17 Jan 2013, 09:12
އެމްޑީޕީގެ ސަރުކާރެއްގައި ރާއްޖޭގައި ވަޒީފާގެ ފުރުސަތު ނުލިބޭ އެއްވެސް ޒުވާނަކު އަދި އެއްވެސް ރައްޔިތަކު ނުބަހައްޓާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކާނިވަލް ސަރަހައްދުގައި އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް މި އަހަރަށް ފެއްޓުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ ކޮން ކަމެއް ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުން ވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދިއުން ކަމަށެވެ.
"އަޅުގަނޑުމެނަށް އެބަ އެނގޭ މިއަދު ރާއްޖޭގެ ގޭގެ އަށް ވަނީމާ ރާއްޖޭގައި ދިމާވެގެން އުޅޭ މައްސަލަ އެއީ ޒުވާނުންގެ ވަޒީފާގެ ފުރުސަތު. އަޅުގަނޑުމެނަށް މިއަދު މި އެނގެނީ މި ރާއްޖޭގެ ރައްޔިތުންނަށް އަދި މި ރާއްޖޭގެ ތަރައްގީ އަށް ކޮންމެހެން ބޭނުން ވަނީ ރާއްޖޭގެ ކޮންމެ ޒުވާނަކަށް ވަޒިފާގެ ފުރުސަތު ކަން. އަޅުގަނޑުމެން މި ފަހަރު ތިޔަ ބޭފުޅުންނަށް މި ވަޢުދު ވަނީ ރާއްޖޭގައި ނުބަހައްޓާން އެންމެ ޒުވާނަކު ވެސް އެންމެ ރައްޔިތަކު ވެސް ވަޒީފާގެ ފުރުސަތު ނުލިބޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ އަކީ ވަޢުދު ފުއްދާ ޕާޓީއެއް ކަމަށާއި ވަޢުދު ވަނީ ވައުދު ފުއްދޭނެ ކަން އެނގޭތީ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ ކޮންކަމެއް ކަމާއި ރާއްޖޭގެ ހާލަތު އެ މަނިކުފާނަށާއި އެ މަނިކުފާންގެ ޕާޓީ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމަށާއި އެހެން ނަމަވެސް މިއަދު ރާއްޖޭގެ އާބާދީގައި ޒުވާނުން ތިބި ނިސްބަތަށް ބަލާ އިރު ވަޒީފާގެ ފުރުސަރު ނެތް އެތައް ޒުވާނުންނެއް ތިބި ކަމަށެވެ. އެހެން ކަމުން އެމަނިކުފާންގެ ވެރިކަމެއްގައި އާބާދީގެ ނިސްބަތުން ވަޒީފާގެ ފުރުސަތު ހޯދައި ދޭނެ ކަމަށާއި އަދި ވަޒީފާ އަދާ ކުރާ މީހެއްގެ އެންމެ ދަށް މުސާރަ އެއްގެ ގޮތުގައި 4500 ރުފިޔާ ގާނޫނެއްގެ ދަށުން ކަނޑައަޅުއްވައި ދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން. އެ ޒުވާނުންގެ ތެރެއިން ގިނަ މީހުންނަކަށް ވަޒީފާގެ ފުރުސަތެއް ނެތް. އެމްޑީޕީ ވަޢުދު ވަނީ ވަޒީފާ އަދާ ކުރާ ކޮންމެ މީހަކަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 4500 ރުފިޔާ ކަނޑައަޅާނެ ކަމަށް. ގާނޫނީ ގޮތުން އެކަން ކަނޑައެޅުމަށް ޓަކައި އެމްޑިޕީން މަސައްކަތް ކުރާނެ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ އަބާދީގެ ޒުވާނުންގެ ތެރެއިން ގިނަ މީހުން ވަޒީފާ އަދާ ކުރަމުން ދަނީ ރިސޯޓްތަކުގައި ކަމަށާއި އަދި އެ މީހުން ގިނަ ދުވަސްތަކެއް ވަންދެން އާއިލާއާ ދުރުގައި އުޅެން ޖެހޭ ކަމަށެވެ. މީގެ އިތުރުން ރިސޯޓްތަކުގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ އަށް ގަޑި އިރަށް ވުރެ ގިނަ އިރު ވަޒީފާއަދާ ކުރަން ޖެހޭ މީހުން ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ ރިސޯޓްތަކުގައި އަނބި ދަރިންނާއި ދުރުގައި ބިކަހަލުގައި، މޮޅިވެރިކަމުގައި 24 ގަޑި އިރު މަސައްކަތް ކުރާ މާހައުލުގައި ދިރިއުޅެމުން އަންނަ ޒުވާނުން މާ ގިނަ އީ. ރާއްޖޭގެ ޒުވާނުން މަސައްކަތް ކުރާން ޖެހެނީ އެ މީހުންގެ އަނބި ދަރިން ކައިރީ ތިބެގެން. ރާއްޖޭހެ ހުރިހާ ރިސޯޓެއްގައި ވެސް މަސައްކަތް ކުރާން ޖެހޭނީ އަށް ގަޑި އިރު." ނަޝީދު ވިދާޅުވި އެވެ.
ވަޒީފާ އަދާ ކުރާ ތަނުގައި ނުވަތަ މަސައްކަތް ކުރާ މާހައުލުގައި ނިދުމަކީ އެއީ ނަވާރަ ވަނަ ގަރުނުގައި ކޮށް އުޅުނު ކަމެއް ކަމަށާއި އަދުގެ ތަހުޒީބީ މުޖުތަމައުތަކުގައި އެ ކަމަކީ މިހާރުދޫ ކޮށްލާފައިވާ ކަމެއް ކަމަށް ވެސް އެމަނިކުފާން ވިދާޅުވި އެވެ.
"ނިދާކަށެއް ނުޖެހޭ ފެކްޓަރީ އަކު. ނިދާކަށެއް ނުޖެހޭ ރިސޯޓަކު. ނޫޑުލިސް ޕެކެޓެއް ކާންދީގެން، ކޮންޓެއިނަރު ތެރޭ ފާހާނާ ކުރުވައިގެން، އެއީ އަދުގެ ދުނިޔޭގައި ކުރާ ކަމެއްނޫން. އެއީ ނަވާރަ ސަތޭކައިގެ އަހަރުތަކުގައި ގަދަ ބާރުން ދަނޑިމާރު ލައިގެން މީހުން ލައްވާ މަސައްކަތް ކުރުވައި އުޅުނު ޒަމާން. މީ އެ ދިވެހިރާއްޖެ އެއް ނޫން."
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި އެކަންތައްތައް ނިމުމަކަށް ގެންނާނެ ކަމަށާއި ރިސޯޓުގައި މަސައްލަތް ކުރުމަށް ފަހު އެނބުރި ރަށަށް އާދެވޭނެ ނިޒާމް އެމްޑީޕީގެ ވެރިކަމެއްގައި ހަމަޖައްސައި ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ރަށުގައި ބޯހިޔަވަހިކަމެއް ނެތް ނަމަ އެކަން ވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.
"މީ ފެލްޓް ދޮންބެ. މީ ފްލެޓް ދޮންބެގެ ޕާޓީ. އަޅުގަނޑުމެން އެމީހުންނަށް މަސައްކަތް ތެރިންނަށް ބޯހިޔާ ވެހިކަން ހޯދައި ދޭނެ."
ރައީސް ނަޝީދު ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުންނަށް ނިދާ ތަން ދިނުމާއި ބޭސް ފަރުވާކޮށް ދިނުމާއި ރިސޯޓާއި ރަށާ ދޭތެރޭ ފެރީ ދުއްވުމަކީ ރިސޯޓްތަކުން ނުވަތަ ވަޒީފާދޭ ފަރާތުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ބޭސް ފަރުވާކޮށް ދިނުމާއި ދަތުރު ފަތުރު ގާއިމުކޮށް ދިނުމާއި ބޯހިޔާ ވެހިކަން ހޯދައި ދިނުމަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ މަސްއޫލީއްޔަތެއް ނުވަތަ ޒިންމާއެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުން ގުޅިފައި ވަނީ މަސައްކަތް ތެރިންނާނާ ކަމަށާއި އެ މީހުން ހައްގުތަކާއި ލިބޭނެ އާންމު ދަނީ އެ މީހުންނަށް ކަށަވަރުކޮށް ދެވިއްޖެ ނަމަ ރާއްޖެ ތަރައްގީވެ ކުރި އަރައިގެން ދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.