ހއ. މޮޅަދޫ ހުރިހާ ކައުންސިލަރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ސޮއިކުރައްވައިފި އެވެ.

އަމިއްލަ ގޮތުން ހޮވިވަޑައިގެން، މިހާތަނަށް އެއްވެސް ޕާޓީއަކާ ގުޅިވަޑައިގެންފައިނުވާ އެ ފަސް ކައުންސިލަރުން ސޮއިކުރެއްވީ އެމްޑީއޭގެ ފަރާތުން މެންބަރުން އިތުރު ކުރުމަށް ހއ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރަމުން އަންނަ ދަތުރުގައި ރޭ މޮޅަދޫގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.

އެ ޖަލްސާގައި އެމްޑީއޭ އަށް ސޮއި ކުރެއްވީ މޮޅަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝިޔާމު އާއި ނާއިބު ރައީސް އަލީ ރިޔާޒާއި ކައުންސިލް މެންބަރުން ކަމަށްވާ އަލީ ނަޖީބާއި އަހްމަދު އަލީ އާއި އިބްރާހިމް އާދަމެވެ.

އެމްޑީއޭއަށް ސޮއިކުރެއްވުމަށް ފަހު މޮޅަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝިޔާމު ވިދާޅުވީ، އެމްޑީއޭއާ ގުޅިވަޑައިގެންނެވީ، އެ ޕާޓީގެ ހަރުދަނާ، ތަރައްގީގެ ސިޔާސަތުގެ ސަބަބުން އެ ރަށުގެ ތަރައްގީ، އާ އުސްމިންތަަކަކަށް ގެންދެވޭނެ ކަމުގެ ޔަގީން ކަމާއި އިތުބާރު އޮތުމާއި، މުޅި ގައުމުގެ ޒުވާނުންނަށާއި މުސްކުޅިންގެ ތަރައްގީއަށް އެ ޕާޓީއާ ގުޅިގެން އިތުބާރު ހުރި މަސައްކަތްތަކެއް ކޮށްދެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

މޮޅަދޫގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުުޅު ދައްކަވަމުން އެމްޑީއޭގެ އިންތިގާލީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމު މުހައްމަދު ވިދާޅުވީ، ގައުމުގެ ތަރައްގީ އެއްދުވަހުން އަނެއްދުވަހަށް ދަށަށްދާ އިރު އެކަމަށް ރައްޔިތުން ހޭލާންޖެހިފައިވާ ކަމަށެވެ. އަދި ގައުމުގެ ތަރައްގީއަކީ ރިވެތި އަހްލާގެއްގެ ތައުލީމީ މުޖުތަައެއް އުފައްދައި ރަނގަޅު ސިއްހަތެއްގައި ތިބުމަށް ޓަކައި ސިއްހީ ދާއިރާ ތަރައްގީކޮށް، އުފާވެރި ދިރިއުޅުމަކަށް ޓަކައި ރަށްފުށުގެ މަލީ ހާލަތު ރަނގަޅުކޮށް ތަރައްގީ ކުރުން ކަމަށެވެ. ގައުމަށް އެފަދަ ތަރައްގީއެއް ގެނައުމަށް ވީހާ ވެސް ގިނަ ރައްޔިތުން އެމްޑީއޭއާ ގުޅުމަށް ވެސް ސިޔާމު ގޮވައިލެއްވި އެވެ.

ހއ.ގެ ބައެއް ރަށްރަށަށް އެމްޑީއޭ އިން މިހާރު ކުރަމުން އަންނަ ދަތުރުގައި ޕާޓީގެ އިންތިގާލީ ލީޑަރު އަހްމަދު ސިޔާމު މުހައްމަދު ވަނީ އެ އަތޮޅު މާރަންދޫ އަށް ވެސް އިއްޔެ ޒިޔާރަތް ކުރައްވައިފަ އެވެ.

އެ ރަށުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުުޅުގައި، ގައުުގެ އިސްތިގްލާލާ މިނިވަން ކަމަކީ، ރައްޔިތުން ފުދުންތެރި ބަޔަކަށްވުންކަން ފާހަގަ ކުރައްވައި ސިޔާމު ވިދާޅުވީ، އެކަމަށްޓަކައި ރަނގަޅު ތައުލީމީ ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށްޓަަކައި ހުރިހާ ރައްޔިތުން މަސައްކަތްކުރަން ޖެހިފައިވާ ކަމަށާއި އެމްޑީއޭގެ ބޭނުމަކީ ގައުމަށް އެ ތަރައްގީ ގެނައުން ކަމަށް ވެސް ވިދާޅުވި އެވެ. ސިޔާމު ވިދާޅުވީ، ގައުމުގެ ސިއްހީ، މާލީ އަދި ތައުލީމީ ހާލަތު މިހާރު އެތައް އަހަރެއް ފަހަތަށް ގޮސްފައިވާ ކަމަށެވެ.