫނެވެ.

އޭނާ ވިދާޅުވިގޮތުގައި އެހާ ފުދުންތެރިކަން ނެތް ބަޔަކާ ފެރީގެ ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވާއިރު ފެރީ ދުއްވަން ތިބެނީ އެއްވެސް އިޚުލާސްތެރިކަމެއް ހުރި ބައެއް ނޫނެވެ.

"ހުވަދުއަތޮޅަށް ފެރީގެ ޚިދުމަތް ދެމުން އަންނަނީ ޓްރޭނާސް މޯލްޑިވްސްގެ ފަރާތުން. ކުރިންވެސް ހުވަދުއަތޮޅަށް ފެރީގެ ޚިދުމަތް ލިބެމުން އަންނަނީ އެންމެ ރަނގަޅަކަށް ނޫން. ބައްލަވާ މިހާރު ވެސް ހަތަރު މަސް ވެއްޖެ އެއްގޮތަކަށް ވެސް ހުވަދުއަތޮޅަށް ފެރީގެ ޚިދުމަތް ނުލިބޭތާ. މީގެ ހަތަރު މަސް ކުރިން ބޮލަކަށް 100 ރުފިޔާ ނަގައިގެން ޓްރޭނާސް އިން ދެ ދަތުރެއް ވަރު ކުރި. މިއީ ތޯ ފެރީ އަކީ. މި ފެރީތައް ދުއްވަން މިހުންނަނީ ވެސް ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހެއް. ދެން އެމީހުން އެއްވެސް އިޚުލާސްތެރިކަމާ އެކު އެ ޚިދުމަތް ދޭނެތޯ. އެހެންވީމަ މިހިރީ މިކަމުގައި ހުރި މައްސަލަތައް،" އަބްދުއްސަލާމް ވިދާޅުވި އެވެ.

ސަލާމް ވިދާޅުވިގޮތުގައި ފެރީގެ ޚިދުމަތް ހުއްޓެމުންދާތީ އެކަމުގައި ހުރި މައްސަލަތައް އަތޮޅު ކައުންސިލްގެ ފަރާތުން ވަރަށް ބޮޑަށް ދިރާސާކޮށްފައިވެއެވެ. އަދި ފެރީގެ ޚިދުމަތް ދެމުންގެންދާ އުޅަނދުގައި މައްސަލައެއް ދިމާވެއްޖެނަމަ އެ މައްސަލަ ހައްލުކުރެވެން ދެން އެތަކެއް ދުވަސް ވަންދެން ފެރީގެ ޚިދުމަތް ހުއްޓިފައި އޮންނަން ޖެހޭއިރު އެކަން އެގޮތަށް ދިމާވަނީ "ފަގީރު" ބަޔަކާ އެ މަސައްކަތް ހަވާލުކޮށްފައިވާތީ ކަމަށް އޭނާ ވިދާޅުވެ އެވެ.

އޭނާ ވިދާޅުވިގޮތުގައި ހުވަދޫ އަތޮޅަށް ފެރީގެ ޚިދުމަތް ދިނުމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުއާއި ކޫއްޑޫ މޯލްޑިވްސް އާއި އެމްޓީސީސީގެ އިތުރުން ގަލްފް ކްރާފްޓުން ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ. އަދި އެ ބައިމީހުންނަކީ މާލީގޮތުން ފުދުންތެރި ބައެއްކަމަށްވާތީ މެދުކެނޑުމެއް ނެތި އެ ކުންފުނިތަކަށް ފެރީގެ ޚިދުމަތް ދެވޭނެ ކަމަށް ވެސް ސަލާމް ވިދާޅުވެއެވެ.

"ބައްލަވާ ޖަނާ އަކީ މަޝްހޫރު ވިޔަފާރި ވެރިއެއް. ގަލްފްކްރާފްޓަކީ މަޝްހޫރު ފުދުންތެރި ބޮޑު ކުންފުންޏެއް. ކޫއްޑޫއާއި އެމްޓީސީސީ ވެސް ހަމަ އެފަދަ. ފެރީގެ ޚިދުމަތް ދެމުންގެންދާ އުޅަނދުގައި މައްސަލައެއް ޖެހުނަސް ނުވަތަ އުޅަނދު ހަލާކު ވިޔަސް އެމީހުން ފަހަތަކަށް ނުޖެހޭނެ. މައްސަލައެއް ޖެހުނަސް ވަގުތުން އާ އުޅަނދެއް ގެނެސް މެދުކެނޑުމެއް ނެތި ފެރީގެ ޚިދުމަތް ދެވޭނެ ވަރުގެ ބައެއް އެއީ. އަޅުގަނޑު ސަރުކާރަށް ގޮވާލަން މިހިރަކަންކަމަށް ވިސްނައި ފެރީގެ ޚިދުމަތް ހައްލު ކުރާށޭ،" ސަލާމް ވިދާޅުވި އެވެ.

ލ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވިގޮތުގައި އެ އަތޮޅަށް ވެސް ފެރީގެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ލިބެމުން ނުދެއެވެ.

އޭނާ ވިދާޅުވިގޮތުގައި ފެރީގެ ޚިދުމަތް ދެމުން އަންނަ އުޅަނދުގެ ސައިޒް ކުޑަވުމާއި، ފެރީގައި ސަލާމަތީ ގޮތުން ފުރިހަމަވެފައި ހުންނަންޖެހޭ ކަންކަން ފުރިހަމަވެފައެއް ނުހުރެ އެވެ. އަދި މިހާރު، ދަތުރުތައް ޝެޑިއުލްކޮށްފައި އޮންނަގޮތުން އަތޮޅުގެ ގިނަ ރައްޔިތުންނަށް އަތޮޅުގެ ބައެއް ރަށްރަށުން ހޯދަންޖެހޭ ޚިދުމަތްތައް އެއްވެސް ގޮތަކަށް ލިބެމުން ނުދާކަމަށް އޭނާ ވިދާޅުވެ އެވެ.

"ފެރީގެ ޚިދުމަތް ބަރާބަރަށް ނުލިބޭ. މައްސަލަތަކަކީ ދޯނީގެ ސައިޒް ކުޑަވުމާ ސަލާމަތީ ގޮތުން ހުންނަންޖެހޭ ކަންތައްތައް ފުރިހަމަވެފައި ނުހުރޭ. މިހާރު ޝެޑިއުލްކޮށްފައި އޮންނަ ގޮތުން ގަމުގެ ރައްޔިތުނަށް އިސްދޫއަށް ދެވެނީ އިރުއޮއްސޭ ވަގުތު. ދެން އަނެއް ދުވަހު ފަތިހު ފުރާ. މިސާލަކަށް ދަނޑުވެރިން އަތުން އެއްޗެއް ގަންނާނީ ކިހިނެތްތޯ. ދަނޑުތަކުން އެއްޗެއް ގަނެވޭނީ ދުވާލުސް އެއްޗިހި ބަލާފަ ނޫންތޯ. އަދި އެ ދެރަށް ނޫނަސް އެހެން ރަށްތަކުގެ މީހުންނަށް ވެސް މިފަދަ އުނދަގޫތަކަކާ ކުރިމަތިވޭ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެކަންހައްލު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވެއެވެ. އަދި އެކަން ހައްލު ކުރުމަށް ކުރަންޖެހޭ ކަމަކީ އެގްރީމެންޓާ އެއްގޮތަށް ޚިދުމަތް ދެމުންގެންދާ ކުންފުނިން އަމަލު ކުރުމަށް ލާޒިމް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދުނާން އަލީ ވިދާޅުވިގޮތުގައި ފެރީގެ ޚިދުމަތް ރަނގަޅު ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ ޚިދުމަތް އެކަށީގެންވާ ގޮތަށް ނުދެވޭ ކުންފުނިތަކަށް އެކަންތައް ރަނގަޅު ކުރުމަށް ވަކި މުއްދަތެއް ދިނުމަށް ފަހު އެ މުއްދަތުގެ ތެރޭގައި ފެރީގެ ޚިދުމަތް ރަނގަޅު ނުކޮށްފިނަމަ އެ މީހުންގެ އަތުން އެ ޕްރޮޖެކްޓް އަތުލުމަށް ފަހު، އެ މަސައްކަތް އިތުރު ބަޔަކާ ހަވާލުކުރުމަށް އަލުން އިއުލާން ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

"އެ މުއްދަތުގެ ތެރޭގައި ރަނގަޅު ނުކޮށްފިއްޔާ އެ މީހުންގެ އަތުން އެ މަސައްކަތް އަތުލުމަށް ފަހު އެހެން ބަޔަކާ ހަވާލު ކުރުމަށް އިއުލާން ކުރުމަށް މިހާރު ވަނީ ނިންމާފައި،" އަދުނާން ވިދާޅުވި އެވެ.