ދައުލަތުގެ ރައްކާތެރިކަމުގެ ދަށުގައި ތިބެންޖެހޭ ދެ ކުއްޖަކު މާފުށީ ޖަލުގައި އެބަތިކަމަށާއިއެ ކުދިން ކުޑަކުދިން ބޭތިއްބުމަށް ހަމަޖެހިފައިވާ ރައްކާތެރިތަނަކަށް ބަދަލުކުރުމަށް ހިއުމަންރައިޓްސް މިނިސްޓްރީ އަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗުއާރުސީއެމް) އިން އަންގައިފި އެވެ.

އެޗުއާރުސީއެމް އިން ރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ކުރިން ކ. ވިލިނގިލީ ކުޑަ ކުދިންގެ ހިޔަލުގައި ތިބި އެ ދެ ކުދިން ހަފްތާއަކަށް ވުރެ ގިނަ ދުވަހު ދޫނިދޫގައި ބަންދުކޮށްފައި ބޭތިއްބުމަށް ފަހު މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"(އެ ކުދިން) މާފުށީ ޖަލުގައި ބޭތިއްބުމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދެ ވަނަ ބާބުގެ 35 ވަނަ މާއްދާގެ (ހ)ގައި ބަޔާންވެފައިވާ، ކުޑަ ކުދިންނަށް ލިބިދޭ ޚާއްސަ ރައްކާތެރިކަމާ ޚިލާފަށްކޮށްފައިވާ ކަމެއް،" އެޗުއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

އެޗުއާރުސީއެމްގެ ބަޔާނުގައި އެ ކުދިންގެ އުމުރުފުރައެއް ހާމަކޮށްފައެއް ނުވެ އެވެ.

އެޗުއާރުސީއެމް އިން ބުނީ އެ ކޮމިޝަނަށް ދައުލަތުގެ އިދާރާތަކުގެ އެއްބާރުލުން ނުލިބުމުގެ އިތުރުން، ކޮމިޝަނުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ހަގީގަތާ ޚިލާފު މަޢުލޫމާތު ދީފައިވާކަން ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަކުރެ އެވެ.

އެޗުއާރުސީއެމް އިން ބުނީ މިކަމުގައި އަނިޔާލިބިފައިވާ ކުދިންގެ ހައްގުތައް ހިމާޔަތްކޮށް އެ ކުދިން ރައްކާތެރި ތަނަކަށް ގެންދިޔުމަށް އެންގުމުގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.