17 Jan 2013, 08:49
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލަން އުޅުނު ކަމުގެ މައުލޫމާތު ދެ ފަހަރެއްގެ މަތިން ލިބިވަޑައިގެންނެވި ކަމަށާއި މި ގޮތުން، ހަތިޔާރުގެ ހެވި ކަމުގެ ހަރަކާތެއްގެ ތެރޭގަޔާއި ވިހަ ކެމިކަލެއް ބޭނުންކޮށްގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނު ކަމަށް މައުލޫމާތު ލިބުނު ކަމަށް ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެފައިވާ އޯޑިއޯއެއް އާންމުކޮށްފި އެވެ.
"އެމްޑީޕީގެ ކާމިޔާބު އަހަރު 2013"ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި އާންމު ކުރި އޯޑިއޯއަކީ ކޮމިޝަން އޮފް ނެޝަނަން އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީއަށް ހަމީދު ދެއްވި މައުލޫމާތުގެ އޯޑިއޯއެކެވެ. ހަމީދު ފާހަގަ ކުރެއްވި ގޮތުގައި ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅުނީ 2010 ވަނަ އަހަރު އާއި 2011 ވަނަ އަހަރުގަ އެވެ.
އެ ދެ ހާދިސާ ތަފްސީލު ކޮށްދެއްވަމުން ހަމީދު ވިދާޅުވެފައި ވަނީ 2010 ވަނަ އަހަރު ސިފައިންގެ ފަރާތުން ރާޅުގަނޑުގައި ބޭއްވި "ފަޔާ ޕަވާ ޑެމޮސްޓްރޭޝަން"އެއް ގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ރާވާފައިވާ ކަމުގެ މައުލޫމާތު ސިފައިންގެ 10 ބޭފުޅަކު ފުލުހުންގެ އިންޓަލިޖެންސާ ހިއްސާކޮށްފައިވާ ކަމަށެވެ.
"އެއް ހާލަތަކީ އަޅުގަނޑު ހަނދާންވާ ގޮތުން 2010 ވަނަ އަހަރު ސިފައިންގެ ފަރާތުން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ފަޔާ ޕަވާ ޑެމޮސްޓްރޭޝަންއެއްގައި، އެ މީހުންގެ ހަތިޔާރު ނުވަތަ ފަޔާ ޕަވާ ދައްކާލުމުގެ ހަރަކާތެއްގައި އެކަން [ރައީސް ނަޝީދު އަވަހާރަކޮށްލަން] ރާވާފައިވާ ކަން. ސިފައިންގެ އެކި ފަންތީގެ، އޭގެ ތެރޭގައި އެކި ކަމިޝަން، ލެފްޓިނެންޓުން ފެށިގެން ގޮސްފަ، ރޭންކުގެ ސިފައިންތަކެއް، ގާތްގަނޑަކަށް އަޅުގަނޑު ހަނދާން ވަނީ 10 ވަރަކަށް ސިފައިން އަޅުގަނޑުމެންނާ އެ ވާހަކަ ހިއްސާ ކުރި،" ހަމީދު ކޮމެޓީއަށް ކިޔައިދިނެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދެވަނަ ފަހަރަށް ރާވާފައިވާ ކަމުގެ މައުލޫމާތު ލިބުނީ 2011 ވަނަ އަހަރުގައި ކަމަށެވެ. އެ ހާދިސާއަކީ މަޖިލިސް މެންބަރެއްގެ ބެލުމުގެ ދަށުގައި ހުންނަ ގުދަނެއްގައި ރައްކާކޮށްފައި ހުރި "ޓޮކްސިކް ކެމިކަލް"އެއް ބޭނުންކޮށްގެން 'ޕްލޮޓެއް' ރާވައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅުނު ހާދިސާއެއް ކަމަށެވެ.
"އެމްޕީއެއްގެ ބެލުމުގެ ދަށުގައި ހުރި ގުދަނެއްގައި މިޒާތުގެ ކެމިކަލެއް ސްޓޯކޮށްފައި ހުރި ވާހަކަ. ދެން މީގެ މަގުސަދަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރި ނަޝީދަށް އެ ހަމަލާ ދިނުން ކަމަށް އެކަހަލަ ވާހަކަތަކެއް ފެންމަތިވި،" ހަމީދު ވިދާޅުވި އެވެ.
އެފަދަ ކެމިކަލެއް ހުރީ ކޮން ބޭފުޅެއްގެ ގުދަނުގައި ތޯ ކާށިދޫ ދާއިރާގެ މެމްބަރު ސުވާލު ކުރެއްވުމުން ހަމީދު ވިދާޅުވީ އެ ވިހަ ކެމިކަލް ހުރީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް)ގެ ބެލުމުގެ ދަށުގައި ހުރި ގުދަނެއްގައި ކަމަށެވެ.
ހަމީދު ވިދާޅުވީ ވިހައެއް ބޭނުންކޮށްގެން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅުނު ވާހަކައަކީ ސައްހަ ވާހަކަތަކެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެކަމާ ގުޅޭ ގޮތުން ރައީސް ނަޝީދުގެ ހަށިފާރަވެރިން ކަމުގައިވާ އެމްއެމްޑީއެފްގެ ސްޕެޝަން ޕްރޮޓްކްޝަން ގްރޫޕް (އެސްޕީޖީ)އާ މަޝްވަރާ ކުރެއްވި ކަމަށެވެ.
ވެރިކަން ބަދަލުވި ދުވަހު ފެބްރުއަރީ 7، 2012 ގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނާ ދެމެދު ބަދަލު ކުރެވުނު މުހިއްމު އެސްއެމްއެސްއެއްގެ ވާހަކަ ކޯނީއަށް ދެއްވި ކަމަށް ހަމީދު ވިދާޅުވި އެވެ.
އެ މެސެޖަކީ ރައީސް މައުމޫން ޔާމީނަށް ފޮނުއްވި މެސެޖެއް ކަމަށާއި އެ މެސެޖުގައި މައުމޫން ޔާމީން އަރިހުން އައްސަވާފައި ވަނީ މެސެޖުތަކަކީ ސިއްރު މެސެޖުތަކެއްތޯ އެވެ. ޖަވާބުގައި ހުރިހާ މެސެޖުތަކެއް ސިއްރުކޮށްފައިވާ ކަމަށް ވިދާޅުވެ 'ޔެސް ސާ' އޭ ވިދާޅުވެ ޔާމިން މެސެޖު ކުރެއްވި ކަމަށް ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވި ގޮތުގައި އެ މެސެޖުން އެނގިގެންދަނީ ސިއްރު ވާހަކަތަކެއް އެ ދެ ބޭފުޅުން ދައްކަވަން ބޭނުންފުޅުވާ ކަން ކަމަށެވެ.
"އެ މެސެޖުގައި މިއޮންނަނީ 'އާރ އޯލް އެސްއެމްއެސް އިންޓާސެޕްޓެޑް'. (ހުރިހާ އެސްއެމްއެސް ވަނީ ސިއްރުކުރެވިފައިތަ؟) ޔާމިން އަބްދުލް ގައްޔޫމް ޖަވާބު ދެއްވާފައި ވަނީ 'ޔެސް ސަރ. އޯލް އެސްއެމްއެސްއާ އިންޓާސެޕްޓެޑް. އެ ނަންބަރަކީ ދިރާގުގައި ރަޖިސްޓްރީކޮށްފައި އޮތް ނަންބަރަކަށް ވާތީ ކޮންބޭފުޅަކަށް، ޔާމިންފަދަ ބޭފުޅަކު 'ސާ' އޭ ކިޔައި މުހާތަބު ކުރައްވާނީ ކޮން ބޭފުޅަކާތޯ ބަލަން ބޭނުންވެގެން. އޭގެއިން އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ ކޮންސިލްޑް ކޮމިއުނިކޭޝަންތަކެއް ހިންގަވަން ބޭނުންފުޅުވާކަން. ސިޔާސީ އިސް ވެރިންތަކެއް. އެ ނަންބަރަކީ ލޮސްޓް ޕެރަޑައިސް މޯލްޑިވްސްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރެއް. އަޅުގަނޑުމެން އޭގެ އޯޑިއޯ އިންސްޓެޕްޓުކޮށް ބެލިއިރުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަނެއްކޮޅުގައި އެ ފޯން ބޭނުން ކުރަމުން ގެންދެވީ،"