މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ހިފާފައިވާ އިންޑިޔާގެ ޖީއެމްއާރު ކުންފުނިން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ހަރަދުކުރަން 360 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނެއް ހޯދަން އިންޑިއާގެ އެގްޒިސް ބޭންކުގައި އެދިއްޖެ އެވެ.


މަޝްހޫރު ވިޔަފާރި ނިއުސް އޭޖެންސީ، ބްލޫމްބާގްގެ ވެބްސައިޓުގައި މާލޭ އެއާޕޯޓް 25 އަހަރު ދުވަހަށް ކުއްޔަށް ހިފާފައިވާ އިންޑިޔާ ކުންފުނީގެ ސީ.އީ.އޯ ސިދާރްތު ކަޕޫރާ ހަވާލާދީ، ބުނެފައި ވަނީ، 12 އަހަރު ދުވަހުގެ ތެރޭ އަނބުރާ ދައްކާ ގޮތަށް ނަގާ 360 މިލިއަން ޑޮލަރުގެ ލޯނު އެގްރިމެންޓްގައި މި މަހުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.


 އެގްޒިސް ބޭންކްގެ އޮފިޝަލަކާ ހަވާލާދީ އެ ވެބްސައިޓުގައި ބުނަނީ، ޖީއެމްއާރަށް ލޯނު ދިނުމާ ގުޅޭ ގޮތުން އެގްޒިސް ބޭންކުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެކަމާ ބެހޭ ގޮތުން މިވަގުތު ވާހަކަ ދެއްކެން ނެތް ކަމަށެވެ.


މި މަސް ނިމުމުގެ ކުރިން ޖީއެމްއާރުން ހޯދުމަށް މަސައްކަތްކުރާ ލޯނަކީ، އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ޖީއެމްއާރުން ސަރުކާރާ އެކު އެއްބަސްވެފައިވާ 380 މިލިއަން ޑޮލަރުގެ ގާތްގަނޑަށް 95 ޕަސަންޓު ފައިސާ އެވެ.


މާލޭ އިންޓަނޭޝަލް އެއާޕޯޓު ކުއްޔަށް ދިނީ، ޖީއެމްއާރާ އެކު މެލޭޝިޔާ އެއާޕޯޓްސް ހޯލްޑިން އިން ވެސް ބައިވެރިވާ ގޮތަށެވެ. އެގޮތުން އެއާޕޯޓު ތަރައްގީކޮށް ހިންގުމުގައި، ޖީއެމްއާރުން 77 ޕަސަންޓު އަދި މެލޭޝިޔާ އެއާޕޯޓްސް އިން 25 ޕަސަންޓު ހިއްސާވާނެ އެވެ.


އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ދަނިކޮށް ސަރުކާރުން އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިނީ، ފުރަތަމަ ހަތަރު އަހަރު ތެރޭ އެއާޕޯޓަށް ލިބޭ ޖުމްލަ އާމްދަނީގެ އެއް ޕަސެންޓް އަދި 2015 ވަނަ އަހަރުން ފެށިގެން ކޮންޓްރެކްޓުގެ މުއްދަތު 2035 ވަނަ އަހަރާ ހަމައަށް ހަމަވަންދެން، އާމްދަނީގެ 10 ޕަސެންޓް ސަރުކާރަށް ދޭ ގޮތަށެވެ.


މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ކުއްޔަށްހިފި، ޖީއެމްއާރުން ނޮވެމްބަރު މަހު އެއާޕޯޓު ހިންގުމާ ހަވާލުވުމުގެ ކުރިން 78 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މަހްމޫޒް ރާޒީ ވިދާޅުވި އެވެ. އެ އަދަދު ސަރުކާރަށް ދައްކަން ޖެހެނީ މި އޮކްޓޫބަރު މަސް ނިމުމުގެ ކުރިންނެވެ.


"ކޮންސެޝަން އެއްބަސްވުމުގައި ބުނެފައި އޮންނާނެ އެކި މުއްދަތުތަކުގައި ފުރިހަމަކުރަން ޖެހޭ އެކި ކަންތައްތައް. އެ އެއްބަސްވުމުގައި ޖީއެމްއާރްއާ ޝަރުތުކޮށްފައިވާނެ އެޑްވާންސްގެ ގޮތުގައި 78 މިލިއަން ޑޮލަރު ސަރުކާރަށް އޮކްޓޫބަރު ނިމުމުގެ ކުރިން ދައްކަން" މިނިސްޓަރު ވިދާޅުވި އެވެ. 


އެ ފައިސާ ނުދައްކައިފި ނަމަ ކިހިނެއްތޯ ހައްދަވާނީ ދެންނެވުމުން މިނިސްޓަރު ރާޒީ ވިދާޅުވީ، ޖީއެމްއާރުން ކަނޑައެޅިފައިވާ ޓައިމް ފްރޭމް (ވަގުތުތަކުގައި) ތެރޭގައި ކުރަން ޖެހޭ ކަންކަން މިހާތަނަށް ފުރިހަމަކޮށްފައިވާ ކަމަށާއި އެޑްވާންސް ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.


ރާޒީ ވިދާޅުވީ ލޯނަށް ސިކިއުރިޓީ ހޯދުމަކީ ޖީއެމްއާރުގެ ކަމެއް ކަމަށާއި ދިވެހި ސަރުކާރުން އެ ލޯނަށް ސިކިއުރިޓީ ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.